ނަޒާން ތިއާ އަށް ދިން ނަޒަރު ތިއާ މާނަ ކުރިއެވެ. މާޝިތާ ބުނި ޖުމްލައަކީ ތެދެއްތޯ އަހަން ނަޒާން ބޭނުންވީ ތިއާގެ ކައިރިންނެވެ. ތަފާތު ބެލުމަކުން ތިއާއަށް ބަލަމުން ދިޔައީ އެހެންވެއެވެ. އެއީ ތެދެކޭ ބުނާ ކަހަލަ ގޮތަކަށް ތިއާ ބޯޖަހާލިއެވެ. އެހިނދު ނަޒާނަށް ހީވީ އޭނާގެ ހިތުގައި ކޮށި ވަޅިއަކުން ޅިޔަ އަޅުވާލިހެންނެވެ. މޭޒުގައި ނަޒާން ބޯއެޅިއެވެ. ވާނުވާ ނޭނގި ނަޒާނަށް އެއްފަހަރު އަނެއްފަހަރު ތިއާއަށް މާޝިތާ ބަލައިލިއެވެ.
******
އަނެއް ދުވަހު ނަޒާނަށް ލައްވާލީ ހަވީރު ޑިއުޓީއެކެވެ. އޮފީހަށް ވަދެ ސޮއިކޮށް ނަޒާން ބައްދަލުކުރީ އޭނާ ރިޕޯޓްކުރަންޖެހޭ އެންމެ އިސްފަރާތާއެވެ. އޭނާގެ އަމިއްލަ ބޭނުމެއްގައި ވަގުތުކޮޅެއް ދިނުމަށް އޭނާ އެދުނެވެ. ވެރިޔާގެ ހުއްދަ ލިބުމާއެކު އޮފީހުން ނުކުންނަން ދިޔައެވެ. ސައިބޯކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. މަގުމައްޗަށް ނުކުތްގޮތަށް އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލިއެވެ. ދެން ޕާކުކޮށްފައި ހުރިތަނުން ސައިކަލް ނަގައިގެން އޭނާ ދުއްވާލިއެވެ.
*******
މަސައްކަތް ނިންމާފައި އާމިރު ގެއަށް ވަންއިރު އޭނާގެ އެއްވެސް ދަރިއެއް ގޭތެރެއިން ފެންނަން ނެތެވެ. އަނބިމީހާ ވާނީ އެވަގުތު ކޮޓަރީގައިކަން އެނގޭތީ އޭނާ ދިޔައީ އެދިމާލަށެވެ. ކޮޓަރި ދޮރުހުޅުވާލުމާއެކު އޭނާއަށް ފެނުނީ އެނދުގައި އިން މާޝިތާއެވެ. ކަޅު ކުލައިގެ ނަމާދު ބުރުގާގައި ދޮރަށް ފުރަގަސްދީގެން އިން މާޝިތާ ކޮޓަރިއަށް މީހަކު ވަން ކަމެއް ނޭނގެއެވެ. ދޮރުލައްޕާލާފައި އެތެރެއަށް ވަންނަމުން އެއްފަހަރު އާމިރު މާޝިތާއަށް ގޮވާލިއެވެ. ޖަވާބެއް ނައުމުން އޭނާ މަޑުމަޑުން އެނދުގައި އިށީނެވެ. އެއް އިސްޓާކީން ފަޅި ފަޔަށް މަހައިގެން އަނެއް އިސްޓާކީން ފަޅި އަތަށް ލައިގެން މާޝިތާ އިނީ ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މުސައްލަ ފަތުރާފައި އޮތް ގޮތަށް އޮތުމުން މާޝިތާ އަދި ނަމާދު ނުކުރާކަން އާމިރަށް އެނގުނެވެ.
"މާޝިތާ..." އާމިރު މާޝިތާގެ ކޮނޑުގައި އަތްޖައްސައިލިއެވެ. އެހިނދު މާޝިތާގެ ވިސްނުންތައް ވިއްސި ވިހާލިވެގެން ދިޔައެވެ. ހައިރާންވެފައި މާޝިތާ ބަލައިލީ އާމިރުގެ މޫނަށެވެ. ދެން ކައިރީގައި އޮތް ފޯނު ނަގާފައި ގަޑި ބަލައިލިއެވެ. އެހެން އިންނަތާ އިރުތަކެއް ވެއްޖެކަން އެނގުމުން އޭނާގެ ހަރަކާތްތައް އަވަސްކޮށްލިއެވެ.
"ތިއާ އެބައުޅޭތަ ބޭރުގަ. އަވަނަށް ބޯކިބާއެއް ލައިގެން މިއުޅެނީ" މާޝިތާ ބުންޏެވެ.
އެއްޗެއް ނުބުނެ މާޝިތާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ތުވާލި ހިފައިގެން އާމިރު ފާހާނާއަށް ވަނީ މާޝިތާ ނަމާދުކުރަން ފެށުމުންނެވެ.
******
ބަލަން ބޭނުންނުވިޔަސް ނަޒާންގެ މެސެޖްތައް ސްކްރޯލް ކުރަމުން މަންޝާ ދިޔައެވެ. އޮފީހުން ގެއަށް އައިގޮތަށް ފެންވަރައިގެން އޭނާ އަދި ކޮޓަރިން ނުނިކުމެއެވެ. ޗުއްޓީ ނިންމާފައި އައިގޮތަށް އޭނާ ބޭނުންވިގޮތަށް ނަޒާން ދުރުކޮށްލެވުމުން ހިތްހަމަޖެހުނެވެ. އެކަމަކު ހުސްކަމެއް އިހުސާސް ވަނީ ކީއްވެގެން ކަމެއް ނޭނގުނެވެ. ހިތަށް އެރިއެވެ. ރަންކިއިކަން މިހާރު ނަޒާނަށް އެނގިދާނެއެވެ. އެކަން އެނގުމުން އޭނާގެ ހާލު ހުރީ ކިހިނެއް ހެއްޔެވެ؟ އެއީ ދުރުގައި ނުހުރެވޭނޭ ބުނި މީހާއެވެ. އެކަމަކު އޭގެފަހުން ހަބަރެއް ނުވެއެވެ. މުޅިންވެސް ދެއްކީ ފޮނި ވާހަކަތަކެވެ. އެއީ ހަމަ އެކަހަލަ މީހުންގެ ފާޑެވެ. ހިތާހިތުން ނަޒާނަށް ފާޑުކިޔަމުން މަންޝާ ދިޔައެވެ.
"ގޮތެއް ބަލައިލަން ވެޑިންއަށް ވާނެ ވަކިން އިންވިޓޭޝަން ފޮނުވަން. އޭރުން އެނގޭނެ މެރީކުރަން އުޅޭ ވާހަކަ އަހަރެން ބުނީ މަޖަލަކަށް ނޫންކަން"
އިސްތަށިގަނޑު ހިއްކަމުން ގޮސް ބެލްކަނީގައި ހުރި ހަރުގައި ތުވާލި އަޅުވާލާފައި އައިސް ލޯގަނޑު ކުރިމަތީގައި ނުހުއްޓެނީސް ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ތަޅު އަނބުރާލިކަންވެސް އެނގުނެވެ. އެއީ ދިލްޝާދުކަން މާޝިތާއަށް އެނގުނީ އެވަގުތު ގޭގައި އިތުރު މީހަކު ނޫޅޭތީއެވެ.
"ކިހިނެއްވީ މަންމާ" ދޮރުހުޅުވާލި ގޮތަށް މަންޝާ ބުންޏެވެ. ފަހަތް ބަލައިލާފައި އެތެރެއަށް ވަދެ ދިލްޝާދު ދޮރުލެއްޕިއެވެ.
"ބުރުގާ އަޅާބަލަ" ދިލްޝާދު ބުންޏެވެ. މަންޝާ ހައިރާންވިއެވެ. އެނދުމަތީގައި އޮތް ކުޑަ ބުރުގާކޮޅެއް މަންޝާ އެޅިއެވެ.
"ތި އިސްތަށިގަނޑު ތިހެން ބާއްވާފަތަ ބުރުގާ އަޅަނީ" ދިލްޝާދު ބުންޏެވެ.
މަންޝާ އަލުން ބުރުގާ ބޭލިއެވެ. އިސްތަށގަނޑު ހުޅިއެއްޖަހާފައި އަލުން ބުރުގާ އެޅިއެވެ. ސަބަބެއް ނުބުނެ ދިލްޝާދު ދޮރުހުޅުވާލިއެވެ. ބޭރުގައި ހުރި ނަޒާން އެތެރެއަށް ވަންނަން ތަން ދެއްކުމުގެ ގޮތުން އެއްފަރާތަކަށް ޖެހުނެވެ. ނަޒާން އެތެރެއަށް ވަނުމާއެކު މަޑުމަޑުން ދޮރުކައިރިކޮށްލާފައި ދިލްޝާދު ނުކުތެވެ.
ފުލުހުންގެ ޔުނީފޯމުގައި ނަޒާން ހުރުމުން އޭނާއަށް ނަޒާނަށް އިތުބާރު ކުރެވުނެވެ. ދުލުން ނުބުންޏަސް ނަޒާންގެ ދެލޮލުން ދިލްޝާދަށް ހުރިހާ އެއްޗެއް އެނގުނެވެ. ނަޒާން ހިތުގައި އޭނާގެ ދަރިފުޅަށް އޮތް ނިމުމެއް ނެތް ލޯތްބެވެ. ދެކުދިންގެ މެދުގައި ހިނގައިގެން އުޅެނީ ކޮންކަހަލަ ކަމެއްކަން ދެނެގަންނަން ދިލްޝާދަށް ނޭނގުނެވެ. އެނގެނީ ކުއްލިއަކަށް މަންޝާގެ ދިރިއުޅުމަށް ގެނައި ބަދަލެއްގެ ސަބަބުން ނަޒާންގެ ހިތްހަލާކުވެފައިވާ ކަމެވެ. މަންޝާ އާ ވަކިން ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ނަޒާން ބުނި އިރު ނަޒާންގެ އަޑުގައިވި ހިތްދަތިކަން ދިލްޝާދަށް އިހުސާސްވިއެވެ.
*******
ބެލްކަނީގައި ހިއްކަން ބަހައްޓާފައި ހުރި އެއްޗެހި ހިފައިގެން ކޮޓަރިއަށް ތިއާ ވަންއިރު އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގުވަމުން ދިޔައެވެ. އޮފީސް ނިންމާފައި އޭރު ނަވާލް ގެއަށް ނާދެއެވެ. ހިފައިގެން ހުރި އަންނައުނުތައް އެނދުމައްޗަށް އަޅާލާފައި އޭނާ ފޯނަށް ބަލައިލިއެވެ. ނުދަންނަ ނަންބަރެކެވެ. ފޯނު ނަގަން ތިއާ ބޭނުން ނުވިއެވެ. އޭނާ އަޅައެއް ނުލިއެވެ. އެއްޗެހި ފަތްޖަހަން އެނދުގައި އިށިންތަނާ ކޮޓަރީ ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން ބަލައިލިއެވެ. އޭރު މާޝިތާ ކޮޓަރިއަށް ވަދެއްޖެއެވެ.
"މަންމަ ކަމަކުތަ؟ އަޅުގަނޑަށް ގޮވާލިނަމައެއްނު" ތިއާ ބުންޏެވެ.
މާޝިތާ ހީލަމުން އައިސް ތިއާ ކައިރީގައި އިށީނެވެ.
"ބައްޕަ މިހާރު ސައިބުއީތަ؟ އަޅުގަނޑު މިއިންނަނީ ނަވާލް އަންނަންދެން ސައިބޯން ދާން" ތިއާ ވާހަކަދެއްކިއެވެ.
މާޝިތާގެ ފަރާތުން ޖަވާބެއް ނައުމުން ތިއާ ބަލައިލިއެވެ. ހިމޭންވެފައި މާޝިތާ އިނެވެ. ތިއާ މާޝިތާގެ އަތުގައި ހިފަހައްޓާލިއެވެ.
"މަންމާ، ކިހިނެއްވެފަ ތިއިންނަނީ؟" ތިއާ އެހިއެވެ.
ހަށިފުރާ ނޭވާއެއް މާޝިތާ ދޫކޮށްލިއެވެ. ރެއިން ފެށިގެން އޭނާގެ ސިކުނޑިއަށް އުނދަގުކުރަމުން ދަނީ އެންމެ ކަމެކެވެ. އެނާ ބޮލުގައި އެބަރިހެއެވެ. ހަގީގަތް އެނގުމުން ނޫނީ އެ ރިހުމަށް ލުޔެއް ނުލިބޭނެއެވެ.
"ތިއާ މަންމަ ދޮގެއް ނަހަދައްޗެ. ވާހަކައެއް އަހަން މިއުޅެނީ" މާޝިތާ ބުންޏެވެ.
ތިއާ ބޯޖަހާލިއެވެ.
"ރޭގައި ނަޒާނަށް ކިހިނެއްއެވީ. މަންމަގެ ދަރިއަކަށް ކަމެއްވިއްޔާ އެދަރިއަކަށް ވުރެވެސް ކުރިން މަންމައަށް އެނގޭނެ. މިއަދު ހެނދުނު ސައިވެސް ނުބޮއެ. މެންދުރު ބޯލީ ހަމައެކަނި ޖޫސްތަށި. ރޭ ހަތަރުދަމު ބޮލުގައި ރިއްސާފައި ނުނިދޭ ވާހަކަ ބުނި. މިއީ ކަމެއްނުވާނަމަ ނަޒާން އުޅޭނެގޮތެއް ނޫން. މަންމައަށް އެނގޭ ތިއާއަށް ނަޒާނަށް ވީގޮތް އެނގޭކަން"
ތިއާ އިސްޖަހާލިއެވެ. މަންޝާ މީހަކާ އިންނަން ރަންކިއި ހިސާބުން ނަޒާން ބަދަލުތަކެއް އައިސްފައިވާކަން ހުދު ތިއާއަށް ވެސް ފާހަގަވިއެވެ. އެކަމަކު އެވާހަކަތައް ނަޒާންގެ ހުއްދަނެތި މާޝިތާއަށް ކިޔައިދެވޭކަށް އޭނާއަށް ނެތެވެ.
"މަންމައަށް އަޅުގަނޑު ދުވަހަކުވެސް ދޮގެއް ނުހަދަން. އަދި ނުވެސް ހަދާނަން. އެކަމަކު މަންމާ... ތި ސުވާލުތަކަށް އެންމެ ރަނގަޅަށް ޖަވާބު ދެވޭނީ ދޮންބެއަށް. ދޮންބެ ކައިރީގައި މަންމަ އަހާބަލަ" ތިއާ ބުންޏެވެ.
******
ކުރިމަތީގައި ހުރި ނަޒާންގެ ފައިން ފެށިގެން ބޮލާ ހަމައަށް މަންޝާ ބަލައިލިއެވެ. އެއްފަހަރު ބަލައިލާފައި ނުބަލަން ހިތުން ހުވާކޮށްގެން ހުއްޓަސް އެ ސޫރައަށް އެތައް ފަހަރަކު އޭނާ ބެލިއެވެ. ފުލުހުންގެ ނޫކުލައިގެ ޔުނީފޯމުގައި ނަޒާން ފެނުމުން މަންޝާގެ ހިތަށް ވެގެންދިޔަގޮތް ހުދު އޭނާއަށް ވެސް ނޭނގުނެވެ. އެއީ ތަފާތު ރީތިކަމެކެވެ. ތުނިތުނިކޮށް ކޮށާފައި ހުރި ތުނބުޅި އާއި ތުނިކޮށްލާފައިވާ ބޮލުގެ އިސްތަށިތައް ނަޒާނަށް އިތުރު ފުރިހަކަމެއް ގެނެސްދެއެވެ. ފާޅުވާން ހުރި ދެއަތުގެ މީދާ މަސްގަނޑުން ފެށިގެން ދެއަތުގެ މުލައްދަނޑިން ފުފިފައިވާ ނާރުތަކާއި އިނގިލިތަކާ ހަމައަށް މަންޝާގެ ނަޒަރު ދަތުރުކޮށްލިއެވެ. އިނގިލީގައި އަޅާފައިވާ ވަރުގަދަ ރިހިކުލައިގެ އަނގޮޓިއެއް ފެނުމުން މަންޝާއަށް ހީވީ އެހެން އެއްޗެކެވެ.
"މީހަކާ އިންނަން ރަންކިޔައިފީމެއްނު. ދެން ތިވަރަށް އަހަރެންނަށް ތިބަލަނީ ކީއްކުރަން"
ވާހަކަދެއްކި ވަގުތު ނުކުމެފައިވާ ނަޒާންގެ ލަގޮނޑި ތެޅިލިގޮތް މަންޝާއަށް ވަރަށް ކަމުދިޔައެވެ. އެއީ ކުރިން ނަޒާންގެ ކިބައިން އޭނާއަށް ފާހަގަނުވާ ކަމެކެވެ. ކުއްލިއަކަށް މަންޝާ އަނެއްފަރާތަށް އެނބުރުނީ އަމިއްލަ ހިތަށް އޮޅުވާލަނަމޭ ހިތާއެވެ.
"އަހަރެން ގަބޫލުކޮށްފިން މަންޝާގެ ހިތުގައި އަހަރެންނަށް އިންޗިއެއްގެ މިންވަރަށްވެސް އެއްވެސް އިހުސާސެއް ނެތްކަން" ނަޒާން ބުންޏެވެ.
"ތެދެއް ތިބުނީ. އަހަރެންނަށް ރަނގަޅީ ނަޒާން މިތަނުން ދިޔައިއްޔާ. ތިގޮތަށް އަހަރެންނާ ބައްދަލުކުރަން ނޫޅޭ" މަންޝާ ބުންޏެވެ.
"މަރުހަބާ. އެކަމަކު އެއީ މެރީކުރަން ރަންކިއީމައެއް ނޫން. އިތުރު އަނިޔާއެއް އަހަރެންގެ ހިތަށް ދިނީތީ. އެކަމަކު ބުނަންތަ. ތިދިން އަނިޔާއިން އަހަރެންގެ ހިތަށް އެއްވެސް އަސަރެއް ނުކުރޭ. ލިބުނީ އިތުރަށް ހިތްވަރު" ނަޒާން ވާހަކަދެއްކިއެވެ. މަންޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
"ހީވަނީ ބުނަން އުޅުނު އެތި ތިބުނެވުނީހެން. މިގެއިން ދޭ. އަހަރެންގެ މަންމަ ހިތަށް އަރާނީ ކީކޭ ކަމެއްވެސް ނޭނގޭ. މީހަކާ އިންނަން ރަންކިޔާފަ ހުރި އަންހެނެއް ކައިރިއަށް އައިސް ތިހެން ވަންނަން ލަދެއްނުގަނޭތަ؟ ތިއީ ފުލުހެކޭ މީހަކު ބުނާނެތަ؟"
"އާނ އަހަރެންނަކީ ފުލުހެއް. ފުލުހަކަށް ވީތީ އަންހެންކުއްޖެއްދެކެ ލޯބިވުމުގެ ހައްގު އަހަރެންނަށް ގެއްލިގެންނުދޭ. އެހެންނޫނަސް އަހަރެންގެ ޕްރޮފެޝަނަލް ލައިފްގެ އެއްވެސް ކަމެއް އަހަރެންގެ ޕާސަނަލް ލައިފްގެ ކަންތަކާ ގުޅިގެން ނުދާނެ. މަންޝާ ކޮންމެ އެއްޗެއް އަހަރެންނާ ދިމާލަށް ބުންޏަސް އަހަރެން ފަހަތަށް ނުޖެހޭނަން" ނަޒާން ބުންޏެވެ.
"އަހަރެން މިއައީ އިންނަން ތިއުޅޭ މީހާގެ މައުލޫމާތު ހޯދަން. އެއީ ކާކުތަ؟ އަހަރެންގެ މައްޗަށް ކުރި ހޯދި މީހާގެ ވަނަވަރު ބަލާލަން އަހަރެން ބޭނުން"
"އެހެންކަމަކާ އުޅޭ. އަހަރެން ކޮންމެ މީހަކާ އިނަސް އެއީ ނަޒާނާ ބެހޭކަމެއް ނޫން. މިތަނުން ދާށޭ ބުނެފީމެއްނު" މަންޝާ ބުންޏެވެ. ނަޒާން ގުޑާވެސްނުލިއެވެ. މަންޝާގެ މޫނުން އެންމެ ހިނދުކޮޅަކަށްވެސް އޭނާ ނަޒަރު ވަކިކޮށްނުލައެވެ.
"ނުދަންޏާ މިތާ އެކަނި ހުރޭ. އަހަރެން މިދަނީ"
ދޮރާ ހަމައަށް ނުދެވެނީސް މަންޝާ އަތުގައި ނަޒާން ހިފެހެއްޓިއެވެ. ނަޒާންގެ އަތް ނައްޓުވަން މަންޝާ މަސައްކަތް ކުރިއެވެ. އޭނާއަށް ކާމިޔާބުނުވުމުން އެންމެފަހުން މައިތިރިވިއެވެ.
"ކޮންމެހެން މަށަށް ނަޒާންގެ ބާރުގަދަކަން ދައްކަން އުޅޭނެކަމެއް ނެތް"
ނަޒާން ހީލިއެވެ. އޭނާ އާ ގާތަށް މަންޝާ ދަމާލިއެވެ. މަންޝާގެ މޫނާ އޭނާގެ މޫނު ގާތްކޮށްލިއެވެ. ނޭނގޭ ބާރުމިނެއްގައި މަންޝާގެ ހިތް ތެޅެމުން ދިޔައެވެ. ހަނދާނަށް އައީ ނަޒާނާ ގާތްވެވުނު ވަގުތުކޮޅެވެ. އެ ފުރުސަތު ދެވަނަ ފަހަރަށް ނަޒާނަށް ދޭން މަންޝާ ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް އޭނާ ނަޒާން ދުރަށްލާންވެސް ނޫޅުނެވެ. ފުންކަނޑެއްފަދަ ނަޒާންގެ ދެލޮލަށް ބަލަހައްޓައިގެން މަންޝާ ހުއްޓެވެ. އެހެންނަމަވެސް އޭނާގެ ހިތްބިރުގެންފަދަ އެއްވެސް އަމަލެއް ހިންގަން ނަޒާން ނޫޅުނެވެ. ނަޒާން ބުނެލީ އެންމެ ޖުމްލައެކެވެ.
"އައި ރެސްޕެކްޓް މައި ޔުނީފޯމް" ދެން މަންޝާގެ އަތުން ދޫކޮށްލިއެވެ.
ހައިރާންވެފައި ނަޒާންގެ މޫނަށް މަންޝާ ބަލައިލިއެވެ.
"އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހައްޗެ. މަންޝާ އިންނަން ތިއުޅޭ މީހާގެ ވަނަވަރު އަހަރެން ހޯދާނަން. އިނުމުގެ ކުރިން ކުށުގެ ރިކޯޑެއް އޮތްތޯ ބަލައިދޭނަން. އެވަރު ބެލިޔަސް މައްސަލައެއް ނޫނެއްނު. އެއީ އެނގެންޖެހޭ ކަންކަން. މެރީކުރުމުގެ ކުރިން ރިޕޯޓާއެކު އަދި އެއްދުވަހު އަހަރެން ބައްދަލުކުރާނަން"
ނަޒާން ނުކުމެގެން ދިޔައެވެ. ހައިރާންވެފައި މަންޝާ ބަލަހައްޓައިގެން ހުއްޓެވެ. ދޮރުން ބޭރަށް ނުކުމެވުނު ކަމެއްވެސް އޭނާއަށް ނޭނގެއެވެ.
********
ފަހަރަކު ކުއްޖަކު އައިސް ކާމޭޒު ކައިރީގައި އިށީނެވެ. ބަދިގެއަށް ރިހަ ބޯތަށި ބަލައި ދިޔަ މާޝިތާ ސިޑި އާ ދިމާލަށް ބަލައިލިއެވެ. އަދިވެސް ނަޒާން ދައްކާނުލައެވެ. އަނެއްކާ ރޭގަނޑު ކެއުންވެސް އެކުއްޖާ ނުކާނެ ހެއްޔެވެ؟ އޭނާ ބަދިގެއަށް ވަނީ ނަޒާނަށް ގޮވަން ދާން ނިންމައިގެންނެވެ.
"ޕޮއް...." ކާމޭޒު ކައިރިން ނަޒާންގެ އަޑު އިވުމުން މާޝިތާއަށް ހީނލެވުނެވެ. އެއިވުނީ ނަޒާންގެ އަޑެވެ. ނާޔާ ސިއްސުވާލީކަން ޔަގީނެވެ. އޭނާ އަވަހަށް ބޭރަށް ނުކުމެ ނަޒާނަށް ބަލައިލިއެވެ. ނަޒާންގެ މޫނުމަތީގައި ވަނީ ހަމަޖެހުމެވެ. ފިކުރެއް ކަންބޮޑުވުމެއް ނެތެވެ. އެއީ ހަމަ ކުރީގެ ނަޒާނެވެ.
