ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަންނަން ކުރި މަސައްކަތުގެ ތެރެއިން ހިންގާފައިވާ ހިޔާނާތާ ގުޅިގެން ސުވާލު ކުރުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކުގެ ތެރެއިން 75 ވެންޓިލޭޓަރު ގެނައުމަށް 34 މިލިއަން ރުފިޔާގެ އަގަކަށް އެއްބަސްވެ ބޭންކު ގެރެންޓީއެއް ނެތި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް އެޑްވާންސްކޮށް ސަރުކާރުން ވަނީ 30.9 މިލިއަން ރުފިޔާ ދައްކައިފައެވެ.
ނަމަވެސް 2 އޭޕްރީލް 2020 ގައި ވެފައިވާ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ.
އެ މުއާމަލާތުގައި މަކަރާއި އޮޅުވާލުމާއި ހިޔާނާތް ހިމެނޭކަމަށް ބުނެފައިވަނީ، އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވުމަށް 34 މިލިއަން ރުފިޔާގެ ބިޑެއް ހުށަހެޅުމުން މާލިއްޔަތު ގަވައިދާ ހިލާފަށް، އެއްބަސްވުމުގައި ސޮއިނުކޮށް ސަރުކާރުން 30 މިލިއަން ރުފިޔާ، އެ ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ. އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާއިރު އެފަދަ ލަފައެއް ދީފައި ނުވާނެ ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަމީރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މެންބަރު އަފީފު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، ކޮވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރު ހޯދުމުގެ ނަމުގައި، ދައުލަތުގެ މާލިއްޔަތަށް ޒިންމާވާން ޖެހޭ ގާނޫނާއި، އެ ގާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތިގެ ގަަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް، ދުބާ އީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 31 މިލިއަން ރުފިޔާ ދޫކުރީ ކީއްވެތޯ އޮޅުންފިލުވުމަށެވެ.
މީގެ އިތުރުން މި ފައިސާ މިނިސްޓަރު އަމީރުގެ ހުއްދަނެތި ދޫކޮށްފައިވާ ނަމަ، އެކަން ކުރި މިނިސްޓްރީގެ މުވައްޒަފަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ، އޮޅުންފިލުވުމަށްވެސް، އަފީފު ސުވާލު ކުރައްވާނެއެވެ.
ވެންޓިލޭޓަރު މައްސަލައިގައި ފިނޭންސް މިނިސްޓަރު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާއިރު، އެ މައްސަލައިގައި ބައެއް މީހުންގެ މައްޗަށް ދައުވާ ކުރަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފައެވެ.
އޭގެ އިތުރުން އެ މައްސަލައިގައި ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން އާބިޓްރޭޝަނަށް ވެސް ވަނީ ހުށަހަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު