ގދ. ފަރެސްމާތޮޑާ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓް ޖައްސަން ނިންމާފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން ބުނެފިއެވެ.

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "ވަން" އަށް މިއަދު ވިދާޅުވީ ފަރެސްމާތޮޑާ އެއާޕޯޓް މި މަހުގެ 15ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ނިންމާފައިވާއިރު، މާދަމާ ހަވީރުގެ ވަގުތެއްގައި ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށެވެ.

"ޓެސްޓް ފްލައިޓް ޖައްސަން ވާންޖެހޭ ހުރިހާ ތައްޔާރީތައް އަޅުގަނޑުމެން މިހާރު ވާނީ ވެފައި. އެއާޕޯޓުގެ ހުރިޙާ މަސައްކަތެއްހެން ހުރީ ނިމިފައި. ރަސްމީ ދަތުރުތައް މި މަހުގެ 16ވަނަ ދުވަހުން ފެށިގެން ފެށޭވަރުވާނެ," ރިޒްވީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފަރެސްމާތޮޑާއަށް ދަތުރުތައް ބާއްވަން ހުރިހާ އެއާލައިނަކަށްވެސް ފުރުސަތު އެބަ އޮތް ކަމަށެވެ. ނަމަވެސް މި ވަގުތު އެކަމަށް ހުށަހަޅާފައިވަނީ މޯލްޑިވިއަނުން އެކަނި ކަމަށާއި އެހެންކަމުން މޯލްޑިވިއަނަށް އެ ހުއްދަ ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ހެދި ފަރެސްމާތޮޑާ އެއާޕޯޓަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.