ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައާއި ރޭގަނޑުގެ ވަގުތުތަކުގައި އެއްގަމު އުޅަނދުތަކުގައި މުދާ އުފުލޭނެ ވަގުތުތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ.

ހަވީރު 4:30 އިން ފެށިގެން ރޭގަނޑު 8:00 އާ ދެމެދު އެއްވެސް މުދަލެއް އުފުލުމަކީ މަނާ ކަމެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން މުދާ އުފުލާ އުޅަނދުތައް ބްރިޖަށް އެރޭނެ ވަގުތުތައް ވެސް މިނިސްޓްރީން ވަނީ ކަނޑައަޅައިފައެވެ. އެއީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ. އެ ވަގުތުތަކުގައި އުޅަނދުތަކަށް ބްރިޖަށް އެރޭނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން އެކަނި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެނާއި ކައްކާ ގޭސް ބްރިޖު މަތިން އުފުލޭނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މިނިސްޓްރީން ބުނީ މި އެންގުމާ ހިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 68 ވަނަ މާއްދާގެ ދަށުން 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.