ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، މއ. ހަނީސަކްލް، ހުސައިން ޝިފާއު 37އ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާއު ވަނީ، ބޭރުގެ އެކި ގައުމުތަކުގެ ކުންފުނިތަކުން ރާއްޖެއަށް މުދާ އެތެރެކޮށް އެ މުދަލުގެ އަގު އަދާކުރުމުގެ ގޮތުން އެ ކުންފުނިތަކަށް ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައި، މަކަރާއި ހީލަތުން އޮޅުވާލައިގެން މުދާ އެތެރެކޮށް، އެ މުދާ ރާއްޖޭގައި ވިއްކައި މަންފާ ހޯދައިފައެވެ.
ޝިފާއުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން، އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
ޝިފާއު ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައި، އޭނާ ވަނީ ސައްހަ ނޫން ޓީޓީ ދައްކައިގެން ތިން މިލިއަން ރުފިޔާއަށްވުރެ ގިނަ މުދާ ރާއްޖެ އެތެރެކޮށްފައެވެ. ސައްހަ ނޫން ޓީޓީ ދައްކައިގެން އޭނާ ރާއްޖެއަށް އެތެރެކޮށްފައިވަނީ، ތަރުކާރީ އާއި މޭވާކަންވެސް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިފާއުގެ މައްޗަށް ތުހުމަތުކުރެވޭ އެފަދަ އެހެން މައްސަލަތަކެއްވެސް އެ އިދާރާއިން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު