ކުރީގެ ފަސްޓްލޭޑީ، ފާތިމަތު އިބްރާހިމްގެ ދައުރު ޕީޕީއެމްއާއި ސަރުކާރުގެތެރޭގައި ވަރަށް ބޮޑުވެގެންދިޔަ ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި އެމްޑީއޭއަށް އެންމެ ކަމު ނުދިޔަ ބައެއް ސިޔާސަތު ތަކަކީ ހާރިޖީ ސިޔާސަތާއި ސަރުކާރުގައި ފަސްޓް ލޭޑީގެ ދައުރު ބޮޑުވުން ކަމަށެވެ.
"ފަސްޓް ލޭޑީގެ ގޮތުގައި ހުރުން މުހިންމު، ރައީސްޖުމްހޫރިއްޔާއާއެކު ގޮސް ޝަރަފުވެރިކަމާއެކުގައި ރަސްމީ ޖަލްސާތަކުގައި ބައިވެރިވުން، ރަސްމީ ދަތުރުތަކުގައި ބައިވެރިވުން، އެކަމު ޕާޓީގެ ތެރޭގައި ފެކްޝަން ހަދައިގެން އެކަން ކުރީމާ އަޅުގަނޑުމެންނަށް ބަލައެއް ނުގަނެވޭ. އެއީ އަޅުގަނޑުމެންނަށް ވަރަށް އުނދަގޫވިކަމެއް ވެރިކަމުގައި" މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެ އޮތީ އެކަހެރިވެފައި ކަމަށެވެ.
މައުރޫފް އިތުރަށް ވިދާޅުވީ، އެމްޑީއޭގެ އަމާޒަކީ ރައީސް ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދައިދީ ރާއްޖެ ދަރަނި ދަންތުރައިން ސަލާމަތްކޮށް އިގްތިސޯދު ދެގުނަ ކުރުން ކަަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ވެގެންދާނީ މީގެ ކުރިން ނުދެކޭ ފަދަ އިގްތިސޯދީ ގޮތުން އެތަކެއް ކުރިއެރުން ހޯދާ ފަސް އަހަރަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު