ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ފޮރިން މިނިސްޓްރީން އިސްނަގައިގެން "ވިމެން އިން ޑިޕްލޮޕްމަސީ"ގެ ނަމުގައި ހާއްސަ ސެޝަނެއް ބާއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި މި ސެޝަނަކީ ދިވެހި ހާރިޖިއްޔާގައި މަސައްކަތް ކުރައްވާ އަންހެން ޑިޕްލޮމެޓުން މެދުވެރިކޮށް، ހާރިޖީ ދާއިރާގައި އަންހެނުންގެ ދައުރާއި ހާރިޖީ ސިޔާސަތު ތަންފީޒު ކުރަމުންދާ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ބޭއްވި ސެޝަނެއް ކަމަށެވެ.

މި ސެޝަންގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފޮރިން މިނިސްޓްރީގެ ފަރާތުން ފޮރިން ސެކްރެޓަރީ އަހުމަދު ލަތީފް، އެމްބެސެޑާ އެޓް ލާޖް ޑރ. ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ އާއި ފޮރިން މިނިސްޓްރީގެ ގިނަ އަންހެން ޑިޕްލޮމެޓުން ބައިވެރިވިއެވެ.

ފޮރިން ސާވިސްގައި މަސައްކަތްކުރައްވާ އަންހެނުންގެ އަގުވަޒަންކޮށް، އަންހެނުންގެ ދުވަހާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފޮރިން ސާވިސްގައި މަސައްކަތަކުރައްވާ ހުރިހާ އަންހެންނުންކުރާ ބުރަ މަސައްކަތްތާމެދު ފަހުރުވެރިވާ ކަމަށެވެ.

އަދި ފޮރިން ސާވިސްގައި އަންހެނުން ހޯދާފައިވާ ކާމިޔާބީތައް އެއީ ވަރަށް އުފަލާއެކު ފާހަގަކޮށްލަން ޖެހޭނެ ކާމިޔާބީތަކެއް ކަމަށާއި އެއީ ހިންގުންތެރި، މުރާލި ކަނބަލުން ކަމަށްވެސް ވިދާޅުވިއެވެ.