"މަންމާ. މޮޑެދީބަލަ. ވަރަށް ބަނޑުހައި މިއަދު" ނަޒާން ބުންޏެވެ.
މާޝިތާ އަވަސްވެގަތެވެ. މުޅި ދުވަހު ނަޒާން ނުކާކަން އޭނާއަށް ޔަގީނެވެ. އެހެންނޫނީ އެހާ ބަނޑުހައިވެގެން ނޫޅޭނެއެވެ.
"ދަރިފުޅު ނުކަންތަ މިއަދު" އާމިރު އެހިއެވެ. ނަޒާން ހަމައެކަނި ބޯޖަހާލުމަކުން ފުއްދާލިއެވެ.
"އުޅުނީމެއްނު ވާހަކައެއް ދައްކަންވެގެން" އާމިރު ވާހަކަދެއްކީ ނަވާލާއެވެ. ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ނަވާލް އާމިރު ކައިރީގައި ބުނީ އިޝާނަމާދަށް މިސްކިތަށް ދަމުންނެވެ.
"އަޅުގަނޑެއް ނޫން. ދޮންބެ" ނަވާލް ބުންޏެވެ.
"ދޮންބެ އެކަންޏެއް ނޫން. ދެބެން. ބައްޕާ! އަޅުގަނޑުމެން ވަރަށް ބޮޑު ކަމެއް އެބަ ވިސްނަން"
******
މޭޒުމަތީގައި ކަޅު ސައިތަށި ބަހައްޓާފައި ސަމާހާ ދުރަށް ނުގޮސް ހުއްޓެވެ. މޭޒުމަތީގައި އޮތް ސަމާހާގެ އަތްތިލައިގައި ޝައިހާން ހިފަހައްޓާލިއެވެ.
"މިހާރު ރަންކިއީތަ؟" ސަމާހާ އެހިއެވެ. ޝައިހާން ބޯޖަހާލިއެވެ.
"ޝައިހާން ތިއުޅޭ ވިޔާނުދާ އުޅުން ބަލާކަށް އަހަރެން މާގިނަދުވަހު ދުނިޔޭގަ ހުންނާނެހެނެއް ހިއެއްނުވޭ" ސަމާހާ ބުންޏެވެ.
"ތިހެން ނުބުނެބަލަ މަންމާ. އަހަރެން މަންމަދެކެ ވަރަށް ލޯބިވޭ. މަންމަ އަބަދުވެސް ބުނަމެއްނު އަހަރެން ރަނގަޅަށް އުޅޭތަން ބަލަން ބޭނުމޭ. އަހަރެންނަށް ރަނގަޅަށް އުޅެވޭނީ ހިތްހަމަޖެހެންޏާ. އަހަރެންގެ ހިތްހަމަޖެހުމަކީ މަންޝާ. ކައިވެންޏަށްފަހު މަންޝާގެ އެހީތެރިކަމާއި އެއްބާރުލުން އަހަރެންނަށް ލިބެމުންދާނެ. އަހަރެން ރަނގަޅުވާނަމޭ މަންމާ. ޕްލީޒް... މަންމަގެ ތިވިސްނުން ބަދަލުކޮށްބަލަ"
ސަމާހާ ދެފަރާތަށް ބޯހޫރާލިއެވެ. ގޮނޑީގައި އިށީނދެފައި ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލިއެވެ. ދެވަނަ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެދިނީ ޝައިހާނެވެ. ދުނިޔޭގައި ހުރިއްޔާ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް ބަދަލު އަންނާނެއެވެ. ނޭނގެނީ ޝައިހާނަށް އަންނާނީ ކޮންކަހަލަ ބަދަލެއްކަމެވެ. ކައިވެންޏަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް މަންޝާ ބަލިވެއިނދެދާނެއެވެ. ޝައިހާން ޖަލަށް ދާން ޖެހިއްޖިއްޔާ ބިކަވެގެންދާނީ ދެ ފުރާނައެކެވެ. ސަމާހާ ވަރަށް ދުރަށް ވިސްނާލިއެވެ. އެކަމަކު އެކަމުގައި އޭނާ ކުރާނީ ކީއްހެއްޔެވެ. ފައިގައި ހެދުނު ފާރުގަނޑު ފަސޭހަނުވެ އެންމެފަހުން ޑޮކްޓަރުން އެވަނީ އޭނާއަށް ހިނގުން މަނާކޮށްފައެވެ. ހެއްދެވިފަރާތަށް ވަކީލުކޮށްލައިގެން ހުރުން ނޫން ގޮތެއް އޭނާއަށް ނެތެވެ.
********
އޮފީހުގައި އޮތް ބައްދަލުވުމަކަށް ޒަވީ ދިޔުމުން ޔަލާ ކޮޓަރިން ބޭރަށް ނުކުމެލިއެވެ. ސޯފާގައި މަންޝާ އޮތްތަން ފެނުމުން އޭނާ ދިޔައީ އެދިމާލަށެވެ. މަންޝާ އާ ކުޑަކޮށް ވާހަކަދައްކާލުމަށެވެ. ގަޑިން އޭރު ނުވަގަޑި ބައި ނުވެއެވެ. އޭނާ ހީކުރިގޮތާ ހިލާފަށް މަންޝާއަށް އޮތީ ލޯމެރިފައެވެ. އެވަގުތު އެއީ ދިލްޝާދުވެސް ކޮޓަރިން ނުކުތް ވަގުތެވެ.
"މަންކޮ ނިދާފަ މިއޮތީ" ޔަލާ ބުންޏެވެ.
މަންޝާ ލޯހުޅުވާލީ ޔަލާގެ އަޑަށެވެ. ސިހިފައި ބަނޑުމަތީގައި އޮތް ފޯނަށް އޭނާ ބަލައިލިއެވެ.
"ނުނިދަން" މަންޝާ ބުންޏެވެ. ފޯނަށް ގުޅަމުންދިޔަ ހަމްރާ އާ ވާހަކަދައްކަމުން މަންޝާ ނުކުތީ ބެލްކަންޏަށެވެ. މަންޝާގެ ފަހަތުން ދިލްޝާދު ނުނިކުމެއެވެ. އެހެންނަމަވެސް އޭނާ ހުރީ މަންޝާ އާ ވާހަކަދައްކާލަން ބޭނުންވެފައެވެ.
******
ތިއާ ކޮޓަރިން ނުކުތީ ނަވާލް ފާހާނާއަށް ވަންވަގުތުގައެވެ. އޭނާ ދިޔައީ ނަޒާންގެ ކޮޓަރިއަށެވެ. ނަޒާންގެ މެސެޖެއް އޭނާއަށް ލިބުނީ މީގެކުޑައިރުކޮޅެއް ކުރިންނެވެ.
"ކިހިނެއްވީ ދޮންބޭ" ނަޒާން ދޮރުހުޅުވާލުމާއެކު ތިއާ އެހިއެވެ.
"އެތެރެއަށް ވަދެބަލަ" ނަޒާން ބުންޏެވެ. ތިއާ އެތެރެއަށް ވަނުމުގެ ކުރިން ދެފަރާތް ބަލައިލިއެވެ. މާޝިތާއަށް މިހާރުވެސް ހުރީ ޝައްކުވެފައެވެ.
"ހާދަ ބިރުން. އެއްޗެއް އަހާލަންވެގެން" ނަޒާން ބުންޏެވެ.
"ބިރުގަންނާނެއްނު. މަންމަ މިއަދު ވަރަށް ސުވާލުކުރި. މަންމަ އަންނާނެ އަދި ދޮންބެ ކައިރިއަށް. ސުވާލުކުރާނެ"
ނަޒާން ހީލިއެވެ. އެނދުގައި އިށީނދެފައި ތިއާއަށް ބަލައިލިއެވެ.
"ކިޔައިދޭނަން މަންމައަށް. މިހާރު ކޮންމެހެން ސިއްރުކުރާކަށް ބޭނުމެއް ނޫން. މިވާހަކައެއް ނޫނޭ. މަށަށް ދީބަލަ މަންޝާ އިންނަން އުޅޭ ކުއްޖާގެ މައުލޫމާތު" ނަޒާން ބުންޏެވެ.
(ނުނިމޭ)