މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް

ސްޕޯޓްސް އެވޯޑްސް ބުރާސްފަތި ދުވަހުގެ ރޭ، މެހެމާނުންނާއި ނޮމިނޭޝަންތައް އިއުލާނުކުރަން ފަށައިފި

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަން ތައްޔާރުވަމުންދާ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2023އަށް އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މިފަހަރުވެސް އެވޯޑު ހަފުލާ ބާއްވަން ހަމަޖައްސާފައި ވަނީ އެކުވެނީ ދުވާ ޓްރެކް ސަރަހައްދުގައެވެ. ހަފުލާ އޮންނާނީ އަންނަ ހަފުތާ ބުރާސްފަތި ދުވަހުގެ ރޭގައެވެ. ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ސްޕޯޓްސް އެވޯޑަށް ހާއްސަ ގިނަ މެހެމާނުންތަކެއް ގެންނަން ނިންމާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ގެންނަ ބައެއް މެހެމާނުންގެ ނަންތައް މިހާރު މިނިސްޓްރީން އިއުލާނުވެސް ކޮށްފައިވާ އިރު، އޭގެ ތެރޭގައި ކުރިން އިންގްލެންޑް ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ލެޖެންޑަރީ ގޯލްކީޕަރު ޑޭވިޑް ޖޭމްސް އާއި އޮލިމްޕިކްސް ރަން މެޑަލް ހޯދައި، ވޯލްޑް ރެކޯޑުވެސް ހަދާފައިވާ ޕެރަ އެތުލީޓް މާލޫ ވެން ރައިން އަދި ކްރިކެޓް ލެޖެންޑް ބްރައިން ޗާލްސް ލާރާ ހިމެނެއެވެ.

މިހާތަނަށް ސްޕޯޓްސް އެވޯޑުގެ ބައެއް ކުޅިވަރުތަކުގެ ނޮމިނޭޝަންތައްވެސް މިނިސްޓްރީން އިއުލާނު ކޮށްފައިވާ އިރު، އެ ކުޅިވަރުތަކުގެ ތެރޭގައި ކެރަމްއާއި ބާސްކެޓް ބޯޅައިގެ އިތުރުން ހޭންޑްބޯޅަ ހިމެނެއެވެ.

މިދިޔަ އަހަރުވެސް ރާއްޖޭގައި ކުޅިވަރު އެވޯޑުގެ ބޮޑު ހަފުލާއެއް މިނިސްޓްރީން ބާއްވާފައިވާ އިރު، އެ އިވެންޓް ފެނިގެން ދިޔައީ ތަރިންގެ އިވެންޓެއްގެ ގޮތުގައެވެ. ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ އާއި ފުޓުބޯޅަ ތަރިން ކަމަށްވާ ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ކާލޯސް އަދި ވޮލީ ލެޖެންޑް ބްރެޒިލްގެ ގީބާ ފާހަގަކުރެވިގެން ދިޔައެވެ.

މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިފަހަރުގެ އެވޯޑު ނައިޓްގެ ހަވާސާގައި ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯއެއްވެސް ކުރިއަށް ގެންދަން ވަނީ ހަމަޖައްސައިފައެވެ.