ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023 އިންސާފުވެރި ކުރުމަށް ބުރަކޮށް މަސައްކަތްތަކެއް ކުރެވިފައިވާނެ ކަމަށާއި ސްކޯރިން ސިސްޓަމަކާއެކު އިންސާފުވެރި އެވޯޑެއް ދެވޭނެ ކަމަށް ފަނޑިޔާރުންގެ ޕެނަލުން ހާމަކޮށްފިއެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅިވަރު އެކުވެނީގެ ސިންތެޓިކް ޓްރެކް ސަރަހައްދުގައި ބާއްވަން ތައްޔާރުވަމުންދާ ސްޕޯޓްސް އެވޯޑަށް ޔޫތު މިނިސްޓްރީން ދަނީ އެންމެ ފަހުގެ ތައްޔާރީތައްވަމުންނެވެ. ސްޕޯޓްސް އެވޯޑުގައި ރާއްޖޭގެ ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނެއްގެ އެންމެ މޮޅު ކުޅުންތެރިޔާ (އަންހެން/ފިރިހެން) ހޮވާނެއެވެ. މީގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅިވަރު އެތުލީޓް (އަންހެން/ފިރިހެން) އަދި ކުޅިވަރާ ގުޅުން ހުރި އެކި ދާއިރާތަކުން އެވޯޑުތައް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑުގެ ފަނޑިޔާރުން ޕެނަލްގައި މިއަހަރުވެސް ހިމެނެނީ ފީފާ އަދި އޭއެފްސީގެ މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު، ގައުމީ ބާސްކެޓު ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަބްދުލް ނާފިއު ތައުފީގް، ކުރީގެ ފީފާ ރެފްރީ އަލީ ސަލީމް، ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ އިސްމާއިލް ސުޖާއުގެ އިތުރުން ގައުމީ ސްޕޯޓްސް ކައުންސިލްގެ މެންބަރު އާމިނަތު ނާޝިދާއެވެ.
މިއަދު ފަނޑިޔާރުން ޕެނަލްއިން ހެންވޭރު ބޯޅަގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާފިއު ވިދާޅުވީ މިހާރު އެވޯޑުގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި ސްކޯރިން ސިސްޓަމަކަށް އެސޯސިއޭޝަންތަކުން ވެސް އަހަރު ތެރޭގައި ފޮލޯކުރަމުން ދިޔުމަކީ އެވޯޑަށް ފަސޭހަތަކެއް ގެނުވައިދޭ ކަމެއް ކަމަށެވެ.
"ވަރަށް ރަނގަޅު މިސްރާބަކަށް މިދަނީ. އެސޯސިއޭޝަންތަކުންވެސް ސްކޯރިން ސިސްޓަމަށް ފޮލޯކުރައްވަން ފެއްޓުން އެއީ ރަނގަޅު ކަމެއް. އަޅުގަނޑުމެން މި ބޭނުންކުރާ ސިސްޓަމަކީ އެތައް ކުޅިވަރަކަށް، އެކިއެކި ގޮތްގޮތުން ބަލައި، ތަފާތު އެކިއެކި ކުޅިވަރުތަކަށް އަޅުގަނޑުމެން އެވޯޑު ދޭން ބޭނުން މިކުރާ ސިސްޓަމަށް ވަރަށް ބޮޑަށް މިހާރު އެސޯސިއޭޝަންތަކުންވެސް އެއްބާރުލުން އެބަދޭ. މިއީ ހައިޓެކް ޒަމާނެއް. ވަރަށް ގިނަ ގޮތްގޮތުން ޑޭޓާ ނަގައި އެކަންކަމަށް އެސޯސިއޭޝަންތަކުން މިހާރު ދަނީ މަސައްކަތް ކުރަމުން،" ނާފިއު ވިދާޅުވިއެވެ.
"މަސައްކަތް ހަވާލުވުމާއެކު ގިންތިތަކަކަށް ކުޅިވަރުތައް ބަހާލައި، ސްކޯރިން ސިސްޓަމެއް މިދިޔަ އަހަރާ އެއްގޮތަށް މިއަހަރުވެސް ތައްޔާރުކުރީ. އެކަމަށް ކަމާބެހޭ ފަރާތްތަކާ ފުރަތަމަވެސް ބައްދަލުކުރީ، އެގޮތުން އޮލިމްޕިކް ކޮމިޓީ އާއި ކޮމިޝަނާ ސްޕޯޓްސް، ނެޝަނަލް ސްޕޯޓްސް ކައުންސިލާވެސް ބައްދަލުކުރިން. މި އެންމެ ބޭފުޅުންގެ އިރުޝާދާއެކު ސްޕޯޓްސް ގިންތިކޮށް ބެލިން އެންމެ މަގުބޫލު ކުޅިވަރަކީ ކޮބައިތޯ، އެންމެ ގިނަ އެތުލީޓުން ކުޅެމުންދާ ކުޅިވަރަކީ ކޮބައިތޯ. ކުޅިވަރުތަކުން ކާމިޔާބު ހޯދަން، އަދި މެޑަލް ހޯދަންވެސް އޮތް ޕޮޓެނަޝްޝަލްވެސް ބެލިން،" މިއަދުގެ ޕްރެސްގައި ނާފިއު އިތުރަށް ވިދާޅުވިއެވެ.
ފަނޑިޔާރުންގެ ފަރާތުން އިތުރަށް ވިދާޅުވީ ޓީމު ކުޅިވަރުތަކާއި އިންޑިވިޖުއަލް ކުޅިވަރުތައް ތަފާތު ކުރުމެއް ނެތި މާކްސް ދެވޭނެ އުސޫލެއް ސްކޯރިން ސިސްޓަމެއް މެދުވެރިކޮށް ބެލި ކަމަށާއި މިހާރު ބޭނުންކުރަމުންދާ ސިސްޓަމުން އިންސާފުވެރިވާނެ ކަމަށް ގަބޫލުކުރެވޭ ފަދަ ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
މިއަދުގެ ޕްރެސްގައި ނާފިއު ވިދާޅުވީ އެސޯސިއޭޝަންތަކުން ކުޅިވަރު ބަލައިގެންފައިވާ ކަމަށާއި ޑާޓާތައް ނެގުމުގައި އެކަމުގެ ސަބަބުން ފަސޭހަތަކެއް އެބަހުރި ކަމަށެވެ.
"ބައެއް މައުލޫމާތުތައް ލިބޭއިރު ފުރިހަމަ ނުވެ ހުންނަ މައުލޫމާތު ހުރޭ. އެކަމަކު މިހާރު ލިބޭ މައުލޫމާތުތައް ތަފާތު. އެސޯސިއޭޝަންތަކުން ކުޅިވަރު އެވޯޑު ބަލައިގެންފި. އެސޯސިއޭޝަންތަކުން މިކަމަށް ތައްޔާރުވެ، މިހާރު ބޭނުންވާ ވަރަށް ޑާޓާ ކަލެކްޓް ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވޭ،" ނާފިއު ފާހަގަކުރެއްވިއެވެ.
ސްޕޯޓްސް އެވޯޑުގެ ފަނޑިޔާރުން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުވެސް އެންމެ ބޮޑު ސްކޯއެއް ދީފައިވާނީ ރާއްޖެއިން ބޭރުން ހޯދި ކާމިޔާބީތަކަށް ކަށެވެ. އޭގެ އިތުރުން ގައުމީ ލެވެލްގެ ކާމިޔާބީތަކަށްވެސް ބަލައި، އިންސާފުވެރިކޮށް ނަތީޖާތައް މިނެކިރާފައިވާ ކަމަށްވެސް ފަނޑިޔާރުން ވިދާޅުވިއެވެ.
"ޝަކުވާތައް މަދުވެ، ރައްދު ދޭވަރަށް މިހާރު ސްކޯރިން ސިސްޓަމް ތަރައްގީ ކުރެވިފައިވާ ކަމަށް ގަބޫލުކުރަން،" ނާފިއު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބައެއް ނޮމިނޭޝަންސްތަކުގެ މައްސަލަތައް ދިމާވި ކަންތައްތަކުގައި މިފަހަރު އެއަށްވުރެ ބޮޑަށް ވިސްނައި، އެކަންކަމަށް ހައްލު ގެންނާނެ ކަންތައްތަކަށް ސަމާލުކަން ދޭނެ ކަމަށް ނާފިއު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބައެއް އެސޯސިއޭޝަންތަކުގެ ނޮމިނޭޝަންތައް އިއުލާންކުރި ފަހުން ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވަމުން ނާފިއު ވިދާޅުވީ ނޮމިނޭޝަންސް އިއުލާނުކުރާ ފަހުންވެސް އިންސާފުވެރި ނަތީޖާއަކަށް ބޭނުންވާ ސައްހަ މައުލޫމާތު ލިބި، ނޮމިނޭޝަންސް ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި އެ ބަދަލުކުރައްވަން ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ނޮމިނޭޝަންތައް އިއުލާނުކުރުމާއެކު ބައެއް ފަހަރު އެސޯސިއޭޝަންތަކުން އިތުރު މައުލޫމާތުތައް ފޯރުކޮށްދޭން ބޭނުންވާކަން ފާހަގަކުރައްވައި ނާފިއު ވިދާޅުވީ ނޮމިނޭޝަންތަކަށް ބަދަލު ގެންނަނީ ރަނގަޅު މަގުން ސައްހަ މައުލޫމާތު އިތުރަށް ލިބި، އެވޯޑު އިންސާފުވެރި ކުރުމަށް ކުރާ މަސައްކަތުގެ ދަށުންނެވެ.
މިއަދު ޕްރެސްގައި ފަނޑިޔާރުން ކޮމިޓީގެ މެމްބަރު ޝުޖާ އާއި ޝާހިރު، އަދި ރެފްރީ ސަލީމްވެސް ވިދާޅުވީ ޑޭޓާތައް ފޮނުވުމުގައި އެސޯސިއޭޝަންތަކުން ޓެކްނޮލޮޖީގެ ބޭނުން ކުރާކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށާއި އެވޯޑުގައި އެސެސްކުރާ ކަންތައްތަކަށް އިސްކަމެއް ދީގެން ކުޅިވަރު އެސޯސިއޭޝަންތަކުންވެސް އެތުލީޓުންގެ ފެންވަރު މިނެކިރަމުންދާ ކަމަށެވެ.
އެވޯޑު ކޮމިޓީން މިއަދު ފާހަގަކުރީ އެވޯޑަށް ނަން ހުށަހެޅުމަށް މިހާރު އޮތް އުސޫލަށް ބަދަލުތަކެއް ގެންނަން ކޮންމެވެސް ވަރެއްގެ މަޝްވަރާއެއް ކުރަމުންދާ ކަމަށާއި އެކަން އަންނަ އަހަރު ތަންފީޒުކުރެވޭނެ ވަރަށް މަޝްވަރާތައް ކުރާނެ ކަމަށެވެ.