ގއ. ކޮލަމާފުށީ ގެއެއްގައި ހިންގަމުންދިޔަ ޕްރިންޓް ކުރާ ތަނެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
ކޮލަމާފުށީ ކައުންސިލް ނައިބު ރައީސް ޝަހާމަތު ހަނީފް "ވަން" އަށް މިއަދު ވިދާޅުވީ އަލިފާން ރޯވި ސަބަބު މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ކަރަންޓުޝޯޓަކުން ހިނގައިދިޔަ ހާދިސާއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހާމަތު ވިދާޅުވީ ޕްރިންޓުކުރާތަނަކީ އެރަށު ފެނިގެއްލިދާގޭގެ ބައެއްގައި ހަދާފައި ހުންނަ ތަނެއް ކަމަށާއި އަލިފާން މިހާރު އެއްކޮށް ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.
"ޕްރިންޓުކުރާތަން އެއްކޮށް އަނދައި ހުލިވެފަ މިހާރު ހުރީ. އެތާގެ ފާރުތައްވެސް ވެއްޓިއްޖެ. އެގެއަށްވެސް ކޮންމެވެސް ވަރަކަށް ގެއްލުން ލިބުނު. އެކަމަކު ގޭގަ ހުރި މުދާތައް ކައުންސިލަރުންނާއި ޕޮލިހުންނާއި ރައްޔިތުންގުޅިގެން ބޭރުކޮށް މުދާ ސަލާމަތްކުރިން. އެކަމަކު ޕްރިންޓުކުރާތަނުގެ އެއްވެސް މުދަލެއް އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވުނު. އެތާ ތެރޭ ޕްރިންޓުކުރަން ބޭނުންކުރާ ތަފާތު ވައްތަރުގެ އެއްޗިހި ހުންނާނެ. ޓޯނާ ތަކާއި ކެމިކަލްތައްވެސް ހުންނާނެ." އޭނާ ވިދާޅުވިއެވެ.
ޕްރިންޓުކުރާތަނާ އިންވެގެން ހުރީ މީގެ ކުރިން ގޭސް ރައްކާކުރި ތަނެކެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު އެތާނގައި ގޭސްފުޅި ހުރި ކަމެއް ނެތް ކަމެއް ޔަގީންނުވާ ކަމަށް ޝަހާމަތު ވިދާޅުވިއެވެ. ޝަހާމަތު ވިދާޅުވީ ތަނުގެ ވެރިމީހާ މިވަގުތު ރާއްޖޭގައި ނެތް ކަމަށެވެ. އަދި ލިބުނު ގެއްލުމުގެ އަދަދު މިލިއަނަށް އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއީ މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ގެ އެވެ. ނަމަވެސް ޕްރިންޓުކުރާތަނަކީ ކުއްޔަށް ދީފައި ހުންނަތަނެކެވެ.
ޕްރިންޓުކުރުމަށް ބޭނުންކުރާ އެތަނުގައި ރޯވެފައިވަނީ މިއަދު މެންދުރު 12:10ހާއިރުއެވެ. މަންޒަރު ދުށް މީހަކު "ވަން" އަށް ބުނީ، ޕްރިންޓުކުރާތަން ކައިރިން ހިނގާފައި ދަނިކޮށް ބާރު އަޑުފަށްގަނޑަކާއެކު އަލިފާން ގުޅައެއްހެން އެތާ ތެރެއަށް އެއްޗެއް ވެއްޓުނު ކަމަށެވެ. އެއާއެކު މުޅިތަނުން ދުން އަރައި އެއްޗެހިތައް ގޮވަން ފެށި ކަމަށެވެ.
"އަޅުގަނޑުވެސް ސްކޫލް ދޮށަށް ދާންވެގެން އެމަގުންލާފައި މިދިޔައީ. ދިޔައިރު އެތާތެރެއިން ބާރު އަޑުތަކެއް އިވުނީ. އެއަޑާއެކު އެތެރެއަށް ބަލައިލިއިރު އަލިފާންގުޅައެއްހެން އެއްޗެއް ވެއްޓުނީ. ދެން ފަހަތުން އައި ދެ ފިރިހެނަކު ގާތު ބުނިން މިތަން މި ގޮވަނީއޭ ފުލުހުންނަށް ގުޅާށޭ. އާންމުންނަށް ގޮވާށޭ. އޭރުވެސް އެތެރެއިން އެއްޗެހި ގޮވާއަޑު އިވޭ. ކަޅުދުންވެސް އަރަމުންދިޔައީ." އޭނާ ބުންޏެވެ.
ޕްރިންޓުކުރާތަނުގައި މަސައްކަތްކުރާ ބިދޭސީ މީހާ ބުނީ މިއަދު ހެނދުނު އެތަން ހުޅުވައިގެން ހިދުމަތްދިނުމަށްފަހު މެންދުރު ނަމާދަށް އެތަން ބަންދުކުރި ކަމަށެވެ. އޭރު އެތަނުގައި އެއްވެސް މައްސަލައެއް އުޅޭކަން ފާހަގަވެފައިނުވާ ކަމަށެވެ.
މުޅި ސަރަހައްދު ބަންދުކޮށް އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު