އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ދޫކުރަން އެއްވެސް އިރަކު އެއްވެސް މުވައްޒަފަކަށް އަންގަވާފައިނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ކުރި މަސައްކަތުގެ ތެރެއިން ހިންގާފައިވާ ހިޔާނާތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން، ކަމާބެހޭ މިނިސްޓްރީތައް އޮޑިޓް ކުރުމަށްފަހު މީގެކުރިން އޮޑިޓް އޮފީހުން ނެރުނު ރިޕޯޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދެއްވަމުން އޭރުގެ އޮޑިޓާޖެނެރަލް ހަޒަން ޒިޔަތު ވިދާޅުވީ، ދުބާއީ ކުންފުންޏަށް ދިން ވެންޓިލޭޓަރުގެ ފައިސާ ޖަމާކުރަން ފުރަތަމަ އެދުނީ ޑރ. އަލީ ތަހުމަތީގެ އަމިއްލަ އެކައުންޓަކަށް ކަމަށެވެ.
ތަހުމަތީއަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭނިންގެ މެޑިކަލް ޑައިރެކްޓަރެވެ.
އެގޮތަށް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން ވެންޓިލޭޓަރު ގެނައުމަށް ހަވާލުވި ކުންފުނިން އެދުމުން ފައިސާ ދޫކުރެއްވީ ކީއްވެގެންތޯ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާ ޖަމާކުރަން އެއްވެސް ވަރަކަށް، އަދި އެއްވެސް މީހަކަށް އަންގާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު އެއްވެސް ވަރަކަށް ނޯންނާނެ އިނގޭތޯ އަމިއްލަ މީހެއްގެ އެކައުންޓަކަށް ފައިސާ ދޫކުރާކަށް އެއްވެސް ގޮތަކަށް އަންގައިފައެއް، އަދި މިނިސްޓްީ އޮފް ފިނޭންސްގެ އެއްވެސް މުވައްޒަފަކު އެގޮތަށް ވާހަކައެއްވެސް ނުދައްކާނެ،"
ވެންޓިލޭޓަރު ގަންނަން 31 މިލިޔަން ރުފިޔާ ދިން ނަމަވެސް އެކަން ހަވާލުކުރި ކުންފުނިން ވެނެޓިލޭޓަރުތައް ގެނެސްފައި ނުވާތީ، އެ މައްސަލަ ސަރުކާރުގެ ފަރާތުން މިހާރު ވަނީ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅައިފައެވެ.
އެ މައްސަލައިގައި ދިވެހި ދައުލަތުން އެދިފައިވާނީ އެގްޒެކިއުޓާސްއިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސްދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު