އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު އިންޝުއާ ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އެއާޕޯޓް އެއް އަހަރު ދުވަހުގެ މުއްދަތަށް އިންޝުއާ ކޮށްދޭނެ ދިވެހި ކުންފުންޏެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެއާޕޯޓަށް ބޭނުންވާ ޕޮލިސީތަކަކީ ޕްރޮޕަޓީ އޯލް ރިސްކް، ބިޒްނަސް އިންޓަރަޕްޝަން އިންޝުއަރެންސް އަދި ޓެރަރިޒަމް އިންޝުއަރެންސް ކަމަށް އައްޑޫ އެއާޕޯޓުން ބުންޏެވެ.
އެއާޕޯޓް އިންޝުއާ ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 13 ވަނަ ދުވަހުގެ ކުރިން ބިޑް ހުށަހެޅުމަށް އައްޑޫ އެއާޕޯޓުން ވަނީ އެދިފައެވެ.
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން އިންޑިއާގެ ރެނާޓަސް ކުންފުންޏަށް އިއްޔެ ވަނީ ހަވާލުކޮށްފައެވެ. އައްޑޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބެންކުން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. މި މަޝްރޫއު އިންޑިއާގެ ރެނާޓަސް ކުންފުންޏާ ހަވާލުކޮށްފައިވަނީ 29.7 މިލިއަން ޑޮލަރަށް، ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އައްޑޫ އެއާޕޯޓް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ގޮތަށެވެ. އެ އެއާޕޯޓުގައި ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއް ވެސް ގާއިމުކުރާނެއެވެ. އަދި ކޯލްޑް ސްޓޯރޭޖަކާ އެކު ކާގޯ ވަސީލަތްތައް ވެސް ގާއިމުކުރާ އިރު، އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރުމުގެ އިތުރުން ވެހިކަލް ޕާކިން ޒޯނެއްވެސް ތަރައްގީ ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު