ވާހަކަ

ދީވާނާ ހިތް - 36

6

މަންޝާ ތެދުވެގެން ހިނގައިގަތެވެ. ނަޒާންގެ ހިތަށް އެތައް އަނިޔާއެއް މިހާރުވެސް އޭނާއަށް ދެވިއްޖެއެވެ. އެވާހަކަތައް ދައްކައިގެން އިތުރަށް ނަޒާނަށް އަނިޔާދޭކަށް މަންޝާ ބޭނުމެއް ނުވެއެވެ. ނަޒާންގެ މަތިން ހިތަށް އެރިޔަސް އޭނާގެ ހިތަށް އަރައިގެން ދަނީ ތޫނު ތަދެކެވެ. އެއި ކޮންކަހަލަ ތަދެއް ކަމެއް ދުލަކުން ގަލަމަކުން ބަޔާންކުރަން އޭނާއަށް ދަތިވެއްޖެއެވެ.

*****

މެންދުރުފަހު ދެގަޑި ތިރީސްހާއިރެވެ. ސީލީންގަށް ނަޒަރު ހުއްޓާލައިގެން ނަޒާން އޮތެވެ. އޭނާ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ދަންވަރު ޑިއުޓީ ނިންމާފައި އައިފަހުން އަދި އޭނާ ނުނިދައެވެ. އޭނާގެ ހިތްވަނީ މާޔޫސްވެފައެވެ. ދެލޮލުން ކަރުނަ ނުފައިބައެވެ. އެހެންނަމަވެސް އޭނާގެ ހިތް އެބަރޮއެވެ. އެހެން މީހަކަށް އަޑު ނީވުނަސް އެކަން އޭނާއަށް އިހުސާސް އެބަވެއެވެ. ލޮލަށް ނިދި ނައިސްގެން އުޅެނީވެސް ހިތާއި ސިކުނޑީގައި ކެކުޅުންތައް ގިނަވެގެންނެވެ. ބާލީސް ކައިރީގައި އޮތް ފޯނު ނަގާފައި އޭނާ ބަލައިލިއެވެ. ތިނެއް ޖަހަން ގާތްވެއްޖެއެވެ. އަށެއް ޖަހާއިރު މަންޝާ ކޯޓަށް ވަންނާނެއެވެ. އަށްގަޑި ބައި ނުވަނީސް މީހެއްގެ އަންބަކަށް މަންޝާ ވާނެއެވެ. ކޯޓުން ނުކުންނަ އިރު އޮންނާނީ މަންޝާގެ ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށިފައެވެ. އެހެން މީހެއް މަންޝާގެ އުނގުން އުފާ ހޯދާ މަންޒަރު ބަލަން އޭނާ ޖެހޭނީ ދުރުގައި ހުންނާށެވެ. ގެންނަން ބޭނުންނުވާ ވިސްނުމާއި ފިކުރުތަކުގެ ސަބަބުން ނަޒާންގެ ބޮލުގައި ރިހެން ފެށިއެވެ. އޭނަ އިންތިހާ ދަރަޖައަށް ދެރަވެއްޖެއެވެ. އެންމެފަހުން އެނދުން ތެދުވެގެން ހިނގައިގަތެވެ. ކޮޓަރިން ބޭރަށް ނުކުތްއިރު ގޭތެރެއިން އެއްވެސް މީހަކު ފެންނަން ނެތެވެ. ހުރިހާ މީހުން އެވަގުތު ވާނީ ވަޒީފާއަށް ގޮސްކަން ނަޒާނަށް އެނގުނެވެ. އެހެންނަމަވެސް އެމީހެއްގެ ލޯތްބާއި ހިމާޔަތް އޭނާ އެންމެ ބޭނުންވާ އިންސާނާ ގޭތެރޭގައި އުޅޭނެކަން އޭނާއަށް އެނގެއެވެ. ފުރަތަމަވެސް އޭނާ ހިފީ މާޝިތާގެ ކޮޓަރީގެ ތަޅުގައެވެ.

ދޮރުހުޅުވުނު އަޑަށް އެނދުގައި އިން މާޝިތާ ބަލައިލިއެވެ. ނަޒާން ވަދެގެން އައިސް ކައިރީގައި އިށީނެވެ. ވުޟޫކޮށްގެން ނުކުމެ މާޝިތާ އިނީ ނަމާދަށް އަރަން ތައްޔާރުވެގެން ބަންގީގެ އިންތިޒާރުގައެވެ.

"ހޭލެވުނީތަ؟ ކާންތަ ބޭނުމީ؟ ނޫނީ ހެދިކާ އާއި ސައިތަ؟" މާޝިތާ އެހިއެވެ.

ނަޒާން ބަހެއް ނުކިއިއެވެ. މާޝިތާ ހައިރާންވިއެވެ. އެނދަށް ނަޒާން އެރިއެވެ. މާޝިތާގެ އުނގުގައި ބޯއަޅާފައި ދެފައި ކުރުގަޅުވާލާފައި މެއާ ގާތްކުރިއެވެ. ނަޒާންގެ އެ އަމަލުން މާޝިތާގެ ހިތުގައިޖެހުނެވެ. އޭނާ އެއްއަތުން ނަޒާންގެ ބޮލުގައި ފިރުމަމުން ދިޔައެވެ.

"އަޅުގަނޑުގެ ފުރަތަމަ ލޯބި އަޅުގަނޑަށް ގެއްލިއްޖެ މަންމާ. އަޅުގަނޑު ކިހައި ނަސީބުދެރަ" ނަޒާން ބުންޏެވެ. ނަޒާންގެ އަޑު އައިގޮތުން އެކަނިވެސް އޭނާގެ ހިތަށް ކޮށްފައިވާ ފުންއަސަރުތައް މާޝިތާއަށް ފާހަގަވިއެވެ. އިންތިހާއަށް އޭނާ ދެރަވިއެވެ.

"ކެތްކުރަންވާނެ ދަރިފުޅާ. މިދުވަސް މާޒީވެގެން ހިނގައިދާނެ""

މާގިނައިރެއް ނުވެއެވެ. ނަޒާންގެ ގިސްލުމުގެ އަޑު މާޝިތާގެ ކަންފަތުގައި ޖެހުނެވެ. އެތެރެ އެތެރެއިން އެތައް ހަނގުރާމައެއް ކުރުމަށްފަހު އެންމެފަހުން ނަޒާން ފަޅައިގެން ހިނގައްޖެއެވެ. ނަޒާނަށް ރޮވިއްޖެއެވެ. ހިތްވަރުކުރަން އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ކެތްކުރެވުނީ ވަކި ވަރަކަށެވެ. މިހުރިހާ ދުވަހަކަށް ވާވަރަށް އޭނާ ރޯން ބޭނުންވިއެވެ. މާޝިތާ އޭނާ ހިފަހައްޓަން މަސައްކަތެއް ނުކުރެއެވެ. އިހުސާސްތައް ހިފަހައްޓަން މަސައްކަތް ކުރި ވަރަކަށް ހިތުގައި އަޅާ ވޭން ހައްތަހާ ގަދަވާނީއެވެ. ކަރުނައިގެ ސިފައިގައި ނަމަވެސް އެ އިހުސާސްތައް ބޭރުކޮށްގެން ނަޒާންގެ ހިތަށް ހަމަޖެހުން ލިބޭނެއެވެ. މަޑުމަޑުން ނަޒާންގެ ބޮލުގައި ފިރުމަމުންދިޔަ މާޝިތާގެ ދެލޮލުން ކަރުނައިގެ ރޮނގެއް ދެމިގެން ދިޔައެވެ. ބޮޑުވެފައި ހުރި ފިރިހެން ދަރިއަކު ލޯތްބަށްޓަކައި ހިތުގައި ޖެހި ރޯ މަންޒަރު ބަލަން ކެތްތެރިވެވޭނީ ކޮން މަޔަކަށް ހެއްޔެވެ؟ އަސުރު ނަމާދު ބަންގީގެ ފުރަތަމަ ކަލިމަ މާޝިތާގެ ކަންފަތުގައި ޖެހުނީ އޭނާ އެހެން އިންދައެވެ.

*****

މަޣްރިބް ނަމާދަށްފަހު މަންޝާ ތައްޔާރުވާން ފަށައިފިއެވެ. އޭނާ ލައިގެން ހުރި ރަތްކުލައިގެ މަހުމާ ފޮތީގެ ދިގު މިޑީގައި ހުރީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ކައިރީގައި މޭކަޕްކޮށްދޭން އަންހެން ކުއްޖަކު ހުރިއިރު އެދުގައި އިށީނދެގެން އިނީ ހަމްރާއެވެ. މަންޝާގެ އެ ކައިވެންޏަކީ ހަމްރާ މާބޮޑު ސަޕޯޓެއްދޭ ކައިވެންޏެއް ނޫނެވެ. އެހެންނަމަވެސް އެކުވެރިޔާގެ ހަޔާތުގައި އަންނަ އެންމެ ބޮޑު އެއްދުވަހު އޭނާ ދުރުގައި ހުންނަން ބޭނުން ނުވިއެވެ. އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ވަގުތުތަކުގައިވެސް އަދި އެންމެ ހިތާމަވެރި ވަގުތުތަކުގައިވެސް އެންމެ ގާތުގައި ހުރީ މަންޝާއެވެ.

"މި ނިމުނީ" ރީތިކޮށްދޭން ހުރި އަންހެންކުއްޖާ ވާހަކަދެއްކި އަޑަށް ހަމްރާ އެނދުން ތެދުވިއެވެ. އޭނާ އައިސް ހުއްޓުނީ މަންޝާގެ ކުރިމަތީގައެވެ. މަންޝާއަށް ހިނިތުންވުމެއް ދީފައި އެއްޗެއް ނުބުނެ ހަމްރާ ހުރީ ރީތިކޮށްދޭން އައި ކުއްޖާ ކޮޓަރިން ނުކުންނަންދެކަށެވެ.

"އަހަރެން ރީތިތަ؟" މަންޝަ އެހިއެވެ.

"ވަރަށް ރީތި. މާޝާﷲ. ތިހެދުމާއި މޭކަޕާ ވަރަށް ގުޅޭ. ތިއީ ރީތި ކުއްޖެއްނު. އެކަމަކު އަހަރެންނަށް އެންމެ ފުރިހަމަކަމެއް ނުފެނޭ" ހަމްރާ ބުންޏެވެ.

"ތިބުނީ؟" މަންޝާ ބުންޏެވެ.

"ކީއްވެކަމެއް ނޭނގޭ. އަހަރެންނަށް ހިއެއްނުވޭ މަން އެހާ ހެޕީހެނެއް" ހަމްރާ ބުންޏެވެ.

މަންޝާ ހީލިއެވެ. އެނާ ހަމްރާގެ ކުރިމަތިން ދުރަށްގޮސް ހުއްޓުނީ އަނެއްކާވެސް ލޯގަނޑު ކައިރީގައެވެ. އޭނާގެ އަމިއްލަ ސޫރައަށް ބަލައިލާފައި އަމިއްލަ ހިތާ އޭނާ ސުވާލުކޮށްލިއެވެ. ހަގީގަތުގައިވެސް އޭނާގެ ކައިވެނި ކުރެވެނީ ހެއްޔެވެ؟ އޭނާ މީހެއްގެ އަންބަކަށް ވަނީ ހެއްޔެވެ؟ ޔަގީނެވެ. ކައިވެންޏަށްފަހު އޭނާ އުޅޭ އުފާވެރި ދިރިއުޅުން ފެނިފަ ހުރިހާ މީހުން އުފާކުރާނެއެވެ. އޭނާގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަން އެންމެން ގަބޫލު ކުރާނެއެވެ.

ކުއްލިއަކަށް މަންޝާ ބަލައިލީ ކޮޓަރި ދޮރުހުޅުވާލި އަޑަށެވެ. އެތެރެއަށް ވަދެގެން އައީ ދިލްޝާދާއި މިހާދެވެ. މައިންބަފައިން ފެނުމުން މަންޝާ ހީލިއެވެ. މިހާދު ދެއަތް ހުޅުވާލުމާއެކު މަޑުމަޑުން ހިނގާފައި އައިސް މިހާދުގެ ދެއަތުގެ ތެރެއަށް މަންޝާ ވަނެވެ. މިހާދުގެ ދެލޮލުން ކަރުނަ ނީރާލީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަޅާފައިވާ ނަންބަރު އައިނުގެ ދަށުން ފޭދުނު ކަރުނަތިކި ފޮހެލާފައި އަންހެންދަރިފުޅުގެ ބުރަކަށީގައި މިހާދު ފިރުމާލިއެވެ.

"މާގިނަ ވަގުތެއް ނެތް. އިޝާނަމާދުކޮށްގެން ދަރިފުޅު ނުކުންނައްޗެ. މަންމަމެނާއެކު ކާރުގަތަ ދާނީ ނޫނީ ޝައިހާނު އަންނާނެތަ ބަލާ" މަންޝާގެ ބޮލުގައި ފިރުމައިލަމުން ދިލްޝާދު ބުންޏެވެ.

"މަންމަމެންނާއެކު ދާނީ" މަންޝާ ބުންޏެވެ.

ނުކުންނަންދިޔަ ދިލްޝާދުގެ ދެމަފިރީން ކުއްލިއަކަށް ހުއްޓުނީ ދޮރަށް އެރި ޔަލާ ފެނިފައެވެ. ޔަލާ އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. ސުވާލެއް ނުކުރެވެނީސް ޔަލާގެ ފަހަތުން އައިސް ހުއްޓުނު ނަޒާން ފެނި މިހާދާއި ދިލްޝާދު އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. މަންޝާއަށް ނަޒާން ފެނުމާއެކު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބި އިރު އެތަނުގައި އެހެން ބަޔަކު ތިބިހެނެއް ދެ ޒުވާނުންނަށް އިހުސާސެއް ނުވެއެވެ. ދިލްޝާދުގެ ދެމަފިރިން މަޑުމަޑުން ކޮޓަރިން ނުކުތެވެ.

"އަހަރެންނަށް ކުޑަވަގުތުކޮޅެއް ލިބިދާނެތަ؟" ހަމްރާއަށް ނަޒާން ބުންޏެވެ. ބޯޖަހާލާފައިވެސް ހަމްރާ މަޑުކޮށްލިއެވެ. މަންޝާ ހިތްހަމަނުޖެހިދާނެ ކަމަށެވެ. އެހެންނަމަވެސް މަންޝާގެ ފަރާތުން ފެންނަމުންދިޔަ މަންޒަރުތަކުން ހަމްރާއަށް ލިބުނީ ހައިރާން ކަމެވެ. ނަޒާންގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް މަންޝާ ނަޒަރު ވަކިކޮށް ނުލައެވެ. ހަމްރާ އެ ކޮޓަރިން ނުކުތުމުން ނަޒާން މަންޝާގެ ގާތަށް ޖެހިލިއެވެ. މަންޝާއަށް ހިނިތުންވެލިއެވެ.

"ނަޒާން ތިހުރީ އުފަލުންތަ؟" ކުރިން ވާހަކަދެއްކީ މަންޝާއެވެ.

"ވަރަށް ބޮޑަށް. އަހަރެން ކުރިމަތީގައި ތިހާ ރީތި އަންހެންކުއްޖެއް ހުރިއިރު އަހަރެން އުފާނުވެ ހުންނާނެތަ؟" ނަޒާން ބުންޏެވެ.

"އިރުކޮޅަކުން އަހަރެންގެ ކައިވެނި ކުރެވޭނެ" މަންޝާ ބުންޏެވެ.

"ހެހެހެ... ހިތަށްއަރާ މަން އިންނަން އުޅޭ މީހާއަކީ އަހަރެން ނަމައޭ" އަސަރާއެކު ނަޒާން ބުންޏެވެ.

މަންޝާ އިސްޖަހާލިއެވެ. އޭނާ އިސްއުފުލާ ބަލައިލީ ނަޒާން އޭނާގެ އަތްތިލައިގައި ހިފަހައްޓާލުމުންނެވެ. ލޯގަނޑު ކައިރީގައި މަންޝާ ބަހައްޓާފައި ނަޒާން މަންޝާގެ ފުރިހަމަ އިސްކޮޅަށް ބަލައިލިއެވެ. އޭނާ ހިތާހިތުން މަންޝާއަށް ތާރީފްކޮށްލިއެވެ.

"ވަރަށް ރީތި" ނަޒާން ބުންޏެވެ.

އިރުކޮޅަކުން ނަޒާން ނެގީ ރީތިވާ މޭޒުމަތީގައި އޮތް ރަތްކުލައިގެ ލިޕްސްޓިކެވެ. މަންޝާގެ ތުންފަތުގައި މަޑުމަޑުން ލިޕްސްޓިކް އޭނާ ހާކާލިއެވެ. އެއްޗެއް ބުނަން މަންޝާގެ ދެތުންފަތް ހުޅުވުނެވެ. މަޑު ތުރުތުރެއްލާފައިވެސް އިތުރު ހަރަކާތެއް ތުންފަތަށް ނުގެނެވުނެވެ. އެހެންނަމަވެސް އޭނާގެ ކަޅި ހުއްޓިފައި ހުރީ ނަޒާންގެ ދެލޮލަށެވެ. މާނަކުރަން ނޭނގުނަސް އެތައް ވާހަކައެއް ނަޒާނާ އޭނާ ދައްކައިފިއެވެ.

"ނަޒާން..." މަންޝާ ގޮވާލިއެވެ.

"ބުނެބަލަ. އަޑުއަހަން ކައިރީގަ މިހުރީ" ނަޒާން ބުންޏެވެ.

"ކީއްކުރަން ތިއައީ؟" މަންޝާ އެހިއެވެ.

"ކައިވެނީގެ ކުރިން ދެކިލާހިތުން" ނަޒާން ބުންޏެވެ.

"ތިބުނީ ކައވެނީގެ ފަހުން އަހަރެން ދުށުމަށް ނޭދެމޭތަ؟" މަންޝާ ބުންޏެވެ. ހީވީ ނަޒާންގެ އެ ޖުމްލައިން މަންޝާގެ ހިތުގައި ރިއްސާލިހެންނެވެ.

"މަން ބުނީމެއްނު. ހަނދަންނެތުނީތަ؟" ނަޒާން ބުންޏެވެ.

މަންޝާ ތުންފަތުގައި ދަތްއަޅާލިއެވެ. ހިތަށް އެރިއެވެ. "ހަގީގަތުގައިވެސް ނަޒާން އެހުންނަނީ ކައިވެނީގެ ފަހުން އެއްވެސް ސިފައެއްގައި ރަހުމަތްތެރިކަމުގެ ގުޅުމެއް ވެސް ނުބާއްވަން ނިންމައިގެން ހެއްޔެވެ؟ ތެދެކެވެ. އަހަރެން ކިތަންމެ ދުވަހަކު އެހެން ބުނީމެވެ. އެކަމަކު...." ވިސްނުމަކަށް މަންޝާ ގެއްލިގެންދިޔަ ވަގުތު މަންޝާގެ ދެއަތްތިލައަށް ބާރުކޮށްލިއެވެ. ދެން އިސްއޮބާލައިގެން ހުރި މަންޝާގެ ދަތްދޮޅީގެ ދަށަށް އިނގިލި ލައްވައިލުމަށްފަހު މައްޗަށް ހިއްލާލިއެވެ.

"އަހަރެން ކީއްވެތަ މިހާވަރަށް މަންދެކެ ލޯބިވަނީ. ކީއްވެ އަހަރެންނަށް މަން އެހާ ހާއްސައީ. މަން... ނިކަން މިއަށް ޖަވާބެއްދީބަލަ" ނަޒާންގެ ދެލޮލަށް މަންޝާ ބަލައިލިއެވެ. އޭނާއަށް އެސުވާލަށް ޖަވާބެއް ނުދެވުނެވެ. ދުލުގައި ތަޅެއް ލެވިފައި ކަހަލައެވެ.

"އަހަރެން އެދޭ އެދުމެއް އެބައޮތް. އެންމެފަހު އެދުން"

*****

އިޝާނަމާދު ކޮށްގެން ދިލްޝާދު ކޮޓަރިން ނުކުމެ ބަލައިލި އިރު މަންޝާގެ ކޮޓަރި ދޮރުކައިރީގައި ހަމްރާ ހުއްޓާ ފެނުނެވެ. އެތެރޭގައި އަދިވެސް ނަޒާން ހުރިކަން ދިލްޝާދަށް އެނގުނެވެ. ހަމްރާ ކައިރިއަށް ދިޔުމަށް ދިލްޝާދު ހިނގައިގަތެވެ. އެވަގުތަކީ ނަޒާން އެކޮޓަރިން ނުކުމެގެން ދިޔަވަގުތެވެ. ނަޒާން އެއްވެސް މީހަކަށް ބަލައިނުލައެވެ. އޭނާ ސިޑިން ފައިބައިގެން އެދިޔަގޮތަށް ދިޔައީއެވެ.

"ހަމްރާ، މަންޝާ ކައިރީގައި ބުނޭ ނުކުންނާށޭ. އެންމެން މިތިބީ ބޮޑުކޮޓަރީގަ" ދުރުގައި ހުރި ދިލްޝާދު ބުންޏެވެ.

ހަމްރާ ބޯޖަހާލާފައި އެތެރެއަށް ވަނެވެ. ލޯގަނޑު ކައިރީގައި ހުރި ގޮނޑީގައި މަންޝާ އިނެވެ. އިސްޖަހައިގެންނެވެ. މަންޝާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ހަމްރާއަށް ފެނުނީ ކުރިމައްޗަށް އެރިފަހުންނެވެ. ހަމްރާ ހިތުގައި ސުވާލު އުފެދުނެވެ. މަންޝާ ދެރަވެ ރޯންވީ ކީއްވެ ހެއްޔެވެ؟ ކައިވެނި އެކުރެވެނީ މަންޝާ ކައިވެނިކުރަން ބޭނުންވި އިންސާނާ އާއެވެ. މަންޝާގެ ހިތަށް ތަދުކުރަނީ ކޮންކަމެއް ހެއްޔެވެ؟ މަންޝާގެ ދިރިއުޅުމަށް އައި އެހާ އުފާވެރި ދުވަހެއްގައި އެހާ ވަރަށް ހިތާމަކުރަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟

"މަން.." ކޮނޑުގައި އަތްޖައްސާލުމާއެކު މަންޝާ ސިހުނެވެ. ހަމްރާއަށް ބަލައިލާފައި މަންޝާ އިސްޖެހިއެވެ. އޭނާގެ ދެލޮލުން ރޮނގަކަށް ކަރުނައެއް ފައިބައިގެން ދިޔައެވެ.

"ކިހިނެއްވީ؟ ނަޒާން ކީކޭ ކިޔައިގެން ތިރޮވެނީ" ހަމްރާ އެހިއެވެ.

"ހަމް، އަހަރެންނަށް މިވަނީ ކިހިނެއްތަ؟ އަހަރެން މިހާވަރަށް ދެރަވަނީ ކީއްވެތަ؟" މަންޝާ ބުންޏެވެ.

"އަހަރެންނަށް ވުރެ ބޮޑަށް ތިކަމެއް އެނގޭނީ މަންއަކަށްނު. އެހެންނޫނަސް މަން ތިކަމާ ވިސްނާ ރޯންވީ ވަގުތު ފާއިތުވެއްޖެ. ވަގުތެއްނެތް. ހިނގާ ދާން" ހަމްރާ ބުންޏެވެ. މަންޝާ އެއްވެސް ހަރަކާތެއް ނުކުރިއެވެ. އިންތަނުން ގުޑާވެސް ނުލިއެވެ.

"އޭތް.. މިއޮށް ގުޅަނީ ދިލްޝާދައްތަ" ހަމްރާ ބުންޏެވެ.

"އަން. ނޭފަތް ސާފުކޮށްލާ. އަވަސްކުރޭ. އަލުން މޭކަޕް ރީތިކުރަން ޖެހުނީނު" ހަމްރާ ބުންޏެވެ. މަންޝާ ހަރަކާތެއް ނުކޮށް އިނުމުން މަންޝާގެ ނޭފަތާއެކު ކަރުނަތައް ސާފުކޮށްދިނީ ހަމްރާއެވެ. މަންޝާއަށް ވެފައި އިންގޮތް އޭނާއަށް ވިސްނިއްޖެއެވެ. ދެރަތަންކޮޅަކީ މަންޝާއަށް އަދިވެސް ގޮތެއް ނިންމަން ދަތިވެގެން އުޅުމެވެ. އެހެންނަމަވެސް މިހާރު މާބޮޑަށްވެސް ލަސްވެއްޖެއެވެ.

"އަވަހަށް ހިނގާ" މަންޝާގެ އަތުގައި ހިފައިގެން ހަމްރާ ހިނގައިގަތެވެ. ކުރިއަށް ހިނގައިގަތަސް މަންޝާގެ ފިޔަވަޅުތައް ލަހެވެ.

"މަން ކިހިނެއް ތިވަނީ؟" ހަމްރާ އެހެން ބުނީ ދޮރާ ހަމައިން މަންޝާ ހުއްޓުމުންނެވެ.

"އޭނަ ބުނީ އަހަރެންގެ ކައިވެންޏަށްފަހު ދެން ދުވަހަކުވެސް ބައްދަލެއް ނުވާނޭ. އިނގޭތަ.. އަހަރެންގެ ތުންފަތުގަ ލިޕްސްޓިކް ގަދަކޮށްފަ މިއީ ނަޒާން. ހަމް.... އަހަރެން ކުރަން މިއުޅޭ ކަމެއްގެ ސަބަބުން ނަޒާންގެ ހިތް އެވަނީ ހަލާކުވެފަ. އަހަރެން ހާދަ ދެރައެބަވެޔޭ. އޭނަގެ ލޮލުން މިރޭ ކަރުނަ އަހަރެން ދެކެފިން. އެކަރުނަތައް ފޮހެދޭން އަހަރެން ބޭނުން...." އަނެއްކާވެސް މަންޝާއަށް ރޮވިއްޖެއެވެ. ކޯތާފަތް މައްޗަށް އެ ކަރުނަތައް ފޭބުމުގެ ކުރިން ހަމްރާގެ އަތުގައި އޮތް ޓިޝޫކޮޅުން ފޮހެލިއެވެ.

"މަން، އިނގޭތަ ތިވާގޮތެއް. ނަޒާންދެކެ ލޯބި......"

"ނޫން.... ނޫން ހަމް. ތިހެން ނުބުނޭ. އަހަރެން އެއްބަހެއް ނުވާނަން. ނުވޭ ނަޒާންދެކެ ލޯތްބެއް. މިހިސާބަށް އައިސް މިކައިވެނި ނުކުރާނަމޭ ބުނީމަ ދެން ވާނީ ކިހިނެއް. ޝައިހާންގެ ހިތްވެސް ހަލާކުވާނީ. އޭރުން އަހަރެންނާ ނަވާލާ އެއްވެސް ތަފާތެއް ނެތެއްނު. މިހާރު އަހަރެން މިވަނީ ފަހަތަށް ފިޔަވަޅު އެޅޭވަރަށް ވުރެ ދުރަށް އައިސްފަ" މަންޝާ ބުންޏެވެ.

"ދެން ކުރާނެ ކަމެއް ނެތް. ދިރިއުޅުމުގެ އާ ދަތުރެއް ފެށުމަށް ފޮށި ތަންމަތި ބަނދެ ތިހިރީ ފުރަން ތައްޔާރުވެފަ. މިފަހަރު ދެން މިދަތުރުގަ ފުރާނީ. އިތުރުގޮތެއް ނެތެއްނު. އަހަރެން އެދެނީ އުފާވެރި ދުވަސްތަކަކަށް"

ހަމްރާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތުމަށް މަންޝާ ހިނގައިގަތެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ފަހުވަގުތު ނަޒާން އެދުނު އެދުމެވެ. އެ އެދުން އޭނާ ފުރިހަމަކޮށްދޭނެއެވެ. ކައިވެންޏަށްފަހު ނަޒާން އޭނާއަށް، އަދި އޭނާ ނަޒާނަށް ގެއްލޭނެއެވެ. ދެމީހުންގެ ދިރިއުޅުން ދެގޮތުގައި ކުރިއަށް ދާނެއެވެ. އެހިސާބުން ޖެހޭނީ އެމީހެއްގެ ދިރިއުޅުމައިގެން އެމީހަކު ކުރިއަށްދާށެވެ. އެކަކުގެ ދިރިއުޅުމަށް ފާޑުކިޔަން އެކަކުވެސް ނުހުންނާނެއެވެ.

"ހާދަ ލަސްވީ. އަވަހަށް ހިނގާ" މަންޝާ އައުމާއެކު ދިލްޝާދު ބުންޏެވެ.

އާއިލާ ހުރިހާ މެންބަރުން ބޭރަށް ނުކުތް އިރު ހުރިހާ މީހުން ތިބީ ދޮރުމަތީގައެވެ. ސައިކަލުގައި ޒަވީއާއެކު ޔަލާ އިނެވެ. ނަވާލާއެކު ތިއާ ވެސް އިނެވެ. އާމިރު އިނީ ކާރުގެ އެތެރޭގައި އޭނާގެ އިންތިޒާރުގައެވެ. އެއިން އެއިން އެއްވެސް މީހަކަށް އޭނާއަށް ސަމާލުކަންނުދެވުނެވެ. ވަށައިގެން އޭނާގެ ދެލޯ ހޯދާލިއެވެ. ނަޒާން އެގޭދޮށުން އަދިވެސް ދުރަށް ނުދެއެވެ.

"އަދިވެސް ހުންނަނީތަ؟ މަންޝާއަށް ލަހެއްނުވޭތަ؟" ދިލްޝާދު ބުންޏެވެ.

"މަންމަމެން ނައްޓާލާ. އަޅުގަނޑުވެސް މިދަނީ" މަންޝާ ބުންޏެވެ.

މަންޝާ ހިނގައިގަތީ ނަޒާން އިން ދިމާލަށެވެ. ހައިރާންވެފައި އެންމެން އެދިމާ ބަލަހައްޓައިގެން ހުއްޓެވެ. އެކަކުވެސް މަންޝާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ގޮސް ހުއްޓުނީ ނަޒާންގެ ސައިކަލު ކައިރީގައެވެ.

"އަހަރެން ގޮވައިގެން ކޯޓަށް ދާނެ ވާހަކަ ނަޒާން ބުނީމެއްނު. އަހަރެން މިއައީ އެ އެދުން ފުރިހަމަކޮށްދޭން" މަންޝާ ބުންޏެވެ. ނަޒާން ހިނިތުންވެލިއެވެ. އޭނާ މަންޝާއަށް ޝުކުރުއަދާ ކުރިއެވެ. ނަޒާންގެ ފަހަތަށް އަރިއަކަށް އަރާ މަންޝާ އިށީނެވެ. ސައިކަލު ކުރިއަށް ދުއްވާލަންދެން މަންޝާގެ އާއިލާ މެންބަރުން ބަލަން ތިއްބެވެ. ކޮންމެ މީހެއްގެ ހިތުގައި ސުވާލު އުފެދިފައެވެ. އެކަކު އަނެކަކުގެ މޫނަށް އެންމެން ބަލައިލީ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ހޯދަން ކަހަލައެވެ.

"ހަމްރާ އާދޭ ދައްތަމެނާއެކު ދާން"

ދުރުގައި ހުރި ހަމްރާއަށް ގޮވާލާފައި ދިލްޝާދު ބުންޏެވެ.

*******

"ބަލަ އަށްގަޑި ބަޔަކީ ކައިވެނިކޮށްދޭ ގަޑި. ދާން ތައްޔާރުވެފައިވެސް ތިހުންނަނީ ކިހިނެއްވެފަ. ރަނުގެ ފައިސާ އަހަރެން ދިނީމެއްނު. މިހާރު ކޯޗެއް ޝައިހާނުއަށް މަދުވަނީ" ކޮޓަރިއަށް އައިސް ވަން ސަމާހާ ބުންޏެވެ. ޝައިހާނު ހުރީ ކޮޓަރި މެދުގައި ކޮޅަށެވެ.

"ކިހިނެއްތިވަނީ؟ ކޮންމެ ރެއަކުވެސް ތިހެން ގައިގަ ތުރުތުރުލާފަ ހީކަރުވާފަ ހޮޑުލާފަ. ރައްޓެހިންނާއެކު ބޭރުގަ އުޅެފަ އަންނަ ދުވަހެއްވިއްޔާ ޝައިހާން އުޅޭނީ ތިހެން. އަހަރެން މިއަހަނީ ކިހިނެއްހޭ ތިވަނީ" ސަމާހާ ވާހަކަދެއްކިއެވެ. ތުރުތުރު އަޅަމުންދިޔަ ޝައިހާންގެ އަތުގައި ސަމާހާ ހިފެހެއްޓިއެވެ.

"މަންމަ ކާރަކަށް ގުޅައިދީބަލަ" ޝައިހާން ބުންޏެވެ.

"ސައިކަލުގަ ޕެޓްރޯލު ނެތީތަ؟ އެއަށް ޕެޓްރޯލު އަޅަން މިއަދު އަހަރެން އަތުން ފަންސާސް ރުފިޔާ ގެންދިޔަ" ސަމާހާ ބުންޏެވެ.

"މަންމައަކަށް ނުވިސްނޭނެ. ކައިވެނިކުރާނަން. އެކަމަކު މަންޝާއަށްޓަކައި ހުރިހާކަމެއް ދޫކޮށެއްނުލެވޭނެ. އަމިއްލަ ނަފްސާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ވޭންހުރި ކަމެއް. މަންޝާ އަހަރެންނާ އެ އިންނަނީ އޭނާގެ ރުހުމުގަ. ދިރިއުޅެން ބޭނުމިއްޔާ އޭނާ ޖެހޭނީ އަހަރެން އަހަރެންގެ ގޮތުގައި ގަބޫލުކުރަން" ޝައިހާން ބުންޏެވެ.

ޝައިހާން ހިނގައިގަތެވެ. ގެއިން ނުކުންނަންދެން ސަމާހާ ބަލަހައްޓައިގެން ހުއްޓެވެ. ޝައިހާން އެބުނި އެއްޗެއް އޭނާ ވިސްނިއެވެ. އެނާގެ އުޅުމަށް ބަދަލު ގެނެވެން ނެތް ކަމަށް ސާފު އިބާރާތުން އެދިޔައީ ބުނެފައެވެ. ސަމާހާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.

******

ކޯޓު ކައިރިއަށް ސައިކަލު މަޑުކޮށްލުމުން މަންޝާ ފޭބިއެވެ. އޭނާގެ އިންތިޒާރުގައި އެންމެން މަޑުކޮށްލައިގެން ތިއްބެވެ. ދިލްޝާދު ގޮވައިލުމުން އެތެރެއަށް ވަންނަން މަންޝާ ހިނގައިގަތެވެ.

"މަންޝާ..." މަންޝާގެ ހަރަކާތްތައް އަވަހެވެ. ހީވީ ނަޒާން ގޮވާލާނެ އިރެއްގެ އިންތިޒާރުގައި އިން ހެންނެވެ.

"އަހަރެން އަދިވެސް.... އިންތިޒާރުކުރަންވީތަ؟ އުންމީދު ކަނޑާލަންވީތަ؟" ނަޒާން ބުންޏެވެ. ނަޒާންގެ އަޑު އައީ ކުރެހިގެންނެވެ.

"ބުނެބަލަ. އަހަރެން އިންތިޒާރުކުރަންވީތަ؟"

މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"ނޫން. އަހަރެން މެރީކުރަނީނު. އަހަރެން ދެން ނުލިބޭނެ. ނަޒާން އެހެންކުއްޖެއް ހޯދާ"

މަންޝާ އެތެރެއަށް ވަދެގެން ދަންދެން ނަޒާން ބަލަން އިނެވެ. ކަރުނަތަކުން ފުރިފައިވި ދެލޮލަށް މަންޝާ ފުސްވެ ގެއްލެންދެން އިނދެފައި އެނާ ސައިކަލު ދުއްވާލިއެވެ. ނުނިދާތާ ސައުވީސް ގަޑިއިރުވެފައި ވުމުންނާއި ސިކުނޑީގައި ފިކުރުތައް ގިނަވެ އޭނާގެ ބޮލަށް ހުރީ އެނބުރުން އަރާފައެވެ. ސައިކަލުގެ މުއްގަނޑު އޭނާއަށް ފެލާލެވުނީ ކިހާ ބާރަކަށް ކަމެއް އޭނާއަށް ނޭނގެއެވެ.

(ނުނިމޭ)