ވިލިމާލޭ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ވަނިކޮށް އެތަނުން ފިލި މީހަކަށް ކްރިމިނަލް ކޯޓުން ޖޫރިމަނާގެ ހުކުމެއް އިއްވައިފިއެެވެ.
މި މައްސަލައަކީ މ. ހިއްސާ/ އާޒިފު އަބްދުލްހަލީމް 9 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ ހަވީރު 4:52 އިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ވިލިމާލޭ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުއްޓާ، އޭނާ އެ ސްޓޭޝަނުން ފިލައިގެން ދިއުމުން ދައުލަތުން ކުރި "ޖިނާއީ ބަންދަކުން ފިލުމުގެ ކުށުގެ ދައުވާ"ގެ މައްސަަލައެވެ.
މި މައްސަލައިގެ އިބްތިދާއީ މަރުލަހާގައި އާޒިފު ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންވެ، އެ މައްސަލަ ކުރިއަށްގެންގޮސްފައި ވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އާޒިފު ވަނީ އިއުތިރާފު ދަމަހައްޓައިފައެވެ.
އާޒިފް ކުރި ކުށަކީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމުން އެ ކުށުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. އާޒިފްގެ މައްޗަށް އަދަބު މަތިވާނެ ހާލަތެއް ނެތް ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އަދަބުގެ އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށް ކުރަން ޖެހޭކަން ދައުލަތުން ވަނީ ޝަރީއަތުގައި ފާހަގަކޮށްފައެވެ. އަދި އެ އަދަބު ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރަން އިއުތިރާޒު ނުކުރާ ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.
އެހެންވެ، އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައިވަނީ އާޒިފްގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށާއި އެ ޖަލު އަދަބު 21،600 ރުފިޔާގެ ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރުތެރޭ މީރާއަށް ދެއްކުމަށްވެސް ހުކުމްކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު