ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި ތިން ރަށެއްގައި ހިންގި ޕްރޮޖެކްޓުގެ މަސައްކަތް ނިންމާލައިފިއެވެ.

އެ ޕްރޮޖެކްޓުތައް ހިންގާފައިވަނީ ދ. ހުޅުދެއްޔާއި ލ. މުންޑޫ އަދި އެ އަތޮޅު ފޮނަދޫގައެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑު ބޭނުންކޮށްގެން ހުޅުދެލީ އައިލެންޑް ސޮސައިޓީ އެންޑް ސްޕޯޓްސް އެސޯސިއޭޝަނުން އެ ރަށުގައި ހެދީ މަސްކަނޑާ ތަނެކެވެ. ރޭގަނޑުވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެތަނަކީ މަސްވެރިންގެ އިތުރުން ހުޅުދެލީގެ އާންމު ރައްޔިތުންނަށްވެސް މަސްކެނޑުމަށް ފަސޭހަވާނެހެން ތަރައްގީކޮށްފައިވާ ތަނެކެވެ.

ބީއެމްއެލްގެ އެހީގައި މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން އެ ރަށު ބަނދަރު ސަރަހައްދުގައި ހެދި ދަތުރުވެރިންނަށް ހާއްސަ ތަނުގައި ހަޓަކާއި ލަކުޑި ބެންޗުތައް ބަހައްޓާފައިވާއިރު މިއީ ދަތުރުވެރިން މަޑުކޮށްލުމަށްޓަކައި ހިޔާކޮށްގެން ހަދާފައިވާ ތަނެކެވެ.

ލ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަތަރު ކްލާސްރޫމެއް ޑިޖިޓަލައިޒްކުރުމުގެ ގޮތުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ އެހީގައި އެ ރަށު ވިމެން އެންހޭންސްމަންޓްގެ ފަރާތުން ވަނީ ޓީވީ ބަހައްޓައިފައެވެ.

ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލް އިން ހުޅުވާލާފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 80 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ އެ ބޭންކުން ވަނީ ފޯރުކޮށްދީފައެވެ.