މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ބެލުމާއި ހަނދު ސާބިތުކުރަން ހެކިބަސް ދިނުން މިމަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނިންމައިފިއެވެ.

ޑީޖޭއޭ އިން މިއަދުކުރި އިއުލާނެއްގައި ބުނީ، މާލޭގައި ރޯދަ މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރަން ހަމަޖައްސާފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅުތަކުގައި ނަމަ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ކުރިމަތީގައި ކަމަށެވެ.

ހެކިބަސް ދޭ ވަގުތު އެ ރަށެއްގައި މެޖިސްޓްރޭޓަކު ނެތް ނަމަ، ރަށު ކައުންސިލުގެ އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިމަތީގައި ހެކިބަސް ދޭން ޖެހޭނެ ކަމަށެވެ. އަދި ހެކިބަސް ދޭ މީހާ ހެކިބަސްދޭ އިރު، ހަނދު ހުރި އުސް މިނާއި މިސްރާބާއި އެނޫން ވެސް އެފަދަ މުހިއްމު މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޑީޖޭއޭ އިން އިތުރަށް ބުނީ ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.