ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އެއްވެސް ބޭފުޅެއްގެ "އެޖެންޓެއް" ގޮތުގައި ނޫން ކަމަށާއި ރިޔާސީ އިންތިހާބަށް އެއްވެސް ބޭފުޅެއްގެ ފަހަތަށް އަރައިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ދިމްޔާތު ހޮޓަލްގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުނައްވަރު ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ވިސްނަވާ ކަމަށް މިދިޔަ އަހަރުގެ މެދުތެރޭ ހިސާބުގައި ނަޝީދު އަރިހުގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެފަދަ އެއްވެސް މަޝްވަރާއެއް ނަޝީދާ އެކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވީ އެއްވެސް މީހެއްގެ އެދުމުގެ މަތިން ނޫން ކަމަށާއި އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއި ސިޔާސީ ޕާޓީއެއްގެ އެއްވެސް ލީޑަރަކާ ވެސް ކުރައްވާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ އެއްވެސް މީހެއްގެ އެޖެންޓެއްގެ ގޮތުގައެއް ނޫން (ވެރިކަމަށް ކުރިމަތިލަނީ). އެއްވެސް މީހެއްގެ ރަނިންމޭޓަށް ވާކަށް ނޫން. އެއްވެސް މީހެއްގެ އެހެން ކަމެއް ހޯދާކަށް ވެސް ނޫން. އަދި ފައިސާކޮޅެއް ދިނީމަ ނަން އަނބުރާ ނަގާކަށް ވެސް ނޫން،" މުނައްވަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެއްވެސް އެހެން މީހެއްގެ ފަހަތަށް އަރައިވަޑައިނުގަންނަވާނެ ކަމަށާއި އިންތިހާބުގައި ފަހަތަށް އަރައިވަޑައިގެން ހުންނަވަން ޖެހޭ ބޭފުޅަކު ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ އަޅުގަނޑު އެއްވެސް މީހެއްގެ ފަހަތަކަށް އަރާކަށް ނޫނޭ. ފަހަތަށް އެރެން ނެތީ، ފަހަތަށް އެރެން އޮންނާނީ އެންމެ ގޮތެއް އިނގޭތޯ. އެއީ ކަމަށް ގާބިލު އިނގޭތޯ، ރައީސުލްޖުމްހޫރިއްޔާކަމަށް ގާބިލު، ގައުމު ކަންތައްތަކަށް އިނގޭތޯ، އަޅުގަނޑު ވިސްނާ ވަރަށް ވިސްނާ އިނގޭތޯ. ގައުމަށް އެ ވަރަށް ގައުމީ ލޯބި ދިވެހިރާއްޖެއަށް ތެދުވެރި އިހުލާސްތެރި ކަންކުރެވޭ މީހެއް ވެއްޖިއްޔާ ފަސް ނުޖެހޭނެ ފަހަތަށް އަރަން އެމީހެއްގެ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެފަދަ ކެންޑިޑޭޓެއް ފެންނިވަޑައިނުގެންނެވުމުން ކަމަށާއި އޭނާ އިންތިހާބުގައި ވާދަކުރައްވަނީ ފޮރުވިފައިވާ އަމިއްލަ އެޖެންޑާއެއް އޮވެގެން ނޫން ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ މަސްލަހަތާ ގުޅޭ އެއްވެސް ކަމެއް ނެތި ކަމަށާއި އަމާޒަކީ ރާއްޖޭގައި ރަނގަޅު ޖީލެއް ބިނާކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނެތް ކަމަށާއި އޭނާވެސް ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ.
އެމްޑީޕީ އުފެއްދީ އެއިރުގެ ރައީސް މައުމޫން އަބްދުއްގައްޔޫމުގެ ވެރިކަން ނިންމަން ކަމަށާއި ޑީއާރްޕީ އުފެއްދީ ވެރިކަން ދަމަހައްޓަން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އުފެއްދުމުގެ މަގުސަދަކީ އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވެރިކަމަށް އިންތިހާބު ކުރުން ކަމަށް ޑރ. މުނައްވަރު ވިދާޅުވިއެވެ.
އެމްޑީޕީން 2008 ވަނަ އަހަރު ބޭއްވި ޕްރައިމަރީއާ ގުޅިގެން މުނައްވަރު ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވަނީ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ޕާޓީގެ ރައީސް ކަމަށާއި ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި ގަވާއިދާ ހިލާފަށް ޕްރައިމަރީއެއް ބޭއްވި ކަމަށެވެ. 2008 ވަނަ އަހަރު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވީ މުނައްވަރުއެވެ.
ސިޔާސީ ޕާޓީއެއްގެ މަގުސަދަކީ ގައުމާ ދޭތެރޭގައި އިޖުތިމާއީ އަދި އިގުތިސޯދީ ސިޔާސަތެއް އޮވެގެން އެ ސިޔާސަތުތައް ތަންފީޒުކުރަން މަސައްކަތް ކުރުން ކަމަށެވެ. ސިޔާސީ ޕާޓީއަކީ ރަށްޓެހިންނާއި މުވައްޒަފުން ހިމަނައިގެން އުފައްދާ އެއްޗެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑަކަށް ގަބޫލުނުކުރެވޭ މި ޕާޓީ ނިޒާމު އޮތްގޮތުގާ އަދި ރާއްޖެއަށް ގެނެވުނުކަމަކަށް. އަޅުގަނޑުމެން ޕާޓީގެ ނިޒާމެއް ގެނެސްގެން އެ ޕާޓީއެއް އެ މަގުސަދެއް ހާސިލެއްނުވި އިނގޭތޯ. އަޅުގަނޑު ނުދަންނަވަން ޕާޓީގެ ނިޒާމު ފެއިލްވީއެކޭ އެކަމަކު ގާތްގަޑަކަށް އެ ހިސާބެއްގެ މިއޮތީ. އަޅުގަނޑުމެންނަށް ޕާޓީ ނިޒާމު ގެނެސްގެން އުފެދުނީ ކޮރަޕްޝަން. ހެސްކިޔާފަ، މުޅި ގައުމުގަ،" ޑރ. މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީއެއް އެއް ސިސްޓަމަކަށް އަމަލުކުރަން ޖެހޭ ކަމަށާއި މިހާރު މިއޮތް ގޮތުން ސިޔާސީ ޕާޓީތަކުގެ ނިޒާމުގައި ވާނުވާ ނޭނގޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު