އެއްވެސް އެއަރޕޯޓެއް ނެތް ގައުމެއް ދުނިޔޭގައި އޮވެދާނެބާވައެވެ. މީގެ ޖަވާބަކީ އާނއެކޭއެވެ. އެއަރޕޯޓެއް ނެތް ގައުމުތައް މިޒަމާނުގައިވެސް އެބަހުއްޓެވެ. އެއަރޕޯޓަކީ ކޮންމެހެން އޮންނަންޖެހޭ ތަނެއްކަމަށް ގަބޫލުނުކުރާ އަދި އަވަށްޓެރިންނާއެކު ވަސީލަތްތައް ހިއްސާކުރުމަށް ރުހެވޭ ގައުމުތައް އަދިވެސް އެބަތިއްބެވެ. އެކަމަކު އެ ގައުމުތަކުގައި އެއަރޕޯޓުތައް ނުހަދަނީ ހަދާނެ ޖާގަ އޮވެފައި މާބޮޑު އިޚުތިޔާރުތަކެއް ލިބިފައިވާތީއެއް ނޫނެވެ. އެއަރޕޯޓެއް އަޅާނެ ޖާގައެއްވެސް ނެތީއެވެ. ޖާގައޮތިއްޔާ އެއީ އެއަރޕޯޓެއް އެޅުމަށް އެކަށީގެންވާ ޖާގައަކަށް ނުވަނީއެވެ. މިހެންގޮސް އަދިވެސް ކިތަންމެ ސަބަބެކެވެ. ދުނިޔޭގައި އެއަރޕޯޓެއް ނޯންނަ ގައުމުތަކަށް ބަލައިލަމާ ބަހީއެވެ. މި ލިސްޓުން މުޅިންވެސް ފެންނަނީ ޔޫރަޕުގެ ވަރަށް ކުދިކުދި ގައުމުތަކެވެ.
ވެޓިކަން ސިޓީއަކީ ގައުމެއްގެ ދަރަޖަ ލިބިފައިވާ މުޅިން މިނިވަން މުސްތަގިއްލު ޝަޚުސެކެވެ. މިއީ ކްރިސްޓިއަނުންގެ ތެރެއިން ކެތަލިކް މަޒުހަބުގެ އެންމެ ބޮޑު ފާދިރީ ހުންނަވާ ފައްޅީގެ ވަޒަނެވެ. މި ގައުމުގެ ވެރިޔަކީ އެވަގުތަކު ހުންނަވާ ޕޯޕެކެވެ. މިހާރު އެއީ ޕޯޕް ފްރާންސިސްއެވެ. ވެޓިކަން ސިޓީގެ އާބާދީއަކީ 800 އެވެ. އެއީ ފައްޅީގެ ފާދިރީންނާއި މުވައްޒަފުންނެވެ. ދެންވެސް ފައްޅީގެ ޚިދުމަތްތަކާ ގުޅިގެން އެތަނުގައި ތިބުން ލާޒިމުކުރާ ބަައެކެވެ. ވެޓިކަން ސިޓީއަކީ އިޓަލީގެ ވެރިރަށް ރޯމްގެ ތެރޭގައި އޮންނަ ކުޑަކުޑަ ތަންކޮޅެކެވެ. އެހެންވީމާ އެތާގައި ވަކި އެއަރޕޯޓެއް އެޅުމަށް ޖާގައެއް ނެތެވެ. އެއަރޕޯޓެއްގެ ބޭނުމެއްވެސް ނެތެވެ. ވެޓިކަނަށް އައިސްގޮސްވުމަށް އިޓަލީގެ ރޯމުގެ ކޮންމެ އެއަރޕޯޓެއްވެސް ފުދިއިތުރު ވެއެވެ.
ވެޓިކަންގައި ތިބެފައި އެންމެ ގިނަވެގެންވެސް ތިރީސް މިނިޓު ތެރޭގައި ރޯމްގެ ދެ އެއަރޕޯޓުންކުރެ ކޮންމެ އެއަރޕޯޓަކަށްވެސް އެއްގަމުން ދެވެއެވެ. ވެޓިކަން ސިޓީއަކީ ދުނިޔޭގައިވާ އެންމެ ކުޑަ ގައުމެވެ. އާބާދީވެސް އެންމެ ކުޑަ ގައުމެވެ. ވިހާމަރުވާ ރިކޯޑް ބެލެހެއްޓުން ލާޒިމުނުވާ ހަމައެކަނި ގައުމެވެ. ބާރުތައް ވަކިކުރެވިގެން ދައުލަތެއްގެ ގޮތަށް ހިންގަން ނުޖެހޭ ހަމައެކަނި ގައުމެވެ. ސިޓީއެއްގެ ތެރޭގައި އޮންނަ ސިޓީއެކޭ ބުނެވޭ ހަމައެކަނި ގައުމެވެ. ކަނޑުގެ ސަރަހައްދެއްވެސް ނޯވެއެވެ. ވަށައިގެން އޮތީ ރޯމެވެ. ސަލާމަތީ ކަންތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަނީ ރޯމުންނެވެ. ވެޓިކަން ސިޓީއަށް އައިސްގޮސްވުމުގެ ދޮރާއްޓަކަށް ބަލަނީ ރޯމުގެ ދެ އެއަރޕޯޓެކެވެ. އެއްތަނަކީ ޗަމްޕީނޯ އެއަރޕޯޓެވެ. އަނެއްތަނަކީ ލިއޮނާޑޯ ޑަވިންޗީ އެއަރޕޯޓެވެ.
މޮނަކޯއަކީ ވެޓިކަން ސިޓީއަށްފަހު ދެން ދުނިޔޭގެ އެންމެ ކުޑަ ގައުމެވެ. ހަތަރުބިތުގެ ތެރެއިން ތިންބިތުން ގުޅިފައިވަނީ ފަރަންސޭސިވިލާތާއެވެ. އަނެއްބިތުގައި އޮތީ މެޑިޓެރޭނިއަން ކަނޑެވެ. މޮނަކޯއަށް އެއްގަމާއި ކަނޑާއި ވައިގެ މަގުންވެސް ދެވެއެވެ. އެއްގަމުންދާ މީހަކަށް އޮތީ ފަރަންސޭސިވިލާތުގެ މަގެވެ. ވައިގެމަގުން އެންމެ ކައިރި އެއަރޕޯޓަކީ ފްރާންސްގެ ސަހަރެއް ކަމުގައިވާ ނީސަގެ އެއަރޕޯޓެވެ. މޮނަކޯގެ ސައިޒަކީ ރާއްޖޭގެ ބޮޑެތި ރަށްރަށުގެ ތެރެއިން ރަށެއްގެ ސައިޒެވެ. އެކަމަކު މިއީ މިނިވަން މުސްތަގިއްލު ގައުމެކެވެ. ވެރިޔަކީ ޝާހީ އަމީރެކެވެ. މިތަނުގައި އެއަރޕޯޓެއް ނޯތުމުގެ ސިއްރަކީ އެއަރޕޯޓެއް އަޅާނެ ޖާގައެއް ނެތުމެވެ. މޮނަކޯގެ ދިފާއީ ކަންކަމާއި އެނޫންވެސް ބޮޑެތި ކަންތައް ބަލަހައްޓައިދެނީ ފްރާންސުންނެވެ.
މިއީ މެދުތެރޭ ޔޫރަޕުގައި ސުވިޒަރލެންޑާއި އޮސްޓްރިޔާއާ އިންވެގެން ވަށައިގެން ބެދިފައި އޮންނަ ކުޑަކުޑަ ގައުމެކެވެ. ރަސްމީ ބަހަކީ ޖަރުމަން ބަހެވެ. އެއަރޕޯޓު އަޅާނެ ޖާގަ އެބައޮތެވެ. އެކަމަކު އެފަދަ ތަނެއް އަޅަން އެކަށޭނަ ޖޯގްރަފީއެއް ނެތެވެ. ލިޚްޓަންސްޓައިނުގައި ނެތީ ހަމައެކަނި އެއަރޕޯޓެއް ނޫނެވެ. ޖަލެއްވެސް ނުހުރެއެވެ. މިތަނުގެ ވެރިޔަކީ ޝާހީ އަމީރެކެވެ. ލިޚްޓަންސްޓައިނަށް ވައިގެމަގުން އައިސްގޮސްވުމަށް އެންމެ ކައިރި އެއަރޕޯޓަކީ ސުވިޒަރލެންޑުގެ ޒިއުރިކް އެއަރޕޯޓެވެ. އަވަށްޓެރިންނާ ނުހަނު ބަދަހި ގުޅުމެއް އޮންނާތީ ވަސީލަތްތައް ހިއްސާކުރުމުގައި މާބޮޑު މައްސަލައެއް ނޯވެއެވެ. ދިފާއީ ކަންކަން ބަލަހައްޓައިދެނީ އަދި އެޒާތުގެ ބޮޑެތި ކަންކަން ކޮށްދެނީ ސުވިޒަރލެންޑާއި އޮސްޓްރިޔާއިންނެވެ.
ސެންމަރީނޯއަކީ ޔޫރަޕުގެ އެންމެ ދުވަސްވީ ޖުމްހޫރީ ދައުލަތްތަކުގެ ތެރެއިން ދައުލަތެކެވެ. ވެރިޔަކީ ރައީސެއް ބޮޑުވަޒީރެއް ނޫނެވެ. ރަސްމީ ލަގަބަކީ ކެޕްޓަން ރީޖެންޓެވެ. ސެންމަރީނޯގެ ވަށައިގެން އޮތީ އިޓަލީއެވެ. އިޓަލީގެ ބޮޑެތި ވަރަށް ގިނަ ސިޓީތައް ހުރީ ސެންމަރީނޯއާ ނުހަނު ގާތުގައެވެ. ރީމިނީއާއި ފްލޯރެންސެވެ. ބޮލޯނިއާ އާއި ވެނިހެވެ. ދެން ޕީސާއެވެ. އެހެންވީމާ މިއިން އެއަރޕޯޓަކަށް ދިއުމަކީ ސެންމަރީނޯގައި ތިބެފައި ނުހަނު ފަސޭހަ ކަމެކެވެ. ކުރަންޖެހޭ ދަތުރު ވަރަށް ކުރެވެ. މިސަބަބަށްޓަކައި ސެންމަރީނޯގައި އަމިއްލަ އެއަރޕޯޓެއް ނޯވެއެވެ. އޮތުމުގެ މުހުތާދެއްވެސް ނެތެވެ. ސެންމަރީނޯއަށް އަހަރަކު ތިން މިލިޔަނެއްހައި ފަތުރުވެރިން ޒިޔާރަތްކުރާއިރު އެމީހުން އައިސްގޮސްވަނީ މުޅިންވެސް އިޓަލީގެ އެއަރޕޯޓުތަކުންނެވެ.
އަންޑޯރާއަކީ ފްރާންސާއި ސްޕޭނާއި ދޭތެރެއިން ޕިރޭނީ ފަރުބަދަތަކުގެ ތެރޭގައި ވަށައިގެން ބެދިފައި އޮންނަ މިނިވަން ގައުމެކެވެ. ކުރިން މި ލިސްޓުގައި ބަޔާންކުރެވުނު ގައުމުތަކަށްވުރެ އަންޑޯރާ މާބޮޑެވެ. ކިތަންމެ އެއަރޕޯޓެއްވެސް އެޅިދާނެއެވެ. އެކަމަކު ވަށައިގެން ވަރަށް އުސް ފަރުބަދަތަކެވެ. އެހެންވީމާ މަތިންދާބޯޓު ދަތުރުފަތުރު ރައްކާތެރިއެއް ނޫނެވެ. މި ސަބަބަށްޓަކައި އަންޑޯރާގައި އެއަރޕޯޓެއް ނޯވެއެވެ. ސްޕޭނުގެ ސިޓީތަކުގެ ތެރެއިން ބާސެލޯނާ އާއި ޖިރޯނާ އަދި ލެރީޑާ އޮންނަނީ ނުހަނު ގާތުގައެވެ. އެގައުމަށް އައިސްގޮސްވުމަށް މައިގަޑު ގޮތެއްގައި ބޭނުންކުރަނީ ސްޕޭނުގެ އެއަރޕޯޓުތަކެވެ. އަންޑޯރާގެ ވެރިޔަކީ ޝާހީ އަމީރެކެވެ. އަވަށްޓެރިންނާ ނުހަނު ގުޅުން ބޮޑެވެ. ވަސީލަތްތައް ހިއްސާކުރުމުގައި ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ.