ރާއްޖޭގެ އިންފްލޭޝަން ހިސާބުކުރާނެ ގޮތް ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) އަށް ކިޔުއްވައި ދެއްވައިފިއެވެ.

މިނިސްޓަރު އަމީރު އެކަން ބޮނޑޭއަށް ކިޔުއްވައި ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލިޔުމުން ޖަވާބު ހޯއްދެވުމަށް، ލިޔުމުން މިނިސްޓަރާ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ބޮންޑޭ މިނިސްޓަރާ ސުވާލު ކުރެއްވީ މިހާރު އިންފްލޭޝަން ހިސާބު ކުރަނީ ކިހިނެއްތޯ އާއި ކޮންޒިއުމާ ޕްރައިސް އިންޑެކްސް ކަލްކިއުލޭޓް ކުރުމުގައި ޕެޓްރޯލިއަމްގެ އުފެއްދުންތަކަށް ދީފައިވާ ވެއިޓްއަކީ ކޮބައިތޯ އެވެ.

މި ދެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުގައި ވިދާޅުވީ، "އިންފްލޭޝަން މިހާރު ހިސާބު ކުރަމުން އަންނަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ކަމަށެވެ.

މިހާރު އެކުލަވައިލައިފައިވާ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) އަކީ 2016 ވަނަ އަހަރުގެ ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗާ ސާވޭގައި ގޭބިސީތަކުގެ ހަރަދަށް ބިނާކޮށް ހޮވައިލެވިފައިވާ މުދަލާއި ހިދުމަތުގެ އަގުތައް ހިމަނައިގެން ތައްޔާރު ކުރެވޭ އިންޑެކުހެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ މަހަކު އެއްފަހަރު ސީޕީއައި އެކުލަވައިލުމަށް އެމްބީއެސް އިން، މާލޭގެ އިތުރުން އަތޮޅުތެރޭގެ ހަތަރު ރަށަކުން ކޮންމެ މަހަކު 9500 އަށްވުރެ ގިނަ އަގުނަގާ ކަމަށްވެސް ވިދާޅުވިއެވެ. އެ އިދާރާއިން ކޮންމެ މަހަކު އެއްފަހަރު މާލެ، އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސީޕީއައި އެކުލަވައިލައި ޝާއިއުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ، "އެންމެ ފަހުގެ ސީޕީއައި ހިސާބުކުރާ ގޮތުގެ ތަފްސީލު ބަޔާންކޮށްދޭ ރިޕޯޓެއް އެ އިދާރާގެ ވެބްސައިޓްގައި ވަނީ ޝާއިއު ކޮށްފަ، ސީޕީއައިގައި ތެލުގެ އުފެއްދުންތަކަށް ދީފައިވާ ބުރަދަނަކީ 0.57 އިންސައްތަ،" ކަމަށެވެ.