ވާހަކަ

ދީވާނާ ހިތް - 35

7

"އަހަރެން ބޭނުންވަނީ ކައިރީގަ އުޅޭ އެންމެންގެ ހެޔޮ ދުއާ. އެހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަރެން އެބަދެރަވޭ... އޭނަ.... އޭނަ މަތިން ހިތަށް އަރާފަ...." ފަހު ޖުމްލައާއެކު މަންޝާގެ ދެލޮލުން ކަރުނަ ގުޅައެއް ވެއްޓުނެވެ.

މަންޝާގެ އެ ޖުމްލައާއެކު ތިއާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަންޝާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލާފައި އޭނާގެ ދެލޮލާ މަންޝާގެ ދެލޯ ސީދާކުރުވިއެވެ.

"މާނައަކީ؟ ދޮންބެ ދެރަވާތީ މަން އެހާ ދެރަވަނީ ކީއްވެ؟" ތިއާ އެހިއެވެ.

"އެއީ.. އެއީ.. ތިއާއަށް އެނގެއެއްނު އޭނަ އަހަރެން ފަހަތުން އުޅޭވަރު. އަހަރެންނަށް އޭނަ ހިތްހަމަޖައްސައެއް ނުދެވުނު" މަންޝާ ބުންޏެވެ.

"އެހެންވެތަ. އެހެންކަމެއް ހަމަ ނޫޅޭތަ؟" ތިއާ އެހިއެވެ.

"ތިއާ ކީކޭ ތިކިޔަނީ" ތިއާގެ ދެއަތް މޫނާ ދުރަށް ޖައްސާލާފައި މަންޝާ ދުރަށްޖެހުނެވެ. އިތުރަށް ތިއާ ސުވާލު ނުކުރެއެވެ. ނަޒާނަށްޓަކައި މަންޝާގެ ހިތުގައި އިހުސާސްތަކެއް ވާކަމެއް ނުވަތަ ނުވާކަމެއް ޔަގީންކުރަން ތިއާއަށް ނޭނގެއެވެ. ތިއާއަށް އުންމީދުކުރެވުނީ ހެޔޮ ފާލަކަށެވެ. މަންޝާގެ ދިރިއުޅުމުގެ ކޮންމެ ކަމެއް ނިންމުމުގެ އިހުތިޔާރު ލިބިފައިވަނީ މަންޝާއަށެވެ.

******

ދަންވަރު ޑިއުޓީއަށް ދާންޖެހޭ ގަޑިއަކީ ރޭގަނޑު އެގާރަގަޑި ބައެވެ. ދިހައެއް ނުޖަހަނީސް ނަޒާން ގެއިން ނުކުމެއްޖެއެވެ. އޭނާ ހުރީ ކުލަހެދުމުގައެވެ. އޮފީހަށް ވަންގޮތަށް ނަވާލް ފޮނުވާފައި އިން މެސެޖް އޭނާ ކިޔާލިއެވެ. އެއީ ޝައިހާންގެ މައުލޫމާތެވެ. އައިޑީ ކާޑު ނަންބަރު ނެތް ނަމަވެސް ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އޮތެވެ. އެވަރުން ނަޒާން ބޭނުންވާ މައުލޫމާތު އެއްކުރެވޭނެއެވެ. ޑިއުޓީ ޝިފްޓް ބަދަލުނުވަނީސް އޭނާ އޮފީހުން ފެނުމުން އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ހައިކާއަށެވެ. ނަޒާން ފެނުމުން ހައިކާ ކޮށްލީ ސަމާސާއެކެވެ.

"ކޮން މިޝަނެއްގަ" ހައިކާ އެހިއެވެ.

"އޮޕަރޭޝަނެއްގަ މިއުޅެނީ. ހައިކާގެ މޭޒުގަ އަހަރެން އެބަޖައްސާލަން އިނގޭ" ނަޒާން ބުންޏެވެ.

ނަޒާން ކުރަމުންދިޔަ މަސައްކަތް ބަލަހައްޓައިގެން ހައިކާ ކޮޅަށް ހުއްޓެވެ. މާގިނައިރެއް ނުވެ ކޮމްޕިޔުޓަރު ސިސްޓަމުން ޝައިހާންގެ މައުލޫމާތު ފެނިއްޖެއެވެ. އެ އިންސާނާ ހައްޔަރުކޮށްފައި ހުރީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ. މަގުމަތިން ހުއްޓުވައި އެތައް ފަހަރަކު ސުވާލުކޮށްފައި ހުއްޓެވެ. ޓްރެފިކް ވައިލޭޝަންތައް އަދަދު ނުކުރެވޭހާ ގިނައެވެ. ނަޒާންގެ ހިތަށް ލިބުނީ އިންތިހާދަރަޖައިގެ ހިތްހަމަޖެހުމެވެ. މަންޝާއަށް އެހުރިހާކަމެއް އެނގުމުން ކުޅި ހުންނާނެތާއެވެ. ގަބޫލުވެސްނުކޮށްފާނެއެވެ. އެހެންވިޔަސް މައްސަލައެއް ނެތެވެ.

"ފޮޓޯ ހުޅުވަބަލަ ކިހިނެއް ހުންނަ ސޮރެއްތޯ ބަލައިލަން" ހައިކާ ބުންޏެވެ.

ޝައިހާންގެ ފޮޓޯ ފެނުމާއެކު ނަޒާންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. ޒޫމްކޮށްފައިވެސް ބެލިއެވެ. އެއީ ހަމަ އޭނައެވެ. އެމީހަކާ އެތައްފަހަރަކު އޭނާ ޑީލްކޮށްފައި ހުރި ޑީލަރެކެވެ. ކިތަންމެ ދުވަހަކު ޝައިހާންގެ ހަށިގަނޑު ބަލައިފާސްކޮށް މަސްތުވާތަކެތި ނަޒާން ހޯދިއެވެ. މައްސަލައެއްގެ ތުހުމަތު ކުރެވިގެން ކޯޓުއަމުރެއްގެ ދަށުން ޝައިހާން ދިރިއުޅޭ ގެވެސް ދެފަހަރެއްގެ މަތިން ބަލައި ފާސްކުރިއެވެ. ނަސީބުކަންދިމާކުރި ގޮތުން އެހުރިހާ ތަހުގީގަކާ ގުޅިގެން ނަޒާން ވަނީ ފުލުހުންގެ ބަޔާން ދީފައެވެ.

"ހަނދާންވެއްޖެތަ މީއެއްނު ޒާންއަށް އެޓޭކްކުރި ސޮރު" ހައިކާ ބުންޏެވެ. ނަޒާން ބޯޖަހާލިއެވެ. ދެން އޭނާ ފޯނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް އެއްކުރުމަށްފަހު ގޮނޑިން ތެދުވިއެވެ.

"ކޮންތާކަށް ދާން ތިދަނީ؟" ހައިކާ ބުންޏެވެ.

"މަންޝާ އާ ބައްދަލުކުރަން މިދަނީ. ވަގުތު އަދި އެބައޮތެއްނު"

*******

ދޮރުގައި ބެލްއަޅާލި އަޑު އިވުމާއެކު ދިލްޝާދު ދޮރުހުޅުވައިފިއެވެ. އޭރު ގަޑިން ދިހަގަޑި ބައި ނުވެއެވެ. ކުރިމަތީގައި ހުރި ނަޒާން ފެނުމުން ދިލްޝާދުގެ މޫނުން ހައިރާން ކަމެއް ފެނިލިއެވެ. ދިލްޝާދަށް ވަގުތުން ވިސްނުނެވެ. ނަޒާން އެގެއަށް އަންނާނެ އޮންނާނީ އެންމެ ބޭނުމެކެވެ. އެއީ މަންޝާ އާ ބައްދަލުކުރުމަށެވެ.

"އަދި ނުނިދާ. ދެންމެ ކޮޓަރިއަށް އެވަނީ" ނަޒާން އެއްޗެއް ނުބުނަނީސް ދިލްޝާދު ބުންޏެވެ.

ނަޒާން ގޮވައިގެން ދިލްޝާދު އެތެރެއަށް ވަންއިރު ކޮފީތަށްޓެއް ހިފައިގެން ޒަވީ އާއި ޒަރޫކް ސޯފާގައި ތިއްބެވެ. ސުވާލުކުރީ ޒަވީއެވެ.

"އަނެއްކާ ކޮންކަމެއް ލައިގަތީތަ؟" ޒަވީ އެހިއެވެ.

"އެއީ މަންޝާ ހޯދަން" ޖަވާބުދިނީ ދިލްޝާދެވެ. ނަޒާން ގޮވައިގެން ދިލްޝާދު ހިނގައިގަތެވެ. ހައިރާވެފައި ޒަވީ ބަލަހައްޓައިގެން އިނެވެ. ދިލްޝާދު އައީ މަންޝާ ހެދުން ބަދަލުކުރުމުން ނަޒާން އެކޮޓަރިއަށް ވައްދާފައެވެ.

"މަންމަ ކިހިނެއްތިހެދީ. ކީއްކުރަން އޭނަ މަންކޮގެ ކޮޓަރިއަށް ވެއްދީ" ޒަވީ ބުންޏެވެ.

"އެއީ ޒަވީ ފަދައިން އަހަރެންގެ ދަރިއެއް. ނަޒާނަށް އަހަރެން އިތުބާރުކުރަން"

ދިލްޝާދު ސޯފާގައި އިށީނދެފައި ހަށަން ބަނދެލިއެވެ. ފިކުރެއްގެ ތެރެއަށް އޭނާ ގެނބެން ހިނދުކޮޅެއްވެސް ނުނެގިއެވެ. ވީގޮތް ނަގައިގަތީ ފެންފުޅިއެއް ހިފައިގެން އައިސް ހުއްޓުނު ޔަލާއެވެ.

"މިއީ ދެވަނަ ދުވަސް. މަންމާ، ނަޒާން ހާދަ ވަރަކަށޭ މަންކޮ ހޯދަން އަންނަނީ" ޔަލާ ބުންޏެވެ.

ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި ޒަވީ ދިލްޝާދަށް ބަލައިލިއެވެ. ތަނުގައި ދެކެވެމުންދިޔަ ވާހަކަތަކާ ގަޔާނުނެވުމުން ޒަރޫކް ކޮފީތަށި ހިފައިގެން ހިނގައިގަތެވެ.

"މަންމަ، އެއްވެސް ކަމެއް އުޅެންޏާ ކިޔައިދީ" ޒަވީ ބުންޏެވެ.

********

ގައިގައި ކިރިޔާ ޖެހޭނުޖެހޭ ހިސާބުގައި ނަޒާން ހުއްޓުނުއިރުވެސް މަންޝާ ބަހެއް ނުކިޔައެވެ. ކަޅިޖަހައިވެސްނުލާ އޭނާ ހުރީ ނަޒާންގެ މޫނަށް ބަލަހައްޓައިގެންނެވެ. ނަޒާން ހީލުމުންވެސް މަންޝާގެ ތުންފަތަށް އެއްވެސް ހަރަކާތެއް ވެރިނުވިއެވެ. އެންމެފަހުން ނަޒާން އެއް އަތް އުފުއްލާލާފައި މަންޝާގެ ކޯތާފަތުގައި ޖައްސާލިއެވެ. މަންޝާ ދުރަށް ޖެހުނީ ދެނެވެ.

"ކިހިނެއްތަ؟ އަހަރެން ނުފެނި ގިނައިރުވީމަ މިސްވިތަ؟" ހީލަމުން ނަޒާން ބުންޏެވެ. މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ.

"އަހަރެން މިތާ އިށީންނަންތަ؟" ނަޒާން ބުންޏެވެ. މަންޝާ އެއްޗެއް ނުބުނަނީސް ނަޒާން އެނދުގައި އިށީނެވެ. މަންޝާ އިށީންނަން ނޫޅުނެވެ. އޭނާ އެނބުރި ނަޒާނަށް ބަލަހައްޓައިގެން ހުއްޓެވެ.

"މާދަމާ ރޭ އަހަރެންގެ ވެޑިން އޮންނާނެ" މަންޝާ ބުންޏެވެ. ހީވީ ނަޒާން ހަނދާންނެތިފައި ހުރި ކަމެއްގެ މަތީން ހަނދާންކޮށްދިން ހެންނެވެ.

"ހެހެހެ... ޔަގީންތަ؟" ނަޒާން ބުންޏެވެ.

"އަހަރެންނަށް އެނގިއްޖެ އަހަރެންގެ މިކައިވެންޏަކީ މަންމަ އެހާ ރުހޭ ކައިވެންޏެއް ނޫންކަން. އެހެންނޫނަމަ އަހަރެން ހޯދަން ނަޒާން އަންނަ ކޮންމެ ފަހަރަކު މިކޮޓަރިއަށް ނަޒާން ނުވެއްދީސް. އަހަރެން އުންމީދު ކުރަން ކައިވެނީގެ ފަހުން ނަޒާން މިގޮތަށް އަހަރެންނާ ބައްދަލުކުރަން މަސައްކަތް ނުކުރާނެ ކަމަށް. ވަރަށް އާދޭހާއެކު އަހަރެން އެދޭ އެދުމެއް މިއީ"

ނަޒާން ހީލަމުން އެނދުން ތެދުވިއެވެ. މަންޝާ އާ ގާތަށް ޖެހެމުން ގޮސް ފާރުގައި މަންޝާ ތަތްވަންދެން އޭނާ ކުރިއަށް ދިޔައެވެ. އޭނާގެ ދެއަތުގެ ތެރޭގައި މަންޝާ ތާށިވުމާއެކު ނެގީ ފޯނެވެ. ޝައިހާނުގެ ހުރިހާ މައުލޫމާތުތަކެއް ފިލިން ފިއްޔަށް އޭނާ މަންޝާއަށް ކިޔައިދިނެވެ. އެކީއިރު ހައްޔަރުގައި ނެގި ފޮޓޯތައް ވަކިވަކިން ދެއްކިއެވެ. ފަޅި ސިކުންތަކަށް ނަމަވެސް ޝައިހާނާ މެދު މަންޝާ ދެކޭގޮތް ބަދަލުވާނެ ކަމަށް ނަޒާނަށް އުންމީދު ކުރެވުނެވެ. އެހެންނަމަވެސް އެހެނެއް ނުވިއެވެ.

