"ކިޔައިދޭނަން މަންމައަށް. މިހާރު ކޮންމެހެން ސިއްރުކުރާކަށް ބޭނުމެއް ނޫން. މިވާހަކައެއް ނޫނޭ. މަށަށް ދީބަލަ މަންޝާ އިންނަން އުޅޭ ކުއްޖާގެ މައުލޫމާތު" ނަޒާން ބުންޏެވެ.
"ނަމެއް ހަނދާނެއް ނެތް މިހާރު. އަހާލަން ޖެހޭނީ. ނަވާއަށް އެނގޭނެ. އެ އޮފީހުގަ އުޅޭ ކުއްޖެއް އެއީ" ތިއާ ބުންޏެވެ.
"އެހެންވިއްޔާ އަޅާނުލާ. ދޮންބެ ނަވާލް ކައިރީގަ އަހާނަން"
*******
ދިލްޝާދަށް މަންޝާ އަތުޖެހުނީ ރޭގަނޑު އެގާރައިގެ ފަހުންނެވެ. މަންޝާގެ ކޮޓަރިއަށް އޭނާ ދިޔައީ މަންޝާ އެހާ އަވަހަށް ނުނިދާނެކަން އެނގޭތީއެވެ. ކޮޓަރި ދޮރުގައި ޓަކިޖަހާލާފައި ދިލްޝާދު މަޑުކޮށްލައިގެން ހުއްޓެވެ. މާގިނައިރެއް ނުވެ މަންޝާ ދޮރުހުޅުވިއެވެ.
"މަންމަތަ؟ ކިހިނެއްވީ؟"
ދިލްޝާދު އެތެރެއަށް ވަނެވެ. އެނދުގައި އިށީނދެފައި އަތުން އިޝާރާތްކޮށް މަންޝާއަށް އިށީންނަންވީކަން ބުނެދިނެވެ. ދިލްޝާދުގެ ސުވާލުތައް އަންނާނެކަން މަންޝާއަށް އެނގެއެވެ. އޭނާ ހުރީ ތައްޔާރުވެގެންނެވެ.
"ނަޒާންގެ ވާހަކަ އަހަންދޯ"
ދިލްޝާދަށް ލިބުނީ ހައިރާންކަމެވެ. އޭނާ ނުބުނަނީސް މަންޝާ އަހައިފިއެވެ.
"މަންމައަށް މަންޝާ ވަރަށް ގިނަ ކަންކަން ސިއްރުކުރާކަން އެނގިއްޖެ. މަންޝާ ހީކުރީ މަންމަ މިއީ އެއްވެސް އެއްޗެއް ނޭނގޭ ކުޑަކުއްޖެއް ކަމަށްތަ؟" ދިލްޝާދު ބުންޏެވެ.
"އަޅުގަނޑު ކޮންކަމެއް ސިއްރު ކުރީ. މުހިންމު ކަމެއް ވިއްޔާ މަންމަ ކައިރީގަ ބުނަން" މަންޝާ ބުންޏެވެ.
"ލޯބިވަނީ ނަޒާންދެކެ. އިންނަން ބޭނުންވަނީ ޝައިހާނާ. ސިއްރުކުރަން ބޭނުންވަނީ އަމިއްލަ ހިތަށް. އެކަމަކު ތިމާގެ އަމަލުތަކުން ހުރިހާ އެއްޗެއް އެބަބުނެދޭ. މިއީ ކޮންކޮން ކަންތައްގަނޑެއް؟"
މަންޝާ ހައިރާންވިއެވެ. ދިލްޝާދު އެބުނީ އަދި މުޅިއަކުން ތެދަކަށް ނޫނެވެ. އެހެން ބުނެގެންވެސް ނުވާނެއެވެ. ހިތާހިތުން ނަޒާނަށް މަންޝާ އަޑުލިއެވެ. ދިލްޝާދަށް އެހުރިހާ ކަމެއް އެނގުނީ ނަޒާންގެ ސަބަބުންނެވެ.
"މަންމަ ތިވިސްނަނީ ނުބައިކޮށް. ނަޒާންދެކެ އަޅުގަނޑު ލޯބިނުވަން. އޭނަ އެހެން ކިޔައިގެން އުޅެނީ. އަޅުގަނޑު ބުނެފިން އެހެން ނޫޅޭށޭ"
ދިލްޝާދު ހައިރާންވިއެވެ. މަންޝާ އެބުނި ބަހަށް އިތުބާރުކުރަންވީ ހެއްޔެވެ؟ ނަޒާންފަދަ ހަރުދަނާ ޒުވާނަކަށް މަންޝާ ފުރަގަސްދެނީ ކީއްވެގެން ހެއްޔެވެ؟
"މަންމަ މިބުނާ އެއްޗަކުން މަންޝާ އެއްޗެކޭ ހީނުކުރައްޗޭ. ފިރިހެނަކު އެހާވަރުން އުޅޭނީ މަޖަލަކަށް ނޫނީ ސަކަރާތަކަށް ނޫން. ނަޒާންގެ ހިތް މަންމަ ދެނެގަތީ އިއްޔެއަކު މިއަދަކު ނޫން. ނަޒާނަކީ ހުރިހާގޮތަކުން ބެލިނަމަވެސް ދަރިފުޅާ އެންމެ ގުޅޭ މީހާ. ނަޒާނާ ބެހޭ ހުރިހާކަމެއް މަންމަމެންނަށް އެނގޭ. ވީއިރު މަންޝާ ކީއްވެ ނަޒާންގެ ލޯބި ގަބޫލު ނުކުރަނީ؟ ޝައިހާނު ގޯސްކުރަނީކީ ނޫން. ޝައިހާނަކީ ޝައިހާނުކަން މަންމައަށް އެނގުނީވެސް މަންޝާގެ ދުލުން ބުނީމަ"
ދިލްޝާދު ދެއްކި ވާހަކަތަކަށް މަންޝާ ހިތްހަމަނުޖެހުނެވެ. ކޮޅަށް ތެދުވިގޮތަށް އޭނާ ދިލްޝާދަށް ފުރަގަސްދިނެވެ.
"މަންމާ، އަޅުގަނޑު މީހަކާ އިންނަން ރަންކިޔައިފިން. އަޅުގަނޑުގެ ވާންއުޅޭ ފިރިމީހާ ނޫން އެހެން ފިރިހެނަކަށް މަންމަ ތިގޮތަށް ތައުރީފުކުރީމަ އަޅުގަނޑަށް ކަމަކުނުދޭ. އަޅުގަނޑަށް އެނގޭ ޝައިހާނަށް ވުރެ ގިނައިން ނަޒާނަށް ރުފިޔާ ލިބޭކަންވެސް. އެކަމަކު ނަޒާނަށް އަޅުގަނޑު ނޫނެކޭ ބުނަން ޖެހުނު ސަބަބަކީ މުޅިން އެހެން ކަމެއް" މަންޝާ ވާހަކަދެއްކިއެވެ.
"އެއީ ކޮންކަމެއް. މަންމަ ކައިރީގަ ނުބުނެވޭނެތަ؟" ދިލްޝާދު ބުންޏެވެ.
މަންޝާ އެއަށް ޖަވާބެއް ނުދިނެވެ. ނަވާލާއި އޭނާ އާ ދެމެދު އޮތް ގުޅުމުގެ ވާހަކަ އާއިލާގެ ތެރެއިން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ސުލްހަ މަސަލަސްކަން ގާއިމުވެފައި އޮތް ތަނެއްގެ މަސްލަހަތު ނަގާލަން މަންޝާ އަމުދުން ބޭނުމެއް ނުވެއެވެ. ދިލްޝާދަށް ޖަވާބެއްނުދީ އެހިސާބުން އެވާހަކަ ނިންމާލީ އެހެންވެއެވެ.
*******
ނަވާލާއި ނާޔާ އަދި އާމިރު ދާންޖެހޭ ތަންތަނަށް ފޮނުވާފައި މާޝިތާ ހިންދެމިލިއެވެ. އޭނާ ބަދިގޭ ދޮރަށް އެރި އިރު ޒިންކު ކައިރީގައި ތިއާ ހުއްޓެވެ. ހެނދުނު ކުރަން ހުރި ހުރިހާ ކަމެއް ނާޔާގެ ކަންތައް އޭނާ ކޮށްނިމުނު އިރު ތިއާ ހުރީ ކޮށްފައެވެ. ދެން އޮތީ މެންދުރަށް ތައްޔާރުވުމެވެ. މެންދުރަށް ކައްކަން ބަދިގެއަށް ވަނުމުގެ ކުރިން އޭނާއަށް ވަރަށް ވަގުތު އަދި އެބައޮތެވެ.
"ނަޒާން ކޮޓަރިއަށްތަ ދިޔައީ؟" މާޝިތާ އެހިއެވެ. ފަހަތަށް އެނބުރި މާޝިތާއަށް ބަލައިލާފައި ތިއާ ބޯޖަހާލިއެވެ.
މާޝިތާ މިސްރާބުޖެހީ ނަޒާންގެ ކޮޓަރިއަށެވެ. ނަޒާނާ ވާހަކަދައްކަން އެއީ އެންމެ ރަނގަޅު ވަގުތެވެ. ނަޒާންގެ ޑިއުޓީ އޮތީ ހަވީރަށެވެ. މާޝިތާ އެކޮޓަރިއަށް ދާކަން އެނގުމުން ތިއާ އަވަސް އަވަހަށް ޓިޝޫއަކުން ދެއަތް ފޮހެލިއެވެ. ކެބިނެޓް މަތީގައި އޮތް ފޯނު ނަގާފައި ނަޒާނަށް ހަބަރު ދިނެވެ.
ނަޒާންގެ ކޮޓަރި ދޮރާ ހަމަވެފައި ޓަކިޖަހަން އަތްނެގި ވަގުތަކީ ނަޒާން ދޮރުހުޅުވާލި ވަގުތެވެ. ވަގުތުން ނަޒާން ހީލައިފިއެވެ. އޭނާ ދޮރުހުޅުވީ ހަމަ ގަސްތުގައެވެ. މާޝިތާ ހީލަމުން އެތެރެއަށް ވަނެވެ.
"ކަމެއްކުރަނީތަ ތި" އެނދުމަތީގައި ހުޅުވާފައި ހުރި ލެޕްޓޮޕް ފެނުމުން މަޝިތާ ބުންޏެވެ.
"މާބޮޑު ކަމެއް ނޫން. ހިތްހަމަޖައްސާލަނީ" ނަޒާން ބުންޏެވެ.
އެބުނި އެއްޗެއްގެ މާނައެއް މާޝިތާއަށް ނޭނގުނެވެ.
"މަންމަ އިށީންނަންތަ؟ ވާހަކައެއް ދައްކާލަންވެގެން"
ނަޒާން އައިސް ހިފަހައްޓާލީ މާޝިތާގެ ކޮނޑުގެ ދެފަރާތުގައެވެ. އެނދުގައި މާޝިތާ ބައިންދާފައި ނަޒާން އިށީނީ މާޝިތާގެ ކުރިމަތީގައި މުށިތަކުގެ މަތީގައެވެ. އޭނާގެ ދެއަތް މާޝިތާގެ އުނގުތެރޭގައި ބާއްވާފައި އުނގުގައި ބޯއެޅިއެވެ. ނަޒާންގެ އެ އަމަލުން މާޝިތާއަށް ހެވުނެވެ. ނަޒާންގެ ފަރާތުން އެފަދަ ކަމެއް އެފެނުނީ އަދި ކިރިޔާއެވެ.
"ތިހިރަ ލެޕްޓޮޕްގެ ސްކްރީނުގަ އަތްޖައްސާލަބަލަ މަންމާ"
މާޝިތާ ލެޕްޓޮޕަށް ބަލައިލިއެވެ. ދެން އޭނާ އާ ގާތަށް ލެޕްޓޮޕް ދަމާލިއެވެ. ލެޕްޓޮޕްގައި އަތް ނުޖެހެނީސް ލެޕްޓޮޕްގެ ސްކްރީން ދިއްލިއްޖެއެވެ. އެހިނދު މާޝިތާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފަހަރަކު ފޮޓޯއެއް ކަމަށް ބަދަލުވަމުން އެދަނީ މަންޝާގެ އެކި ތަސްވީރުތަކެވެ. ތިއާ އާއި ނަވާލްގެ ކައިވެނީގެ ރެއިން ފެށިގެން ފަހުން ކުރި ދަތުރުގެ ތެރެއިން ނަގާފައި ހުރި ފޮޓޯތަކެވެ. މާޝިތާއަށް އަނގަމަތީގައި އަތްއެޅުނެވެ. އެންމެފަހުން އެވީ އޭނާ ހީކުރި ގޮތަށެވެ. ނަޒާންގެ ހިތުގެ ވެރިޔަކީ މަންޝާއެވެ. ކުރީ ރެއަކު މަންޝާގެ ރަންކިއި ހަބަރާއެކު ނަޒާނަށް ވީގޮތް މާޝިތާގެ ލޯކުރިމަތީގައި ސިފަވެލިއެވެ.
"މަންމަ ބޭނުންވާ ސުވާލުގެ ޖަވާބަކީ ތިއީ. މަންމާ، އަޅުގަނޑު މަންޝާދެކެ ވަރަށް ލޯބިވޭ. އެކަމަކު މަންޝާ...."
މާޝިތާ ދެފަރާތަށް ބޯހޫރާލިއެވެ. އިންނަން އުޅޭ ދެ މީހެއްގެ ދެމެދަށް ނަޒާން ވަދެދާނެ ކަމަށް މާޝިތާ ބިރުހީވިއެވެ. އޭނާ ނަޒާންގެ ބޮލުގައި ފިރުމާލިއެވެ.
"ދަރިފުޅާ، މަންޝާ... މަންޝާ މަތިން ހަނދާންނައްތާލާ. ޒާންއަށް އަދި އެއަށްވުރެ މާރީތި މާ ރަނގަޅު ކުދިންވާނެ" މާޝިތާ ބުންޏެވެ. އެއީ އޭނާގެ ހިތަށް އެންމެ ފުރަތަމަ އައިސްވަން ޖުމްލައެވެ.
"އައި ވިޝް މަންމާ... އެކަމަކު ނުވި. މަންޝާ ބޭނުން. ކުރިން ލޯބިވީ އަޅުގަނޑު. އެހެންވީމަ ލިބެން ޖެހޭނީ އަޅުގަނޑަކަށްނު. މަންޝާއަށް ނުވިސްނޭ. މަންމަމެން ވިސްނައިދިނީމަ އޭނައަށް ވިސްނޭނެ"
"ނޫން. މިހާރު މާލަސްވެއްޖެ. މަންޝާ އެހުރީ މީހަކާ އިންނަން ރަންކިޔާފަ. ޒާން ދެން އެކަމާ އުޅޭނެ ކަމެއް ނެތް. ދެފަރާތުގެ އާއިލާ ޖެހިދާނެ. ނަވާލާއި ތިއާގެ ކައިވެނި ރޫޅިދާނެ. މަންމައަށް އެނގެނީ މަންޝާ ގޮސްފައިވާ ހިސާބުން ދުރަށްދާންޖެހޭ މީހަކީ ޒާން ކަން"
އެހިނދު މާޝިތާގެ މޫނަށް ނަޒާން ބަލައިލިއެވެ. ނަޒާންގެ ދެލޮލުގެ ތެރެއިން އެނާއަށް ފެނުނީ ކަރުނަތަކެވެ. އެހާލުގައި ނަޒާން ވަނިކޮށް އޭނާއަށް މީގެ ކުރިން ނުފެނެއެވެ. މާޝިތާ ދެފަރާތަށް މަޑުމަޑުން ބޯހޫރަމުން ދިޔައެވެ. އެކަމުގައި މަންމައަށް އެއްވެސް އެހީއެއް ނުވެވޭނޭ ބުނާ ކަހަލައެވެ.
*********
ދާން ބޭނުންވި މަންޒިލާ ހަމައަށް ދެވުމާއެކު މަންޝާ ހުއްޓުނެވެ. ނޭނގޭ ކަމަށް ހަދާފައި ފަހަތް ބަލައިލިއެވެ. މިހާރު ނަޒާން ފެންނަން ނެތެވެ. ދިޔައީ ހެއްޔެވެ؟ އޮފީހުން ނުކުމެގެން ހިނގައިގަތްތަނާ ފަހަތުން ނަޒާން އަންނަކަން އޭނާއަށް އެނގިއްޖެއެވެ. ނޭނގޭ ކަމަށް ހަދާފައި އޭނާ އައީ ނަޒާނަށް ވާނުވާ ބަލަމުންނެވެ. އެކަމަކު މިހާރު ގެއްލިއްޖެއެވެ. އަޅާނުލީމަ އަނބުރާލާފައި ދިޔައީއެވެ. އެވަރުގެ މީހެކެވެ. ލޮލުގައި އޮތް އަވި އައިނު ކުޑަކޮށް ހިއްލާފައިވެސް މަންޝާ ބެލިއެވެ. ކުޑަކޮށް ފަހަތަށް ޖެހިފައިވެސް ބެލިއެވެ. އަޖައިބެކެވެ. އެހާ ރުޅި އަންނަ މީހަކު ފެނޭތޯ މިހާވަރަށް މިބެލެނީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހުން މަންޝާ ޔަގީންކުރީ ނަޒާން ދިޔައީ ކަމަށެވެ. ގެއަށް ވަންނަން އެނބުރިލި ވަގުތު މަންޝާ ދިޔައީ ސިހިގެންނެވެ. ސިހުނުވަރުން ހަށިގަނޑު ބެލެންސްނުކުރެވި އެގޭ ދޮރު ބުޑަށް ނުވެއްޓި ސަލާމަތްވީ ކިރިޔާއެވެ. އަދިވެސް ހިތުގެ ތެޅުން ހަމަޔަކަށް ނޭޅެއެވެ. އޭނާގެ ކުރިމަތީގައި ސައިކަލުމަތީގައި އިނީ ނަޒާނެވެ. ނަޒާން އެހެދީ ކިހިނެއް ހެއްޔެވެ؟ އެހާ އަވަހަށް މިކޮޅަށް އައީ ކިހިނެއް ހެއްޔެވެ؟ ގައިމުން ސައިކަލުގެ އަޑެއްވެސް ނީވެއެވެ. ޔަގީނެވެ. މިއީ ޖިންނި ޖިނާގެ އާއިލާ މެންބަރެކެވެ.
"އަހަރެން މިހާ ކައިރީގަ ހުއްޓަ ކީއްވެ ދުރު ތިހޯދަނީ" ނަޒާން ބުންޏެވެ.
ގެއަށް ވަންނަނީއޭ ބުނެފައި މަންޝާގެ ހަބަރެއް ނުވެ ގިނައިރުވުމުން ވީގޮތެއް ބަލަން ހަމްރާ ނުކުތް ވަގުތަކީވެސް އެވަގުތެވެ. ނަޒާން ބުނި ޖުމްލަ ހަމްރާއަށް އިވުނެވެ. އޭނާ ނުކުތް ކަމެއް މަންޝާއަށް ނޭނގެއެވެ. އޭނާއަށް ހިނިއައިސްފައި ހަމްރާ ބަލަހައްޓައިގެން ހުރިކަމެއްވެސް މަންޝާއަށް ނޭނގެއެވެ.
"ދުރުދުރުން އުޅޭގޮތުން އަހަރެންނާ ގަބޫލުހެން ހާދަ ހީވެޔޭ" ނަޒާން ބުންޏެވެ. މަންޝާ ބަހެއް ނުކިޔައެވެ. ހަމްރާ ހުރީ ހެވިފައެވެ.
"ތިހެން ބަލަހައްޓައިގެން ހުންނަ އިރު ހާދަ ލޯތްބޭ" ނަޒާން އަތް އުފުއްލާލީ މަންޝާގެ ކޯތާފަތުގައި ފިރުމާލާށެވެ. އެހެންނަމަވެސް އޭގެކުރިން މަންޝާ ގޭތެރެއަށް ވަދެއްޖެއެވެ.
"އުޅޭގޮތުން ބައެއް ފަހަރު ހީވޭ އަހަރެންދެކެ ވަރަށް ލައިކްވެޔޭ. އަނެއްބައި ފަހަރު އުޅޭނެ ވަރަށް ރުޅިގަދަ މީހަކަށްވެގެން. އެކުވެރިޔާ ކައިރީގަ ބުނެބަލަ ތި ހިތް ގޮތެއް ނިންމަން ކިހާ މުއްދަތެއް ނަގާނެހޭ"
ހަމްރާ ހުރީ ހައިރާންވެފައެވެ. ނަޒާން ވާހަކަދެއްކި އަޑު އޭނާ އެ އެހީ އަދި އަލަށެވެ. ފުރަތަމަ ވާހަކަދެއްކި އިރުވެސް އެ ބުނެލި ޖުމްލައެކެވެ. ހާދަ ކެރޭ އިންސާނެކެވެ. އަނެއްކާ އެހެރަ އަޑެކެވެ. މި މަންޝާގެ ދެލޮލަށް މިހުރީ ކޯޗެއް އެޅިފަ ހެއްޔެވެ؟ ކޮން ޝައިހާނެއް ހެއްޔެވެ؟ ހޫނުފެން ފޮދަކުން މީހާ އެއްކޮށް ދޮވެލަންވީއެވެ. އޭރުން ކުރިއަށްދާންވީ މަގު ސާފުވެދާނެއެވެ.
"ތިއީ ހަމަ ލޯބި ރޯމިޔޯއެއް" ނަޒާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެފައި ހަމްރާ ބުންޏެވެ.
********
ފެންވަރައިގެން ފާހާނައިން ނުނިކުމެވެނީސް ތިއާއަށް އޭނާގެ ފޯނު ނިވި ދިއްލޭތަން ފެނިއްޖެއެވެ. ބަލައިލި އިރު ނުދަންނަ ނަންބަރެކެވެ. ތިއާ ވިސްނާލިއެވެ. އެ ނަންބަރު ދެތިންފަހަރު ގުޅައިފިއެވެ. ކާކު ހެއްޔެވެ؟ ޔަގީނެވެ. ޒަރޫކް ނޫނީ އެހެން މީހެއް ނޫނެވެ. އެއްޗެއް ބޮވިގެން އުޅޭ ފިރިހެނެކެވެ. ތިންފަހަރަށް އެ ނަންބަރު ފޯނަށް ގުޅިއެވެ. ތިއާ ނުނެގީ ހަމަ ގަސްތުގައެވެ. އޭނާ ލޯގަނޑު ކައިރީ ހުއްޓައި ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވިއްޖެއެވެ. ޑްރެސިން ޓޭބަލް މަތީގައި އޮތް އޭނާގެ ގަޑިއަށް ބަލައިލި އިރު ފަހެއް ޖަހަން ގާތްވެއްޖެއެވެ. ނަވާލް އަންނަ ގަޑި ޖެހުނީކަން އެނގުނެވެ. ދޮރުހުޅުވަން ނުދަނީސް ނަވާލް އެތެރެއަށް ވަދެއްޖެއެވެ.
"ނަވާލްތަ ޓަކިޖެހީ" ތިއާ އެހިއެވެ.
"ކީއްކުރަން އަހަނީ. ނުހުޅުވީމެއްނު"
"ނަވާލް ޓަކިޖަހާނޭ ހީކުރާނެތަ؟ ހިނގާ ސައިބޯން" ތިއާ ބުންޏެވެ.
އެނދުމައްޗަށް އުއްޑުން ވެއްޓުނު ނަވާލާ ގާތަށް ތިއާ އައެވެ. އޭނާ އޮށޯވެލީ ދަމާލާފައިވާ ނަވާލްގެ އަތްދަނޑި މަތީގައެވެ. ތިއާ ނަވާލްގެ ގައިގައި ބައްދާލިއެވެ.
"ކީއްކުރަން ތިއުޅެނީ؟" ތިއާ އާ ގާތަށް މޫނު ގާތްކޮށްލުމުން ބުންޏެވެ.
"އެނގޭ ޗުއްޓީ ކަނޑައިފިކަން. މިއަދުއެއްނު. މަންމަ ބުންޏޭ" ނަވާލް ބުންޏެވެ.
"ނަވާލް އެކަހަލަ ވާހަކަ މަންމަ ކައިރީގަވެސް އެހީތަ؟ މާމާދަރިއެކޭ ކިޔާފަ މިއަދު ވިއްޔާ ވާހަކަދެއްކީ" ތިއާ ބުންޏެވެ.
ނަވާލަށް ހެވުނެވެ. މާމަދަރިއެއް ބޭނުންވާތީ މާޝިތާ އެވާހަކަ ގޭތެރޭގައި ދައްކާތާ ދުވަސްތަކެއް ވެއްޖެއެވެ. ތިއާ އެބުނީ އަނެއްކާ އެވާހަކަދެއްކި ވާހަކައެވެ.
"އަހަރެމެންވެސް ވާނެދޯ މަންމަގެ އިހުސާސްތަކަށް ގަދަރުކުރަން. އެކަން ކުރުމުގެ ލައިސަންސް އަދި އޮތީ އަހަރެމެންނަކަށްނު. ހިނގާބަލަ އެކަމާ އުޅެން"
ތިއާ ރަކިވިއެވެ. އެކަން ނުދައްކާ އޭނާ އެނދުން ތެދުވާން އުޅުނެވެ. ނަވާލް އަތުގައި ހިފެހެއްޓުމުން ތިއާއަށް ކާމިޔާބެއް ނުވިއެވެ.
"މިހާރު ހާދަ ނޯޓީއޭ. އަދިވެސް ހަނދާނަށް އަންނަނީ އެއްކަލަ ދުވަސް. ނަވާލް މިތާ އެއްޗެއް ނުލާ" ތިއާ ބުންޏެވެ.
ނަވާލަށް ވީގޮތް ފެނިފައި ތިއާ މަޖާވިއެވެ. ހުނުން ކޮންޓްރޯލް ނުކުރެވިގެން އުޅެނިކޮށް ނަވާލް ކުރިކަމަކުން ތިއާ ހުއްޓުން އެރިއެވެ. ނަވާލްގެ އެންމެ ބީހިލުމަކުން އޭނާގެ ނަފްސު ހޭލައްވާލިއެވެ. ދުރަށްދާން އުޅުނަސް ދެން ތިއާއަށް ނުދެވޭނެކަން ނަވާލަށް އެނގެއެވެ. ހިނިގަނޑެއް ޖަހާލާފައި ތިއާ އޭނާގެ ދެއަތުގެ ތެރޭގައި ގައިދުކޮށްލިއެވެ.
******
ކޮޓަރި ދޮރުމައްޗަށް އަރާފައި ހަމްރާ ހައިރާންވިއެވެ. މަންޝާ އޮތީ އޭނާގެ އެނދުގައެވެ. ހާޒިންގެ ކުޑަ ބާލީސް އޮތީ މަންޝާގެ މޫނުމަތީގައެވެ. ކުޅޭކުޅޭ ފޯނެއް ހިފައިގެން ހާޒިން މަންޝާގެ ބޯކައިރީގައި އިނެވެ. މަންޝާއަށް ވެފައި އޮތްގޮތެއް ބެލުމުގެ ކުރިން ހަމްރާ ޖެހުނީ ހާޒިން އެތަނުން ފޮނުވާލާށެވެ.
"މިހާރު ކިހނެއްވެފަ ތިއޮތީ" މަންޝާ ކައިރީގައި އިށިންނަމުން ހަމްރާ ބުންޏެވެ. މޫނުމަތިން މަންޝާ ބާލީސް ނުނެގުމުން އެންމެފަހުން ހަމްރާއަށް ޖެހުނީ ބާލީސް ދަމައިގަންނާށެވެ. ދެލޯ ހުޅުވައިގެން މަންޝާ އޮތެވެ.
"މިތާ އޭނައެއް ނެތޭ. ކާކަށް ތިފިލަނީ" ހަމްރާ ބުންޏެވެ.
"ކާކުތަ؟ މަށެއް ނުފިލަން އެއްވެސް މީހަކަށް" ތެދުވެ ހެޑްބޯޑުގައި ލެގިލަމުން މަންޝާ ބުންޏެވެ.
"ނަޒާން އައީ އަހަރެން ފަހަތުން. މިހާރު އޭނައަށް ސިއްރުން އަހަރެންނަށް ނޭވައެއްވެސް ނުލެވޭ. ބައެއް ފަހަރު ހިތަށްއަރާ އިންސާނެއްބާއޭ. ފަތިސްހަނދުވަރުގަ އުޅޭ ޖިނާގެ އާއިލާ މެންބަރެއްބާއޭ. ދެންމެވެސް އެނގޭތަ ވީގޮތެއް"
"އަހަރެންނަށް ފެނުނު. އަޑުވެސް އިވުނު. ސީރިޔަސްލީ މަން.... އޭނަ އެހާވަރަކުން އުޅޭއިރުވެސް ހަމަ އެކައްޗެއްވެސް ހިތަށް ނާރާތަ؟ ނޫނީ ތިއީ ޑްރާމާއެއްތަ؟ އޭނަގެ ކޮއްކޮ އާއި މަން ގުޅުމެއް އޮތުމަކީ މަން އޭނަ އާ ގާތްނުވާންވީ ސަބަބެއް ނޫނޭ. ކޮންމެހެން އެކަން ސަބަބަކަށްހަދާފަ ތިހެން އުޅޭނެކަމެއް ނެތް.. އޭނަގެ ތުންފަތްމަތީގައި ހިނިތުންވުމެއް ފެންނަން ހުއްޓަސް ހަގީގަތުގަ އޭނަ ހިތުގަ ހާދަ ވޭންއަޅާނޭ. ފަސްފަހަތުން އެހެން އުޅޭނީ ލޯބިވާތީ ދޯ. މިޒަމާނުގަ ފިރިހެނަކު އެހެން އުޅޭނެތަ؟ ހާދަ ރީއްޗޭ އޭނަ. މަންއަށް އޭނަ ބަލަހައްޓައިގެން ހުރިގޮތެއް. އަހަރެންގެ ހިތާ ކުޅެލައިފި. އެހެރަ ބެލުމެއް. އަހަރެންނަށް ގޮތެއްވެއްޖެ ގައިމުން. އަހަރެން ހިތަށްއަރާ އަހަރެންގެ ފަހަތުންވެސް އެހާ ރީތި ސްމާޓް ބިޓެއް ދުވާނެނަމައޭ. ނަޒާން އަހަރެންނަށް އެންމެ އިޝާރާތެއްކޮށްލަން ޖެހޭނީ. ހާޒިންއަކާ ހާޒިނެއް މަންމައަކާ މަންމައެއް މަށެއް ނުބަލާނަން މަ ދާނަން އޭނަ ކައިރިއަށް. އާނ އެހެންޏަ މިހެން ބުނާނެއްނު. އޭނަގެ ޗޮކްލެޓް ކުލައިގެ ދެލޯ. ސައިކަލުގެ މުއްގަނޑުގަ ހިފާލައިގެން އިންއިރު ދެއަތުގެ ނާރުތައް. އެ އަތުގަ ފިރުމާލާހިތެއް ނުވޭތަ؟ މަންއަށް ބަލަހައްޓައިގެން ހުރި އިރު އޭނަގެ ތުނި ތުނބުޅީގައި އިނގިލިތަކުގެ ކުރިން ހާނާލިގޮތް. ވާހަކަދެއްކި އިރު ލަގޮނޑި ތެޅިލިގޮތް. އޭނަ ލައިގެން އިން ކަޅު ކުލައިގެ ޓީޝާޓް ގަޔަށް ހިފާލާފައި ހުރިއިރު އަޅެ ގައިގަ ބައްދާލާހިތެއް ނުވޭތަ؟ އަހަރެންނަށް ޔަގީން އެ ދެއަތުގެ ހިމާޔަތް ކިތަންމެ އަންހެންކުއްޖެއް އެދޭނެކަން" ހުވަފެނީ ގޮތަކަށް ހަމްރާ ވާހަކަދައްކަމުން ދިޔަ އިރު މަންޝާ އިނީ ހިނިއައިސްފައެވެ.
"ހޭނެކަމެއް ނެތޭ. އެސޮރު ބަލާލާފަ ހިއެއްނުވޭ އެއީ އެހާ ފަސޭހައިން ގިވްއަޕް ކުރާނެ ސޮރެއްހެނެއް" ހަމްރާ ބުންޏެވެ.
"ހޭނެއްނު. އޭނަގެ ކިބައިން ތިހުރިހާ ކަމެއް ފާހަގަވި އިރު އޭނަގެ އިނގިލީގަ އޮތް އަނގޮޓި އަޅައިގަތްތަ؟ ކޮބާ އޭގެ މާނައަކީ؟ މީހެއްގެ ގޮތެއް ނޭނގޭނެ" މަންޝާ ބުންޏެވެ.
"މީހަކު އަޅެ ހޭބަލިނުވާނެތަ؟ އިނގިލީގަ އަނގޮޓި އަޅައިގެން އުޅޭ ކޮންމެ މީހަކީ މީހެއްގެ އަންބެއްތަ؟ ނޫނީ ފިރިއެއްތަ ނޫނީ ބިޓެއްތަ؟..." ހަމްރާ ބުންޏެވެ. "އަހަރެން ވާހަކައެއް އަހަންތަ؟"
މަންޝާ ބަލައިލުމާއެކު ހަމްރާ އައިސް ހުއްޓުނީ ކުރިމަތީގައެވެ.
"އެހާ ރީތި ޒުވާނެއް މޮޔައެއްހެން، ދީވާނާވެގެން ފަހަތުން ދުވާކަން އެނގޭތީ ފޮނިވަނީތަ؟ ނޫނީ އޭނަ އެހެން އުޅޭތީ ތި ހިތަށް އުފާ ލިބެނީތަ؟"
މަންޝާ ދުރަށް ޖެހުނެވެ. އެނދުމަތީގައި އޮތް އޭނާގެ ދަބަސް ހިފައިގެން ގޮސް ހުއްޓުނީ ލޯގަނޑު ކުރިމަތީގައެވެ. އަޅައިގެން ހުރި ޝޯލް ރީތިކޮށްލާފައި ދަބަހުން ނެގި ލިޕްސްޓިކް ތުންފަތުގައި ހާކާލިއެވެ. ހަމްރާ ހުރީ މަންޝާގެ ހަރަކާތްތަކަށް ބަލާށެވެ.
"އަހަރެން ހިތަށް އަރާ މަންމަ އާއި ހަމްއަށް އޭނަ ހެދީ ކޮންކަހަލަ ފަންޑިތައެއްބާއޭ" އެނދުމަތީގައި އޮތް ފޯނު ނަގަމުން މަންޝާ ބުންޏެވެ.
"ތިދަނީތަ؟" ހަމްރާ އެހިއެވެ.
"އާނ. ކުޑަ ޝޮޕިންއެއް ކުރަންދާން ހަމް ބަލާ އަސްލު އައީ. އެކަމަކު މިރޭ ހިއެއްނުވޭ ވާނެހެނެއް. މާދަމާ ރޭ ނޫން އަނެއްރޭ ހަނދާންކޮށް ވެޑިންއަށް އަންނާތި. ކޯޓުގަ އޮތީ. އެކަމަކު ކެއުން އޮންނާނެ ގޭގަ"
މަންޝާ ނުކުންނަން ދަނިކޮށް އަނެއްކާވެސް ހަމްރާ ގޮވާލިއެވެ. މަންޝާ ހުއްޓިފައި ފަހަތް ބަލައިލިއެވެ.
"މަން ކައިރީގަ އެއްޗެއް ބުނާށޭ ނަޒާން ބުނި"
މަންޝާ އަޅާނުލައި ހީލާފައި ކޮޓަރިން ނުކުތެވެ. ގެއިން ނުކުމެފައިވެސް އޭނާ ވިސްނާލިއެވެ. ނަޒާން ރައްދުކުރަން ބުނީ ކީކޭބާއޭ ހިތަށް އެރިއެވެ. އަނބުރާލާފައި ގޮސް ހަމްރާ ކައިރީގައި އަހަން އެތައް ފަހަރަކު ހިތަށް އެރިއެވެ.
ނަޒާނާއި ނަވާލް ބައްދަލުކުރީ ގޭ ކައިރި ކެފޭއަކުންނެވެ. ދެބެން ކޮފީއަށް އޯޑަރުދިނުމަށްފަހު ބައްދަލުކުރަން އައި ބޭނުމާ ވާހަކަތައް ހުޅުވާލިއެވެ.
"ދޮންބެއަކަށް ޗުއްޓީއެއް ނުލިބުނު. ސުމޮން އާއި ބައްޕައާއެކު ނަވާ ދާނަން ދޯ" ނަޒާން ބުންޏެވެ.
"ދެން ދާންތާ ތިޖެހުނީ. އަހަރެންނަކަށް ހިއެއްނުވޭ މިވާހަކަ ދައްކަންހެން މިރޭ ދޮންބެ ތިއައީ"
ނަޒާން ޖަހާލީ ހިނިގަނޑެކެވެ. ހަގީގަތުގައި އޭނާ އައީ މަންޝާގެ ވާހަކަ އޮޅުންފިލުވާށެވެ.
"ތިއޮފީހުގައެއްނު މަންޝާ އުޅެނީ. އޭނަ އިންނަން އުޅެނީވެސް ތި އޮފީހުގެ މީހަކާ ދޯ. ނަވާއަށް އެނގޭތަ އެއީ ކާކުކަން. މިބުނީ ނަން"
(ނުނިމޭ)