ނަވާލްގެ މޫނުމަތިން ހައިރާންކަމެއް ފެނިލިއެވެ. ކުއްލިއަކަށް މަންޝާގެ ވާހަކަތައް ނަޒާން އެހި ސަބަބެއް ނޭނގުނެވެ.
******
ލޯގަނޑު ކައިރީގައި ގައިގައި ލޯޝަން ހާކަންހުރި އާމިރު ބަލައިލީ ކޮޓަރިއަށް މީހަކު ވަތް އަޑަށެވެ. އޭރު މާޝިތާ އައިސް އެނދުގައި އިށީނދެއްޖެއެވެ. އޭނާގެ އަތުގައި ފެހިކުލައިގެ ސިޓީއުރައެއް އޮތްތަން އާމިރަށް ފެނުނެވެ.
"ތިއޯ... ތީ ކޯޗެއް؟" އާމިރު އެހިއެވެ.
މާޝިތާ ބަހެއް ނުބުނެ ހިމޭނުން އިނުމުން އާމިރު ބަލައިލިއެވެ. އަނބިމިހާއަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާއަށް ފާހަގަވިތާ ދެތިން ދުވަހެއް ވެއްޖެއެވެ. މިއަދު އެހުރިހާ ކަމެއް ހޯދަން އޭނާ ބޭނުންވިއެވެ. ނިދަން ލާ ޓީޝާޓާއި ސޯޓު ލައިގެން އައިސް މާޝިތާ އާ ޖެހިގެން އޭނާ އިށީނެވެ.
"ބަލަ... ކިހިނެއްވެފަ؟" މާޝިތާ ސިހުނީ ފިރިމީހާގެ ފިނި އަތްތިލަ އޭނާގެ އަތުގައި ޖެހުމުންނެވެ.
"މި ހަމަ ވިސްނާލަން އިނީ" މާޝިތާ ބުންޏެވެ.
"ކޮންކަމެއް؟ އަހަރެންނާވެސް ހިއްސާކޮށްބަލަ. ދަރިއަކު ކަމެއްކުރީތަ؟"
މާޝިތާ ފުންނޭވައެއް ދޫކޮށްލިއެވެ. އަތުގައި އޮތް ސިޓީއުރައިގެ ތެރޭގައި އޮތް ކަރުދާސްގަނޑު ނަގާފައި އާމިރަށް ދިއްކޮށްލިއެވެ. އާމިރު އޭގައި ހިފާފައި ބަލައިލިއެވެ.
"މިކަމެއް އޮތީ މާދަމާ ރޭ ނޫން އަނެއް ރޭގައެއްނު. މިހާދާ މިއަދު ހަވީރު ބާޒާރުމަތިން ދިމާވެގެން ދެ މީހުން ސައިތަށްޓެއް ބޯލަން ހޮޓަލަކަށް ވަދެ ތިވާހަކަ ދެއްކިން. އަހަރެންނަކަށް ހިއެއްނުވޭ މިހާދު އެހާ ގަޔާވާހެނެއް" އާމިރު ވާހަކަދެއްކިއެވެ.
"ތިއެއް އަހަރެންނަކަށް ނޭނގެ. އާމިރު، އަހަރެންނަށް ހީވަނީ ކަންތައްތައް ވަރަށް ގޯސްވެދާނެހެން. އަހަރެމެންގެ ދެމަފިރިންނަށް ދޯ އެނގޭނީ ކުޑައިރު ނަޒާނަށް ބޭސްކުރިވަރު. އިންތިހާއަށް ބޯސަކަރާތްވެއްޖިއްޔާ އެސޮރު އަތުންފައިން ގޯސްވެސް ހަދާފާނެ. އަދިވެސް ދެންމެ ވީކަމެއްހެން އަހަރެންގެ ހަނދާނުގަ އެބަހުރި އުމުރުން ފަސްއަހަރުގަ އެސޮރު ތިންބުރީގެ އިމާރާތެއްގެ ކުޑަދޮރުން ފުންމާލި ދުވަސް. ދެ އިމާރާތް ދޭތެރޭގައި އޮތް ހަނި ގޯޅިގަނޑެއްގެ މަޑު ފަސްގަނޑުމަތީގައި ގަދަވެ ސަލާމަތުން އެސޮރު ކޮޅަށް ހުއްޓައި ފެނުމުން އަހަރެން ހެއްދެވިފަރާތަށް ޝުކުރުގެ ސަޖިދައެއް ޖެހިން. އެދުވަސް ހަނދާންވީމަ އަދިވެސް ގައިން ހީބިހިނަގާ. އެދުވަހަކީ ނަވާލާ ދެކުދިން ކުޅުނު ކުޅިވަރަކުން ނަޒާން ބަލިގަބޫލު ނުކުރަންވެގެން ކުރިކަމެއް. އެދުވަހު އޭނަ ހަމަޖެހުނީ އަލުން ކުޅެގެން ނަވާލް އަތުން މޮޅުވީމަ. މިއަދު އެމަންޒަރު ތަކުރާރުވާން އުޅޭހެން އަހަރެންނަށް ހީވަނީ. ޒާން އެއީ އެއްފަހަރު ނާކާމިޔާބުވެގެން ދެއަތް އުރާލައިގެން ހުންނާނެ ކުއްޖެއް ނޫން. އަހަރެންނަށް ވުރެ ބޮޑަށް އަހަރެންގެ ދަރިއެއްގެ ހަގީގަތް އެއްވެސް މީހަކަށް ނޭނގޭނެ. އާމިރަކީ އެކުދިންގެ ބަފާ. އަހަރެންނަށް ވުރެ ބޮޑަށް އާމިރަށްވެސް ނޭނގޭނެ" މާޝިތާ ވާހަކަދެއްކިއެވެ. ފަހުވަގުތު މާޝިތާގެ ދެލޮލުން ކަރުނަ ނީރާލިއެވެ.
"ތިދެއްކީ ތެދު ވާހަކަތަކެއް. އެކަމަކު ތިވާހަކަތައް ތިދެއްކި ސަބަބެއް އަހަރެންނަކަށް ނުވިސްނޭ. ނަޒާން ކީއްކުރީ" އާމިރު ބުންޏެވެ.
މާޝިތާ އާމިރަށް ބަލައިލިއެވެ. ދެން ނަޒާން ދެއްކި ވާހަކަތައް އާމިރަށް ކިޔައިދޭން ފެށިއެވެ. މަންޝާގެ ކައިވެނީގެ ހަބަރާއެކު ނަޒާންގެ ހިތަށް ކޮށްފައިވާ ފުންއަސަރުތަކުގެ ވާހަކަތައް ހިއްސާކުރިއެވެ. އެ ލޯބީގައި ނަޒާނަށް ވެދާނެގޮތަކާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ. މާޝިތާގެ ވާހަކަތަކާއެކު ފުންހިމޭން ކަމަކަށް އާމިރުގެ ސިކުނޑި ދަތުރުކުރިއެވެ. ބުނާނެ އެއްޗެއް އޭނާއަށްވެސް ނޭނގުނެވެ.
"ކީކޭ ދެން ބުނާނީ. ތިއީ ވަރަށް ދެރަ މައްސަލައެއް. ހެއްދެވިފަރާތާ ވަކީލު" އާމިރު ބުންޏެވެ.
"އަހަރެން ބުނިން މަންމައަށް އެހީއެއް ނުވެވޭނޭ. އަހަރެންގެ ދަރީގެ އުފަލަށްޓަކައި ދެމީހަކު ކުރަން އުޅޭ ކައިވެންޏަކަށް ހުރަސް އަޅައިގެން ނުވާނެއްނު. ޒާންއަށް މަންޝާ ކަމުދިޔަސް މަންޝާއަށް ޒާން ކަމުނުދިޔަމައެއްނު ފުރަގަސްދޭނީ"
"އާނ ތިކަން ވާނީ ތިހެން. އުންމީދު ކުރަނީ ރަނގަޅަށް އެސޮރުގެ ސިކުނޑި މަސައްކަތް ކުރާނެ ކަމަށް. ނަވާލްގެ ވިސްނުންހާ ހަރުދަނާ ނުވިޔަސް ﷲ އިރާދަކުރެއްވިއްޔާ ގޯސް ނިންމުމެއް އެކުއްޖާ ނުނިންމާނެ"
******
ފެންފުޅިއެއް ހިފައިގެން ގޮސް މަންޝާ އިށީނީ މޭޒުކައިރީގައެވެ. ބިއްލޫރިތަށްޓަށް ފެންއަޅައިގެން ހިމޭންކަމާއެކު އޭނާ އެބޮމުން ދިޔައެވެ. މޭޒުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމުން ސިހިފައި ބަލައިލިއެވެ. އެއީ ޝައިހާނެވެ. އިރުއޮށްސުނުފަހުން ޝައިހާން އެގުޅަނީ ދެވަނަ ފަހަރަށެވެ. އެއްފަހަރުވެސް އޭނާ އެފޯނަށް ޖަވާބުނުދިނެވެ. އެއީ ރަނގަޅު ގޮތެއް ނޫންކަން އެނގި އޭނާ ފޯނު ނެގިއެވެ. ކަންފަތުގައި ނުޖަހައި ފޯނު ސްޕީކަރަށްލާފައި ގަޔާ ކައިރިކޮށްލިއެވެ.
"އެގަޑީގަ ފޯނު ޗާޖަރަށް ޖަހާފަ އޮތީމަ ނުނެގުނީ" ޝައިހާން ބުނި އެއްޗަކާ ވިއްދައިގެން މަންޝާ ބުންޏެވެ.
"ނޫން. ނިދަން މިދަނީ. ގުޑްނައިޓް އިނގޭ. ޝައިހާންގެ މަންމައަށް ސަލާންބުނައްޗޭ"
މަންޝާ ފޯނު ބޭއްވިއެވެ. ކައިވެންޏެއް ކުރެވެން އުޅޭތީ އަންހެންކުއްޖެއްގެ ހިތަށް ލިބެންވީ ހިތްހަމަޖެހުމާއި އުފާވެރިކަން އޭނާގެ ހިތަށް ނުލިބެއެވެ. އެވާގޮތެއް އޭނާއަށް ނުވިސްނެއެވެ. ކުއްލިއަކަށް އޭނާގެ ހިތަށް ސިފަވެގެން ދިޔައީ ނަޒާންގެ އިނގިލީގައި އޮތް އަނގޮޓިއެވެ. ވައަތުގެ ކަށި އިނގިލީގައި ރިހި ކުލައިގެ އަނގޮޓިއެއް އޮންނާނީ އެކަމުގެ ފަހަތުގައި ސިއްރެއް އޮތީމައެވެ. އެކަމެއް ވާނީ ހޯދާށެވެ. އެހެންކުއްޖަކާ އަނގޮޓިން ލޯބި ބަދަލުކޮށްގެން އައިސް އެދެއްކީ ކިހާ މޮޅެތި ވާހަކަތަކެއް ހެއްޔެވެ. އެންމެފަހުން ކަމުގެ ހަގީގަތް ހޯދަން މަންޝާ ގުޅީ ތިއާއަށެވެ.
"ސުބްހާނަﷲ. އަނެއްކާ ކޮންދިމާލަކުންބާ މިއަދު އިރުއޮށްސުނީ" މަންޝާގެ ފޯނު ނެގިގޮތަށް ތިއާ ބުންޏެވެ.
"އިރުއޮށްސުނު ދިމާ ބުނެދޭންވެގެންނޭ. އާދެވޭނެތަ އަނގަތަޅާލަން މިގެއަށް" މަންޝާ ބުންޏެވެ.
"ދެވިދާނެ. އެކަމަކު ނަވާލް އައިމަ ދެވޭނީ. ދޮންބެ އާ ދެމީހުން ކޮފީއަކަށޭ ކިޔާފަ ގޮސްވީ"
ފޯނު ބާއްވާފައި ތަށީގައި ހުރި ފެންފޮދު އެއްކޮށް މަންޝާ ހުސްކޮށްލިއެވެ. ދެން އޭނާ ގުޅީ ހަމްރާއަށެވެ. ހަމްރާގެ އަނގައިން ސަލާމަތްނުވާނެކަން އެނގޭއިރުވެސް އޭނާ ބޭނުންވީ ނަޒާން ބުނީ ކީކޭތޯ ބަލާށެވެ.
"ކިހިނެކޭވީ އަންހެނާ. ބުނަން. މަ ކައިރީގަ އެމީހާއޭ ކިޔައިގެން އެކައްޗެކޭވެސް ނުކިޔާތި"
ހަމްރާގެ އިންޒާރުން މަންޝާއަށް ހެވުނެވެ. ފޯނުން ވާހަކަދައްކަމުން އައިސްއަލަމާރިއަށް ފެންފުޅިލާފައި ކޮޓަރި އާ ދިމާލަށް މަންޝާ ހިނގައިގަތެވެ.
"ދެން ކާކުގެ ވާހަކަ ދައްކަންވީ؟" މަންޝާ ބުންޏެވެ.
"އެނޫނީ ކޮންމެ މީހެއްގެ ވާހަކަވެސްދެއްކިދާނެ. ހުއްދަ ދީފިން"
މަންޝާ ހީލިއެވެ. ނަޒާންގެ ވާހަކަ ފެށުމުގެ ކުރިން ޝައިހާނަކީ އެނާގެ ވާންއުޅޭ ފިރިމީހާކަން ހަނދާންކޮށްދިނެވެ.
"އަދި ނުވެއެއްނު" ހަމްރާ ބުންޏެވެ.
"އޯކޭ. ނަޒާން ކީކޭތަ ބުނީ އަހަރެން ކައިރީގައި ބުނާށޭ"
ހަމްރާ ހިމޭންވިކަން އެނގުނެވެ. މޮޅު އެއްޗެއް ބުނަން ތައްޔާރުވަނީކަން މަންޝާއަށް އެނގުނެވެ.
"ނުބުނާނަން. ކޮބާ ބޭނުމަކީ. މީހަކާ އިންނަން އުޅޭއިރު އެހެން ފިރިހެނުންގެ ވާހަކަ އެހުމަކީ ގޯހެއް. އެހެންނޫނަސް އެހާ އެކްޓުދައްކާ ކަޓު ފިރިހެނެއްގެ ވާހަކަ ދައްކަނީ ކީއްކުރަން" ހަމްރާ ބުންޏެވެ.
"ދެން ބުނެބަލަ" މަންޝާ ބުންޏެވެ.
"ނަޒާންގެ ވާހަކަ އަހަން ޝައުގުވެރިވޭ. ނަޒާން ކުރާ ކަންކަން އޮޅުންފިލުވަން ބޭނުންވޭ. މަގުމައްޗަށް ނުކުތިއްޔާ ނަޒާން ފެނޭތޯ ބެލޭ. އަތްލަން އެދެވޭ. ހިފާކަށް ނުކެރޭ. ހިތުން އެދެވޭ. ގަބޫލުކުރާކަށް ބޭނުމެއްނުވޭ. އެނގޭތަ ތިއީވެސް ލޯބީގެ ވައްތަރެކޭ"
މަންޝާ ހިމޭންވިއެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް އޭނާއަށް ހީވީ ހަމްރާގެ ދުލުން އިއްވައިދިނީ އޭނާގެ ހިތުގެ ހާލު ހެންނެވެ. އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. ވިސްނުން ނުބައި ދިމާލަކަށް ދަތުރުކުރާހެން ހީވެ އެހެން ކަމަކަށް ހިތް މަސްއޫލުކުރުވަން އަވަސްވިއެވެ.
"ބާއްވަނީ. ފަހުން ގުޅާނަން"
******
"ޝައިހާން. އޭނަ އިންނަން އެ އުޅެނީ ޝައިހާނާ. ޕާޓޭއެއް. އަމިއްލައަށް އަނދަވަޅަކަށް ވެއްޓެން އެއުޅެނީ"
ނަވާލް ބުނެލި ޖުމްލައާއެކު ނަޒާނަށް ހައިރާންކަން ލިބުނެވެ. އިވުނު ގޮތްބާއޭ ހިތަށް އެރިއެވެ. އެ ޝައިހާނަކީ ހަގީގަތުގައިވެސް ޕާޓޭއެއް ބާއޭ ހިތަށް އެރިއެވެ. އެކަން އެގޮތަށް ވިއްޔާ އެއީ ލިބުނު ޕްލަސް ޕޮއިންޓެކެވެ.
"އާރ ޔޫ ސީރިޔަސް. ނަވާއަށް ޔަގީންތަ އެއީ ރަނގަޅު މީހެއް ނޫންކަން" ހިތްއަވަސްވެފައި އިން ނަޒާން އެހިއެވެ.
"އާއެނކޭ. މަންޝާ ބުނަނީ މިހާރު އޭނަ ރަނގަޅުވެއްޖޭ. އެކަމަކު އަހަރެންގެ ހިތް ގަބޫލެއް ނުކުރޭ" ނަވާލް ބުންޏެވެ. ކޮފީތަށިން ކޯވަރެއް ބޯލާފައި ނަޒާނަށް ނަޒަރެއް ދިންވަގުތު ފެނުނު މަންޒަރަކުން ނަވާލް ހައިރާންވިއެވެ. ނަޒާންގެ ތުންފަތްމަތިން ހިނިތުންވުމެއް ފެނުމުންނެވެ.
"އެހެންވީމަ ރިޕޯޓް ތައްޔާރުކުރަން މިޖެހުނީ ޕޮޒިޓިވްކޮށްތާ" ނަޒާން ބުންޏެވެ.
"ނޭނގުނު. ދޮންބެ ކީއްވެ މަންޝާގެ ވާހަކަ ތިއަހަނީ" ނަވާލް ބުންޏެވެ.
"ނަވާއަށް އެނގޭތަ ތިބުނާ މީހާގެ އެހެން މައުލޫމާތެއް. މިބުނީ ފޯނު ނަންބަރު ނޫނީ އުޅޭ އެޑްރެސް. ނޫނީ ވަރަށް އަވަހަށް އައިޑީ ކާޑު ނަންބަރު ހޯދާލެވޭނެތަ؟"
"ތިބުނާ އެއްޗެއް ހޯދާލެވިދާނެ. އެކަމަކު... ކިހިނެއްވީ؟ ޕްލީޒް ބުނެބަލަ"
ނަޒާން ނުބުންޏަސް ނަވާލްގެ ހިތް އޭނާ ކައިރީގައި ބުނަން ފަށައިފިއެވެ. ބޭނުންވަނީ ނަޒާން ބުނާ އަޑު އަހާށެވެ. އޭނާއަށް ހީކުރެވެނީ ގޯސް ހީވުމެއްކަން ސާބިތުވާށެވެ.
"މަންޝާ... ހެހެހެ..." ނަޒާން ހީލިއެވެ. ނަވާލަށް ޔަގީންވިއެވެ. އެހެން ނޫނީ މަންޝާ އާ ގުޅޭ ވާހަކަތައް ދެކެވޭއިރު ނަޒާންގެ ތުންފަތަށް އާދަޔާހިލާފު ހިނިތުންވުމެއް ނުފެނުނީހެވެ.
"ދޮންބެގެ މާރަނގަ.... މަންޝާ ތަ؟"
"މަންޝާ އޭ ނުކިޔާ. އެއީ ނަވާގެ ފަހަރި..." ނަޒާން ބުންޏެވެ.
ނަވާލަށް ހީލަންވެސް ނޭނގުނެވެ. އެމީހަކަށް އޭނާ ބޭވަފާތެރިވި އަންހެންކުއްޖާ އެ ކަމުދިޔައީ އޭނާގެ ދޮންބެއަށެވެ. މަންޝާ އެ ލޯބި ގަބޫލު ނުކުރާ ސަބަބުވެސް ނަވާލަށް އެނގިއްޖެއެވެ. ސަބަބަކީ ނަވާލާއި އޭނާ އާ ރައްޓެހިވެގެން ދުވަސްތަކެއް ހޭދަކޮށްފައިވާތީއެވެ. މަންޝާގެ ގޮތްގަނޑު ނަޒާނަށް ވުރެ ބޮޑަށް ނަވާލަށް އެނގެއެވެ. މަންޝާއަކީ ހިތްމޮޅު އަންހެންކުއްޖެއް ނޫނެވެ. ދޮންބެ މަންޝާދެކެ ލޯބިވީ ކީއްވެ ހެއްޔެވެ؟ ޔަގީނެވެ. ދޮންބެއަށް ނޫނެކޭ ބުނަން ޖެހުނީތީވެސް މަންޝާ ދެރަވާނެއެވެ.
"މައްސަލައަކީ މަންޝާ އާއި ޝައިހާނާ މެރީކުރަން އުޅުމެއް ނޫން. އެހެންވެއެއްނޫން ދޮންބެއަށް ނޫނެކޭ އެބުނަނީ"
ގޮނޑީގައި ލެގިގެން އިނދެފައި ނަވާލް ބުނި ޖުމްލައާއެކު ކުއްލިއަކަށް ގޮނޑީގައި ހަށިގަނޑު ސީދާކޮށްލިއެވެ. ނަވާލްގެ މޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. އެހާ ސީދަލަށް ނަވާލަށް ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ؟
"ކިހިނެއް ނަވާއަށް ތިހެން ބުނަން އެނގުނީ. އަހަރެންނަށް އިންކާރު ކުރީ މެރީކުރަން އުޅޭތީ. އެއްދުވަހު ވާހަކަދެއްކި އިރު ބުނި ޝައިހާން ދެމެދުގައި ނެތް ނަމަވެސް އަހަރެންނަށް ނޫނެކޭ ބުނާނަމޭ. އެވާހަކަތަ ތިބުނަނީ. މަން އެހެން ބުނި ސަބަބެއް ނަވާއަށް އެނގޭ ދޯ. ދޮންބެ ހުރިހާކަމެއް އެނގެން ބޭނުން. ކިޔައިދީބަލަ"
ނަވާލަށް އެއްޗެއް ނުބުނެވުނެވެ. އަނގަ ހުޅުވާވެސް ނުލެވުނެވެ. އޭނާ އާއި މަންޝާގެ ލޯބީގެ ވާހަކަތައް ކިޔައިދޭން ކެރޭނީ ކިހިނެއް ހެއްޔެވެ؟ އަމިއްލަ ނަފުސަށް ނަވާލް ލަދުގަތެވެ.
"އިރާދަކުރެއްވިއްޔާ ދޮންބެއަށް ދޮންބެގެ ލޯބި ލިބޭނެ" ނަވާލަށް ބުނެވުނީ އެހާވަރަށެވެ. ފަހުން ނަޒާން ސުވާލެއް ނުކުރިކަންވެސް ނަސީބެކެވެ.
******
މަންޝާ އާ ބައްދަލުކުރުމަށް ގެއަށް އައިސް ވަން ތިއާއަށް އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ގެއިން ބޭރަށް ނުކުންނަން ދިޔަ ޒަރޫކާއެވެ. ގޭތެރެއަށް ވަން ތިއާގެ ފައިން ފެށިގެން ބޮލާ ހަމައަށް ޒަރޫކް ބަލައިލިއެވެ. ކަޅު ކުލައިގެ ދިގު ހެދުމާއި ކަޅު ކުލައިގެ ޝޯލްގައި ތިއާ ފެންނަ ގޮތް ޒަރޫކަށް ވަރަށް ކަމުދިޔައެވެ. އެއީ ދުވަހަކުވެސް ރީތިކަން ފަނޑުނުވާ ހަޒާނާއެކޭ ޒަރޫކްގެ ހިތް ބުނެލިއެވެ.
"ފޮތި ފޭއްޔަކަށް އެރިގެން ހުއްޓަސް ތިވަރުގެ ރީތިކަމެއް އަހަރެން ނުދެކެން" ތިއާ އާ ގާތަށް ޖެހިލުމަށްފަހު ޒަރޫކް ބުންޏެވެ.
"ޝާޓްއަޕް.." ދަތްކުނޑި ވިކައިލަމުން ތިއާ ބުންޏެވެ.
ކުރިއަށް ހިނގައިގަނެފައިވެސް ތިއާ މަޑުޖެހިލީ ޒަރޫކް ބުނި ޖުމްލައެއްގެ ސަބަބުންނެވެ. ނާޔާ ވީތަނެއް އޮޅުންފިލުވަން ޒަރޫކް އުޅުމުގެ ބޭނުމެއް ނެތެވެ. އެހެންނަމަވެސް ނާޔާގެ ނަން ޒަރޫކް ބުނީތީ އެބުނާ އެއްޗެއް އަޑުއަހަން ތިއާ ބޭނުންވިއެވެ.
"އެއީ އަހަރެންގެ ކުއްޖެއް" ޒަރޫކް ބުންޏެވެ.
ތިއާއަށް ހީވީ ނާޔާއަކީ ޒަރޫކްގެ ދަރިވަރެއްގެ ގޮތުގައި ސިފަކުރިހެންނެވެ. މާބޮޑު ކަމަކަށް އެވަގުތު ނެހެދީ އެހެންވެއެވެ. ގޭތެރެއިން އެވަގުތު އިތުރު މީހަކު ނުފެނުނީތީވެސް ތިއާ ހިތްހަމަނުޖެހުނެވެ.
"ކީއްވެ ފޯނަށް ޖަވާބުނުދެނީ. ދެފަހަރު އަހަރެން ގުޅިން"
ޒަރޫކާ ވާހަކަދައްކަން މަޑުކޮށްގެން ހުރުމަކީ ތިއާ ކުރާހިއްވާ ކަމެއް ނޫނެވެ. އެވާހަކަތަކަށް ސަމާލުކަންނުދީ އޭނާ ހިނގައިގަތީ އެހެންވެއެވެ.
"މަންޝާގެ ވެޑިންއަށް އަންނާނަންދޯ. އަހަރެންގެ ކޮޓަރީގަ އަހަރެން ތިއާއަށް އިންތިޒާރު ކުރާނަން. އެއްޗެއް ދައްކަންވެގެން. ހީކޮށްލާ އަހަރެންގެ މީހަކަށް ތިއާ ހެދޭނީ އަހަރެން ދައްކަން މިއުޅޭ އެއްޗެއް ތިއާއަށް ފެނުމަށްފަހުގަ ކަމަށް" ޒަރޫކް ބުންޏެވެ.
އަޅާނުލާ ކުރިއަށް ދިޔަނަމަވެސް ޒަރޫކް ބުނި އެއްޗެއް ތިއާއަށް އަޑުއިވުނެވެ. ރުޅިވެސްއައެވެ. އެކަމަކުވެސް ޒަރޫކަށް ވަގުތުދީގެން ހުންނަން ބޭނުންނުވާތީ އެވާހަކަތަކަށް އޭނާ ދިނީ ބީރު ކަންފަތެކެވެ.
"އަމިއްލަ ބަރުބާދީއަށް ތައްޔާރުވޭ ދޫންޏާ" ވިހަ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވާފައި ޒަރޫކް ހިނގައިގަތެވެ.
******
ޓަކިޖެހުމުގެ ބަދަލުގައި ތިއާ ދޮރުހުޅުވާލިއެވެ. އޭނާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ހުސްކޮށް ހުރި އެނދެވެ. މަންޝާ ނުފެނުމުން އޭނާ އެތެރެއަށް ވަދެ ބަލައިލިއެވެ. ރެއިލިންގައި ލެގިލައިގެން ހުރި މަންޝާ ތިއާއަށް ފެނުނީ ވަކި ހިސާބަކަށް އެތެރެއަށް ވަތް ފަހުންނެވެ. ތިއާ އެދިމާލަށް ހިނގައިގަތެވެ. އެއްވެސް އަލިކަމެއް ނެތް އުޑަށް ބަލަހައްޓައިގެން މަންޝާ ހުރީ ތިއާއަށް ފުރަގަހަށެވެ. ތިއާ ގޮސް ހުއްޓުނީ މަންޝާގެ ފަހަތުގައެވެ.
"އަހަރެންނަށް އަންނަން ގަޑި ކިޔާފަ މިތަނުގަތަ މަންޖެ ތިހުންނަނީ" ތިއާ ބުންޏެވެ.
މަންޝާ ފަހަތަށް އެނބުރި ތިއާއަށް ބަލައިލިއެވެ. އެއްވެސް އަސަރެއްނުވާ ހިނިތުންވުމެއް ތިއާއަށް މަންޝާ ދިނެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟ އެއްޗެއް ހީނުކުރައްޗޭ. މިގޭގަ އެއުޅޭ ޒަރޫކް މުޅި އުމުރަށްވެސް އުޅެން އެއުޅެނީ މިގޭގަތަ؟ އޭނަ ނޫޅޭތަ ތަނެއް ހޯދައިގެން ދާކަށް. ފޫހި އިންސާނެއް"
މަންޝާ ހީލިއެވެ. އެހެންނަމަވެސް ތިއާއަށް ޖަވާބެއް ދޭން ނޫޅުނެވެ. އެހެން މީހަކު ބުނާ އެއްޗަކަށް އޭނާގެ ސިކުނޑި ތައްޔާރުކުރުމަށްވުރެ ބޮޑަށް އެ ސިކުނޑި ވަނީ އެހެން ކަމަކަށް ގޮސް ހުސްވެފައެވެ. ކައިވެނިކުރާ ވަގުތު ކައިރިވަމުންދާ ވަރަކަށް އޭނާގެ ސިކުނޑި ވަނީ ހާސްކަމެއްގެ ތެރޭގައެވެ.
"ކިހިނެއްވެފަ ތިހުންނަނީ އާގަމަވެފަ. އުޑުންވެސް ފެންނަނީ އެމީހާތަ؟" ތިއާ ދިމާކޮށްލިއެވެ.
"އަހަރެން ވާހަކައެއް އަހަންތަ؟" މަންޝާ ބުންޏެވެ. އެއްފަރާތުގައި ހުރި ހުދުކުލައިގެ ޕްލާސްޓިކް ވަށް މޭޒެއް މަތީގައި އަޅުވައިގެން ހުރި ހޭންޑްބޭގް ބާއްވާފައި ތިއާ އަލުން އައިސް މަންޝާ ކައިރީގައި ހުއްޓުނެވެ.
"އަހާބަލަ. އެކަމަކު ބުނަން. އަހަރެންގެ ސިކުނޑިއަށް ވިސްނައިގަންނަން ކުޅަދާނަ ނުވާވަރުގެ އެއްޗެއް ނާހާތި" ތިއާ ބުންޏެވެ.
"ބަލާލަބަލަ އުޑަށް. ކިހާ އަނދިރި ދޯ. އެންމެ ތަރިއެއްވެސް ނެތް. ހަނދުވެސް ނުފެނޭ. ވަރަށް ފަޅުކޮށް. އެއްވެސް މީހެއްގެ ދިރިއުޅުން އެމީހަކަށް އެހެން ފެނިދާނެތަ؟ އައި މީން އެމީހެއްގެ ފިއުޗާ"
ތިއާ އުޑަށް ބަލައިލިއެވެ. ތެދެކެވެ. އުޑަށް ވެރިވެފައިވަނީ ކަނުއަނދިރިކަމެވެ. ހީވާގޮތުން ވިއްސާރަވާން އުޅެނީ ކަންނޭނގެއެވެ. ތިއާ ހީލިއެވެ. މަންޝާގެ އަތްތިލައިގައި އޭނާ ހިފާލިއެވެ. ޝާއިރެއް ފަދައިން މާނަފުން ބަސްތަކަކުން މަންޝާއަށް ޖަވާބުދޭން އޭނާއަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ ހިތް ބުނެލި ޖުމްލައެއް އިއްވާލިއެވެ.
"އެމީހެއްގެ މުސްތަގުބަލުގެ ހުޅުކޮޅު އުޖާލާކޮށް އެމީހަކަށް ނުފެންނަންޏާ އެއީ މައްސަލައެއް. އިންޒާރެއް. ކުރިން ފިޔަވަޅު ނާޅައިފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ. އަދި އަމުދުން އަލަތު ކައިވެންޏެއް ކުރަން އުޅޭ އަންހެންކުއްޖަކަށް އެހެން ހީވުމަކީ ގޯހެއް. މަންއަށް އެހެން ހީވަނީތަ؟ ހިތަށް އަރަނީތަ އުފާވެރިކަމެއް ނުލިބިދާނޭ"
މަންޝާ ހުރީ އިސްޖަހައިގެންނެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ. ތިއާ އައުމުގެ ކުރިންވެސް އޭނާ ހުރީ އެހާލުގައެވެ. ތަފާތަކީ އޭނާގެ ދެލޮލުން އޭރު ކަރުނައިގެ ތެތްކަން އިހުސާސް ނުވާކަމެވެ.
"އޭތް... ކިހިނެއްވީ؟ މީހަކު އެއްޗެއް ބުނީތަ؟" މަންޝާ ނޭފަތް ދަމާލި އަޑު އިވުމުން ތިއާ ބުންޏެވެ.
މަންޝާ އިސްއުފުލާ ތިއާއަށް ބަލައިލިއެވެ. ދެން ތިއާގެ ދެއަތްތިލައިގެ ހިފަހައްޓާލިއެވެ. ކަރުނަތައް ހިންދާލަން މަސައްކަތް ކުރިއެވެ.
"މާދަމާ ރޭ އަހަރެންގެ ކައިވެނި. އަހަރެން ވަރަށް ބިރުއެބަގަނޭ. އާދަޔާހިލާފަށް ބިރުގަނޭ. އަހަރެންނަށް ހީވަނީ އުފަލެއް ހޯދަން އަހަރެންނަށް މިދެވެނީ ކޮންމެސް ބަޔަކަށް ހިތްދަތިކަމެއް ދީފައޭ. އަހަރެން ބިރުގަންނަނީ. އެއިން މީހެއްގެ ކަރުނައިގެ ސަބަބެއް ކަމުގައި އަހަރެން މިކުރާ ކައިވެނި ވެދާނެތީ. ތިއާ، މިހާ ހިސާބަށް އައިސްފަ މިކައިވެނިން ބޯދަމައިގަންނަން އަހަރެން ބޭނުމެއް ނޫން. އެކަމަކުވެސް ކީއްވެކަމެއް ނޭނގެ އަހަރެންގެ ހިތަށް ވަރަށް އެހެންކަހަލަ އެއްޗެހި އެބައަރާ. ވެދާނެ އަހަރެންނަށް ބަޔަކު އެގޮތަށް ވިސްނައިދެނީ ކަމަށްވެސް. އަހަރެން ބޭނުންވަނީ ކައިރީގަ އުޅޭ އެންމެންގެ ހެޔޮ ދުއާ. އެހުރިހާކަމަށް ވުރެ ބޮޑަށް އަހަރެން އެބަދެރަވޭ... އޭނަ.... އޭނަ މަތިން ހިތަށް އަރާފަ...." ފަހު ޖުމްލައާއެކު މަންޝާގެ ދެލޮލުން ކަރުނަ ގުޅައެއް ވެއްޓުނެވެ.
(ނުނިމޭ)