"ތިކިޔައިދިނީ އަހަރެންނަށް އާ ކަންތައްތަކެއްގެ ވާހަކަތަކެއް ނޫން" މަންޝާ ބުންޏެވެ. ނަޒާނަށް ލިބުނީ ހައިރާންކަމެވެ.

"ޝައިހާން ވަނީ އަހަރެންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފަ. އެއީ މިހާރު ކުރީގެ ޝައިހާނެއް ނޫން. އޭނާ ރަނގަޅުވެއްޖެ. އޭނާ ރަނގަޅު އިންސާނަކަށްވީ އަހަރެންނަށްޓަކައި. ނަޒާން.... ތިވިސްނުން ބަދަލުކުރޭ. ކޮންމެ ކޮންމެ މީހަކަށް ތިމާ ލޯބިވާ މީހަކު ނުލިބޭނެ. އިންތިޒާރުކުރުމަކީ އަދި އެހެންކަމެއް" މަންޝާ ވާހަކަދެއްކިއެވެ.

ނަޒާން އިސްޖަހާލިއެވެ. ހަށިގަނޑުގެ ވަރުދޫވާހެން ހީވި ވަގުތުކޮޅެކެވެ. އެކައިވެނި ހުއްޓުވަން ދެން އޭނާއަށް ކުރެވޭނީ ކޮންކަމެއްބާއޭ އަމިއްލަ ހިތާ ސުވާލު ކުރިއެވެ. އުންމީދު ގެއްލި ހިނގައިދާނޭ ހީވި ވަގުތުވެސް އޭނާގެ ތުންފަތަށް ވެރިވީ ހިނިތުންވުމެކެވެ.

"ދުވަހަކުވެސް އަހަރެންގެ ވިސްނުން ބަދަލެއްނުވާނެ. އަހަރެން މަންދެކެ ހާދަ ލޯތްބެއްވެޔޭ. އަހަރެންގެ ވިސްނުން ބަދަލުވާހާ ދުވަސްވެއްޖެއްނު. މަންގެ ފަހަތުން ކިތައް މުގޯލި އަޅައިފިން. ތިލޯބި ހޯދަން ކިހާ މަސައްކަތެއް ކުރެވިއްޖެ. އަހަރެންގެ މި ލޯބީގެ ފަސާނާގެ ވާހަކަ އަޑުއަހާއަހާ އަހަރެންނަށް ސަޕޯޓްކުރާ މީހުން މިހާރު ފޫހިވެއްޖެ. އެކަމަކު އަހަރެންގެ އުންމީދަކަށް އަޒުމަކަށް ބަދަލެއް ނައި. އަހަރެން ފަދައިން އެމީހުންވެސް އެދެނީ އަހަރެންނަށް އަހަރެންގެ ލޯބި ލިބުމަށް. އެކަމަކު އަހަރެން.... އަދިވެސް އިންތިޒާރު ކުރާނަން. މިހާރު އަހަރެން ދެރަވަނީ އެކަހަލަ އިންސާނެއްގެ އަތްދަށުވެ މަންގެ މުޅި ހަޔާތް ބަރުބާދުވެދާނެތީ. މަންގެ ހިތުގައި ކޫރުމެއް އެޅިދާނެތީ. ތި އޮމާން ހަށިގަނޑުގައި ލަކުނުތަކެއް ލެވިދާނެތީ"

އެއްވެސް އިހުތިޔާރަކާ ނުލައި މަންޝާއަށް ރޮވިއްޖެއެވެ. ވަރަށް ބޮޑަށް އޭނާގެ ހިތަށް އަސަރުކޮށްފިއެވެ. މޫނުމަތީގައި ދެއަތް އެޅީ ނަޒާނަށް އެހުރިހާ ކަމެއް ސިއްރު ކުރުމަށެވެ. އެހެންނަމަވެސް ނަޒާނަށް ސިއްރު ނުވިއެވެ. ނަޒާން އައިސް މަންޝާގެ ކުރިމަތީގައި ހުއްޓުނެވެ. މަންޝާގެ މޫނުމަތިން ދެއަތް ނެގިއެވެ. މަންޝާގެ ދެ ކޯތާފަތްމަތިން ފައިބައިގެންދިޔަ ކަރުނަތިކީގައި ބޮސްދޭން ނަޒާންގެ ހިތްއެދުނެވެ.

"އަހަރެން ބުނާކަށް ބޭނުމެއް ނޫން މަންގެ ތިވިސްނުމަކީ މޮޔަވިސްނުމެކޭ. ތިކައިވެންޏަށްފަހު މަންއަށް ސާބިތުވާނެ އަހަރެން ހާމަކުރީ ތެދުހަގީގަތްކަން"

މަންޝާގެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނި އިސާހިތަކު ނަޒާންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ބަހެއް ނުކިޔައި މަންޝާ އެވަރަށް ރޯންޖެހޭ ސަބަބެއް އޭނާއަށް ނުވިސްނުނެވެ. އޭނާ ބޭނުންވީ ކޮޓަރިން ނުކުންނާށެވެ. މަންޝާގެ ހިތުގައި އަޅަމުން އެދާ ވޭނަށް ލުޔެއްދޭށެވެ.

"އަހަރެން މިދަނީ. ދިޔުމުގެ ކުރިން ފަހުފަހަރަށް އަހަރެން.... އަހަރެން މަންގެ ގައިގައި ބައްދާލަން ބޭނުން" ކުރެހިފައިވާ އަޑަކުން ނަޒާން ބުންޏެވެ.

މަންޝާ ދެފަރާތަށް ބޯހޫރާލިއެވެ. މަންޝާގެ އެ ނިންމުމަށް ނަޒާން ގަދަރު ކުރިއެވެ. އޭނާ ދޮރާ ދިމާލަށް ހިނގައިގަތެވެ. ފަހުފަހަރަށް މަންޝާގެ މޫނަށް ފަހަތަށް އެނބުރި ބަލައިލިއެވެ. އަދިވެސް މަންޝާ ހުރީ ހުރިތަނުގައެވެ. ނަޒާން ނުކުންނަން ތަޅުގައި ހިފިއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށްވެވުނު ލޯބި ކާމިޔާބުނުވިކަން ގަބޫލުކުރިއެވެ. ކުއްލިއަކަށް ސިހުނީ އޭނާގެ ބުރަކަށީގައި މީހަކު ތަތްވިހެން ހީވެގެންނެވެ. އެއީ މަންޝާކަން ނަޒާނަށް އެނގުނެވެ. މަންޝާގެ ޖިސްމުން ދުވާ ހިތްގައިމު މީރުވަހަކީ އޭނާގެ ނޭފަތުގައި ތާއަބަދު ހަރުލާފައި ހުންނަ ވަހެކެވެ. ނަޒާންގެ ހިތަށް ދުވަހަކުވެސް ނުލިބޭހޭ ހިތްހަމަޖެހުމާއި އުފާވެރިކަން އެހިނދު ލިބުނެވެ. އެއީ އޭނާގެ ލޯބި މަންޝާ ގަބޫލުކޮށް ބައްދާލި ބައްދަލުވުމަށް ވާނެނަމައޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އާހް... އޭނާ އެދުމެއް މަންޝާ ފުރިހަމަކޮށްދިން ފުރަތަމަ ފަހަރެވެ. އޭގެ މާނަ އޭނާ ނަގާނީ ކިހިނެއް ހެއްޔެވެ؟ ދެއަތްދަށުން ގެނެސް އޭނާގެ މޭމަތީގައި ޖައްސާލާފައި އޮތް މަންޝާގެ ދެއަތުގައި ނަޒާން ހިފަހައްޓާލިއެވެ. ރުހުމުގައި އެފުރުސަތު އޭނާއަށް ދިނީތީވެސް އޭނާ މަންޝާއަށް ޝުކުރުއަދާކުރަން ޖެހޭނެއެވެ.

"އައިމް ސޮރީ. ނަޒާން އަހަރެންދެކެ ލޯބިވި އިރުވެސް އަހަރެން ޝައިހާނަށް އާއެނކޭ ބުނެފިން. އަހަރެން ބޭވަފާތެރިންގެ ލިސްޓަށް އަރަން ބޭނުމެއް ނޫން. ނަޒާން ހިތުގައިޖެހޭ ފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަހަރެންނަށް ހިތްހެޔޮކޮށްފަ މައާފުކޮށްދިނުން އެދެން" މަންޝާ ބުންޏެވެ.

ނަޒާން ދެލޯމަރާ ބާރުކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ގެނައީ ގަދަކަމުންނެވެ. އޭނާ މަންޝާ އާ ދިމާލަށް އެނބުރުނެވެ. މަންޝާގެ ދެލޮލުން ފޭދިފައިވާ ކަރުނަތައް އޭނާގެ ދެއަތުން ފޮހެދިނެވެ. މަންޝާގެ ނިތުގައި ބޮސްދިނެވެ.

*******

މުޅިން އާ ދުވަހެކެވެ. އޮފީހަށް ދިޔުމުގެ ކުރިން އާދައިގެމަތިން ހެނދުނު ނާޝްތާއަށް ދިލްޝާދުގެ ހުރިހާ ދަރިން ހަމަވެފައި ތިއްބެވެ. އެންމެ އަވަހަށް މޭޒުދޮށުން ސައިބޮއެގެން ތެދުވީ ޒަރޫކެވެ. ލަސްލަހުން ޕާންފޮއްޗެއް ކާން އިން ޒަވީ ކުރިމަތީގައި އިން މަންޝާއަށް ބަލައިލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ކޮއްކޮ ތުންފަތްމަތިން އެވަގުތު ހިނިތުންވުމެއް އޭނާއަށް ނުފެނުނީތީ ހިތުގައި ސުވާލު އުފެދުނެވެ. އެކަން ދިލްޝާދަށްވެސް ފާހަގަވިއެވެ. އޭނާ ސުވާލު ނުކުރީ ފަހަކަށް އައިސް މަންޝާގެ ފަރާތުން އެފަދަ ކަންކަން އޭނާއަށް ފެންނާތީއެވެ.

"ބައްޕަ އުންމީދުކުރީ ދޮންބެ ގޮތަށް ދަރިފުޅުގެވެސް ބޮޑު ޕާޓީއެއް ބާއްވަން. އެތައް ބަޔަކަށް ދައުވަތުދޭން" ކަޅު ސައިތަށިން ކޯވަރެއް ބޯލާފައި ޖޯޑު ބަހައްޓަމުން މިހާދު ބުންޏެވެ.

"ކައިވެނީގެ ހަރަދުތަކަކީ ފިރިހެންކުއްޖާގެ އާއިލާގެ ފޯރުންތެރިކަން ހުރިވަރަކުން ކުރާ ކަމެއްނު. ޝައިހާނަކީ އެކަނި ހުރި މީހެއް. އޭނާއަށް ލިބެނީ އަޅުގަނޑަށް ލިބޭ ވަރަށް. އެހެންނޫނަސް މިގޮތް އަޅުގަނޑު ހިތްހަމަޖެހޭ" މަންޝާ ބުންޏެވެ.

"އޮފީސް ނިމިގެން ސުހާއްތަ ގެއަށް ވަދެލާތި. ސުހާއްތަ ބުނި ހެދުން ދޮވެ އިސްތިރިވެސްކޮށްފަ ކަމަށް" ދިލްޝާދު ބުންޏެވެ. މަންޝާ ބޯޖަހާލިއެވެ. ދިލްޝާދު އެބުނީ އޭނާ ކައިވެނިކުރާ ވަގުތުގައި ލާން ފެހި ހެދުމުގެ ވާހަކައެވެ. އޭނާ ލައި އުޅޭ އެހެން ހެދުންތަކާ ބަލާފައި އެހެދުމަށް ބަދަލުތަކެއް ގެންނަން ޖެހޭތީ ހެދުން ފެހުމާ ހަވާލުވީ ޔަލާގެ އާއިލާ މީހެކެވެ.

"އަޅުގަނޑުމެންނަށް ދެވޭނެތަ ކޯޓަށް މަން އާއެކު" ޔަލާ އެހިއެވެ.

"އަޅުގަނޑު ބޭނުން އެންމެންވެސް ދާން" މަންޝާ ބުންޏެވެ.

"މަންކޮ،" ތަން ހިމޭންވި ވަގުތު ޒަވީގެ އަޑު އިވުނެވެ. މަންޝާ ބަލައިލުމާއެކު ޒަވީ ހައިރާންވިއެވެ. މީގެކުރިން މަންޝާގެ ދެލޮލުން ތަފާތެއް އޭނާއަށް ފާހަގައެއް ނުވެއެވެ.

"މަންކޮ ހެޕީތަ؟" ޒަވީ އެހިއެވެ.

"ވަރަށް ބޮޑަށް. ދޮންބެގެ ޓާސްކަކީ މިގެއިން އަޅުގަނޑު ނުކުތިއްސުރެން ފެށިގެން ހުރިހާކަމެއް ނިމެންދެން ވީޑިޔޯކުރުން" މަންޝާ ބުންޏެވެ. މަންޝާގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުމުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ދިލްޝާދުގެ ހިތަށެވެ.

******

ފައިގައި ބޭސްހާކައިގެން ހުރި އިރުވެސް ސަމާހާގެ ފާރުގަނޑުގައި ވަރަށް ބޮޑަށް ރިހެމުން ދިޔައެވެ. އެ ފާރުގަނޑަކާ ހެދި ވަޒީފާއަށް ނުނިކުމޭވޭތާވެސް މަހެއް ވާން ގާތްވެއްޖެއެވެ. އަތުންފައިން މަސައްކަތެއް ނުކުރެވޭތީ އޭނާ ހުންނަނީ ކަންބޮޑުވެފައެވެ. އެހާލުގައިވެސް އެނާ މަޑުކޮށްލައިގެން ހުރީ ޒިންކު ކައިރީގައެވެ. ޝައިހާން މެންދުރު ކާން އަންނާނަމޭ ބުނެފައި އޮތުމުން އޭނާ އުޅުނީ ބަތްކޮޅެއް ރޯފިލުވާށެވެ. ކުއްލިއަކަށް ސިހުނީ ޝައިހާން އައިސް ބަދިގެއަށް ވަނުމުންނެވެ.

"ކިހިނެއްވީ؟ އޮފީހުގަ ނީދެވިގެން ތިއައީ އޯ" ސަމާހާ ބުންޏެވެ.

"މަންމާ، އެއްޗެކޭ ހީނުކުރައްޗޭ. މި މަހު އަހަރެން ވަރަށް ޑައުން. އަތުގައި އެންމެ ލާރިއެއްވެސް ނެތް. ޒަކިއްޓެމެންނަށް ދަރާފަ އޮތީމަ ފޮރުވާފަ އޮތް ލާރިކޮޅުން ދަރަނި އަދާކޮށްފިން" ޝައިހާން ބުންޏެވެ.

އޭނާ ހުރީ ސަމާހާ ކައިރީގައި ހުއްޓިގެންނެވެ.

"ކީކޭ ލާރިއެއްނެތޭ. ކޮބާ މަންޝާއަށް ދޭން ހުރި ރަނުގެ ފައިސާ. ކައިވެނިވުމާއެކު ފިރިމީހާ އަނބިމީހާއަށް ދޭންޖެހޭ އެއްޗެކޭ އެއީ. ލާރިއެއް ނެތޭ ބުންޏަސް މިހާރަކު ފަރަކު ނުޖެހޭނެ. ހަވާލުވާން ތިއުޅެނީ އަންބަކާ. އޭނާގެ އެންމެ ކުޑަ ހަރަދުން ފެށިގެން ބޮޑު ހަރަދަކީވެސް ޝައިހާނު އަދާކުރަންޖެހޭ ހައްގެއް. މީހަކާ އިނުމަކުން އަދި ނުފުދޭ. މީހާގެ ޒިންމާތައް އިތުރު ހަރުފަތެއް މައްޗަށް ޖެހޭނީ"

ޝައިހާނު ބޮލުގައި ރިއްސައިގަތެވެ. ފަހުވަގުތު އަތުގައި ލާރިއެއް ނެތުމުން އޭނާ ހުރީ ހާސްވެފައެވެ. ސަމާހާގެ ވާހަކަތައް ހުރިގޮތުން އިތުރަށް ބޮލުގެ ރިހުން ގަދަވިއެވެ.

"އެއްކަލަ މަންމަ. ދެންވެސް ދީބަލަ މަންމަ ފޮރުވާފަ ހުރި ލާރިން ތިންހާހަކަށް ރުފިޔާ. މުސާރަ ލިބުނީމަ އެބައި ދޭނަމޭ" ޝައިހާން ބުންޏެވެ. ސަމާހާ ދެފަރާތަށް ބޯހޫރާލިއެވެ.

*******

އޮފީހުގެ މަސައްކަތަށް މަސްއޫލުވެގެން އިން މަންޝާ ސިހުނީ އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. ފަރުވާކުޑަ ގޮތަކަށް ފޯނަށް އޭނާ ބަލައިލިއެވެ. ނަވާލްގެ މެސެޖެކެވެ. މަންޝާ ހައިރާންވިއެވެ. ދުވަހަކުވެސް އޮފީސް ތެރެއިން ބައްދަލުވާން ބޭނުންވާ ވާހަކަ ބުނެފައި ނުވާއިރު ސައިކޮޓަރިން ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެފައި ނަވާލް އޮތެވެ. ދެވިސްނުމެއްގައި ހުރެފައި މަންޝާ ތެދުވިއެވެ. ކޮމްޕިޔުޓަރުގެ ސްކްރީން ނިއްވާލުމަށްފަހު އެނާ ހިނގައިގަތެވެ.

ސައިކޮޓަރި ދޮރަށް އެރިއިރު އެތެރޭގައި ނަވާލް އިނެވެ. މަންޝާ ވަނުމާއެކު އިށީންނަން ގޮނޑި ދެއްކިއެވެ. ނަވާލް ކައިރިއަށް މަންޝާ ދިޔައީ ފެންތަށްޓެއް ހިފައިގެންނެވެ. އެއްވެސް އެއްޗަކާ ނުލައި ނަވާލް ކުރިމަތީގައި މާގިނައިރު އިނުމަކީ މިހާރު އޭނާއަށްވެސް ފަސޭހަކަމެއް ނޫނެވެ.

"އެއްޗެކޭ ހީނުކުރައްޗޭ. އަހަރެން ވާހަކައެއް ބުނަންވެގެން މަންޝާ މިގެނައީ" ނަވާލް ބުންޏެވެ.

"ޝައިހާން...." ނަވާލް ބުނަން އުޅުނު ވާހަކަ މަންޝާ ހުއްޓުވިއެވެ.

"ޝައިހާން.... ޝައިހާން... ތިނޫނީ ނަމެއް ކިޔަން ނަވާލާއި ނަވާލްގެ ދޮންބެއަށް ނޭނގެނީތަ؟"

"އަހަރެން އުޅުނީ ތިދެމީހުންނަށް ވިޝްކުރަންވެގެން. ބައިދަ ވޭ. އަހަރެންގެ ދޮންބެގެ ވާހަކަތައް އަހަރެންނަށް އެނގިއްޖެ. ދޮންބެއަށް މަންޝާ އެހާ ކަމުދިޔައީމަ އަހަރެންވެސް ހައިރާންވި. ދޮންބެ ހުރީ މަންޝާއަށްޓަކައި ކިތަންމެ ބޮޑު ގުރުބާނީއެއް ވާންޖެހުނަސް ތައްޔާރަށް. އެކަމަކު ދޮންބެގެ ވާހަކަތަކެއް ދައްކާކަށްނޫން މިގެނައީ" ނަވާލް ވާހަކަދެއްކިއެވެ.

"ދެން ކޮންވާހަކައެއް؟ އަވަސްކުރޭ. މިތަނުގަ އަހަރެމެން އެކަނި މިގޮތަށް ތިބުމަކީ ރަނގަޅު ކަމެއް ނޫން. އަދި އަމުދުން ނަވާލް ބޭނުމެއް ނުވާނެ މިހެން ތިބޭކަށް" މަންޝާ ބުންޏެވެ. ތެދެކެވެ. އެއީ ނަވާލް ބޭނުންވާކަމެއް ނޫނެވެ. އެކަމަކު އެވާހަކަ މަންޝާ ކައިރީގައި ބުނުމަކީވެސް މުހިންމު ކަމެކެވެ.

"އަހަރެންގެ ވަރަށް ބޮޑު އެދުމެއް. ދުވަހަކުވެސް... ދުވަހަކުވެސް ދޮންބެ ކައިރީގަ އަދި ތިއާ ކައިރީގަ ދެފަރާތުގެ އާއިލާ މީހެއްގެ ކައިރީގަވެސް އަހަރެމެން ދެމީހުން އެއްވެސް އިރެއްގައި ގުޅުމެއް އޮތް ވާހަކަ ނުބުނުން. ދޮންބެއަށް އެކަން އެނގުނިއްޔާ ވަރަށް ދެރަވާނެ. މިހާރުވެސް އަހަރެންގެ ދޮންބެ ހުންނަނީ އުފަލުގައެއް ނޫން. މިކަން އެނގުނިއްޔާ އަދި މާދެރަވާނެ"

މަންޝާ ތެދުވެގެން ހިނގައިގަތެވެ. ނަޒާންގެ ހިތަށް އެތައް އަނިޔާއެއް މިހާރުވެސް އޭނާއަށް ދެވިއްޖެއެވެ. އެވާހަކަތައް ދައްކައިގެން އިތުރަށް ނަޒާނަށް އަނިޔާދޭކަށް މަންޝާ ބޭނުމެއް ނުވެއެވެ. ނަޒާންގެ މަތިން ހިތަށް އެރިޔަސް އޭނާގެ ހިތަށް އަރައިގެން ދަނީ ތޫނު ތަދެކެވެ. އެއީ ކޮންކަހަލަ ތަދެއްކަމެއް ދުލަކުން ގަލަމަކުން ބަޔާންކުރަން އޭނާއަށް ދަތިވެއްޖެއެވެ.

(ނުނިމޭ)