ލައިފް ސްޓައިލް

މަޑި މަސްވަކަރު، ހުރިހާ ދިވެހީންނަށް ގޭގައިވެސް ހެއްދޭނެ، މިއޮތީ ކަންކުރަންވީ ގޮތް

މަޑި މަސްވަކަރު ގަސް ދިވެހީންގެ މެދުގައި މަޝްހޫރުވެއްޖެއެވެ. ވަކި ވަގުތަކަށް ފޮޅިލައިފައި ހުރި މަޑު ފިޔާތޮށި ކުލައެއްގެ މާތަކުން މުޅި ހުޅުމާލެއަށް ބަހާރު މޫސުން ގެނެސްދިނީމައެވެ. މަގުތަކުން ދަތުރު ކުރި އެންމެންގެ ފޯނުގެ ކެމެރާތައް އެ ގަހާ ދިމާލަށް އަމާޒުވެގެން ދިޔައެވެ. ވިލިމާލެ އަދި މާލޭގައި ދިރިއުޅޭ އެތައް ބަޔަކު އެގަސްތަކުގެ މާތައް ފޮޅިލައިފައި ހުރި އިރުގެ ހިތްގައިމުކަން ދެކިލުމަށް އެކަނިވެސް ވަނީ ހުޅުމާލެއަށް ގޮސްފައިއެވެ.

ޖަޕާނަށް އަންނަ 'ޗެރީ ބްލޮސަމް' އާއި ވަރަށް ވައްތަރު ސިފަތަކެއް މަޑި މަސްވަކަރުގައި މާ ފޮޅިލައިފައި ހުންނައިރު ހުރެއެވެ. މަލުގެ ކުލަޔާއި ގަހުގެ ސައިޒުގެ އިތުރުން ގަހުގައި މާ އަޅާފައި ހުންނަ މިންވަރުން ގިނަ ބަޔަކަށް އިންޓަނެޓުން ނުވަތަ ފިލްމުތަކުން ފެނިފައިވާ 'ޗެރީ ބްލޮސަމް'ގެ ހަނދާންތައް އާކޮށްދެއެވެ. ރާއްޖޭގެ އެކި ކަންކޮޅުގައިވެސް މަޑި މަސްވަކަރު ހެދިފައިވާ މިންވަރު ނިސްބަތުން ގިނައެވެ. ގަހަކީ ތަނކޮޅެއް ބޮޑުކޮށް ބޮޑު ޖާގައެއް ބޭނުންވާނެހެން ހެދޭ ގަހެއް ކަމަކު މިގަހަކީ ހައްދަން މާ އުނދަގޫ ގަހެއް ނޫން ކަމަށް ގަސް ހައްދާ މީހުން ބުނެއުޅެއެވެ. މި ލިޔުމުގައި މިގެނެސްދެނީ މިގަހުގެ ކުޑަ ގޮފި ކޮޅެއް ބޭނުން ކޮށްގެން ގަސް ދިރުވައި ހައްދާނެ ގޮތެވެ.

ކުޑަ ގޮފިކޮޅެއް ދިރުވުމަށްޓަކައި ކަންތައް ކުރެވިދާނެ ގޮތް:

7 އިންޗި އާއި 10 އިންޗިއާ ދެމެދުގެ ގޮފިކޮޅެއް އިންދުމަށްޓަކައި 1.5 ލީޓަރުގެ ހުސް ފުޅިއެއް ހޯދާށެވެ. އެ ފެންފުޅި ދެބައި ކޮށްލުމަށްފަހު ފުޅީގެ ތިރީ ބައިގެ ދެބައިކުޅައެއްބަޔަށްވާ ވަރަށް ކަޅުވެލި އަޅާށެވެ. އިންދާ ގޮފިކޮޅަށް ކާނާ ދޭން ބޭނުންވާ ނަމަ ކަޅުވެލިކޮޅާއި ކުޑަ މިންވަރެއްގެ ގެރިގުއި ކޮޅެއް ނުވަތަ 'ޔުނިގްރޯ'ކޮޅެއް އެއްކޮށްލާށެވެ. ފަސްގަނޑު ރަނގަޅަށް ތައްޔާރު ކުރުމަށްފަހު އެ ވެލިގަނޑަށް ފެން އަޅައި ވެލިގަނޑު ތެތްކޮށްލުމަށްފަހު 2 ދުވަސް ވަރު ބަހައްޓާށެވެ. ދެން ގޮފިކޮޅުގެ 2 އިންޗި ވަރު ވެލިގަނޑު ތެރެއަށް ވަންނަ ގޮތަށް ގޮފި ކޮޅު އިންދާށެވެ. ފުޅީގެ މަތީބައި ރަނގަޅަށް ބާރުވާނެހެން ފުޅީގެ ތިރީބައި ތެރެއަށް ވައްދައި ފުޅީގެ ތެރޭގައި ވައި ހިފެހެއްޓޭނެހެން ބާރުކޮށްފައި ބަހައްޓާށެވެ. ފުޅީގެ މަތިގަނޑު ހުންނަންވާނީ ރަނގަޅަށް ބާރުކުރެވިފައެވެ. ސީދާ އަވި ނުލިބޭނެ ފަދަ ތަނެއްގައި ފުޅިބުރި ބައިންދާށެވެ. މިގޮތަށް ބަހައްޓާފައި ހުންނަ އިރު ފުޅީގެ ތެރޭގައި ފޫސްމަ ހެދި ގޮފިކޮޅަށް ބޭނުންވާ މިންވަރަށް ފެން ލިއްބައިދޭނެއެވެ. ރަނގަޅަށް ތައްޔާރުކުރެވި ސީދާ އަވި ނުލިބޭނެ ފަދަ ތަނެއްގައި ފުޅިބުރި ބޭންދިފައިވާނަމަ 10 ދުވަހާއި 15 ދުވަހާއި ދެމެދު ގޮފި ކޮޅު ރޯވެ އިތުރު ފަތްތައް ފަޅަން ފައްޓާނެއެވެ.

އާކުރި ފަޅަން ފެއްޓުމުން ދެން ކަންތައް ކުރަންވީ ގޮތް:

ގޮފިކޮޅުގައި އިތުރު ފަތް އަދި ކުރި ފަޅަން ފެއްޓުމުން އެއްކަލަ މަތިގަނޑު، ފުޅިން ނަގާފައި 3 ދުވަސް ވަރު ބައިންދާށެވެ. ފުޅީގެ އެތެރޭގައި ހެދިފައި ހުންނަ ފޫސްމާ އެއްކޮށް ބޭރުވެ ފުޅި ސާފުވުމުން އަނެއްކާ ފުޅީގެ މަތިގަނޑު ޖަހާށެވެ. ދެން ކުރިއަށް އޮތް 5 ދުވަހު ކޮންމެ ދުވަހަކު 2 ގަޑިއިރަށް ފުޅީގެ މަތިގަނޑު ނަގާފައި ބަހައްޓާށެވެ. މިގޮތަށް ކަންތައް ކުރަން ފެއްޓުމުން ގޮފިކޮޅު އަމިއްލައަށް ވައިގެ ތެރެއިން ގަހަށް ކާނާ ހޯދަން ފައްޓާނެއެވެ. އަދި ގޮފިކޮޅަށް އަންނަ ބަދަލު ވަރަށް ރީއްޗަށް ފެންނަން ފަށާނެއެވެ. އެހެން ކަމުން ގޮފިކޮޅަށް ބޭނުންވާނެހެން މަދުވެގެން ދުވާލަކު 2 އިރު ގޮފިކޮޅަށް ފެންދެމުން ގެންދާށެވެ. 5 ދުވަސް ހަމަވާއިރު ގޮފިކޮޅު ހުންނާނީ ގަސް އިންދަން ބޭނުންވާ ތަނަކަށް ބަދަލުވާން ތައްޔާރުވެފައެވެ.

ގޮފިކޮޅު އޭގެ ދާއިމީ މާހައުލަށް ފުޅިބުރިން ބަދަލުކުރުން:

ގޮފިކޮޅު މިހާރު ހެދިފައި ހުންނަ މިންވަރުން އިތުރަށް ހެދިބޮޑުވުމަށް އެންމެ ކުޑަވެގެންވެސް 5 ލީޓަރު ފެންފުޅިއެއްގެ ފުޅާމިނުގެ ޖާގަ ބޭނުންވާނެއެވެ. އެގޮތުން އެފަދަ މާހައުލަކަށް ގަސް ބަދަލުކުރުން މުހިންމެވެ. ގޮފިކޮޅު އެ މާހައުލަށް ބަދަލުކުރާއިރު ވެލިގަނޑަށް ކުރިންވެސް އެޅި ގަސްކާނާ އެޅިދާނެއެވެ. އަދި ގޮފިކޮޅު އެތަނަށް ބަދަލުކޮށް ހަމަޖެހިލުމުން 3 ދުވަހާއި 5 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ދެން ގަސްކާނާގެ ގޮތުގައި ބޭނުންކޮށް އުޅޭ ފެހި ކުލައިގެ އޮށް އެޅިދާނެއެވެ، މި އޮށްތަކުން ގަސް ހެދި ބޮޑުވުމަށް އެހީ ވާނެއެވެ.

މަޑި މަސްވަކަރު ގަސް ބިޔަ ބޮޑު ސައިޒަކަށް ހައްދާނެ ޖާގަ ނެތްނަމަ ގަހުގައި އިތުރު ގޮފިކޮޅު ފަޅައި އެ ގޮފިތައް ހަރުވުމުން އެ ގޮފިތައް ކޮށާށެވެ. އޭރުން ގަސް ސައިޒުން ކުޑަވި ނަމަވެސް މާ އެޅުން އަވަސްވެ ފަސޭހަވާނެ އެވެ. ގަހުގެ ކާނާއެއްގެ ގޮތުގައި މިލިޔުމުގައި ބޭނުންކޮށްފައިވާ ގަސްކާނާގެ އިތުރުން ފިޔާތޮށި އަދި ދަނބު ކުލައިގެ އޮށްތައް ވެސް ބޭނުން ކުރެވިދާނެއެވެ. މިއީ ގަހުގައި މާ އަޅުވައި މާފޮޅޭ މިންވަރު އިތުރު ކުރުމަށް ބޭނުންކުރާ ކާނާއެކެވެ. މީގެ އިތުރުން ހަފުތާއަކު އެއް ފަހަރު އެއް ސަމުސާ ފުލޯރަލް ބޭސް 4 ލީޓަރު ފެނަށް ގިރުމަށް ފަހު ޖެހުމުންވެސް ގަސް ގަދަޔަށް ހެދި މާ ފޮޅޭނެއެވެ.

ހުޅުމާލެ އަދި ރާއްޖޭގެ ގިނަ ހިސާބުތަކުގައި މަޑި މަސްވަކަރަކީ ބިޔަކޮށް ހެދިފައިވާ އެއްޗެއްގެ ގޮތުގައި ފެންނަން ހުރި ކަމުގައިވީ ނަމަވެސް ބޭރުގެ ގައުމުތަކުގައި މިގަސް ބެލްކަނީގައި ޕޮޓުތަކުގައި އިންދައިގެން ހައްދައި އުޅެއެވެ.