އައްޑޫސިޓީގެ ގަން އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓު ޕްރައިވަޓައިޒް ކުރުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި މި ގަރާރުގައި ވަނީ، އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި، ހަބެއްގެ ގޮތުގައި އެ ޒޯންގައިވާ އެހެން އަތޮޅުތައް ތަރައްގީ ކުރެވޭނީ، އައްޑޫ އެއާޕޯޓާއި ސީޕޯޓު ތަރައްގީކޮށް، ޓޫރިޒަމާ ގުޅާލައިގެން ކަމަށެވެ.
އެހެންކަމުން އައްޑޫ އެއާޕޯޓާއި ސީޕޯޓް ތަރައްގީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ފަޔާ ސްޓޭޝަން ބިލްޑިންގާއި ޑޮމެސްޓިކް ޓާމިނަލް އާއި އިންޓަނޭޝަނަލް ޓާމިނަލް ހެދުމާއި، އެއާޕޯޓް އެކްސެސް ރޯޑް ހެދުންވެސް ހިމެނޭ ކަމާއި، މީގެ އިތުރުން އައްޑޫ އެއާޕޯޓާއި ސީޕޯޓުގެ ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭ ހިނދު، އެކަމަށް ގިނަގުނަ ހަރަދުތަކެއް ހިނގާނެ،" ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.
އައްޑޫ އެއާޕޯޓާއި ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވަޓައިޒް ކޮށްފިނަމަ އައްޑޫ ރައްޔިތުން އެދެމުން އަންނަ ތަރައްގީ އެ ސަރަހައްދަށް ގެނެވި، އައްޑޫ ސަރަހައްދަށް ގެންނަން ސަރުކާރުން ތަސައްވުރު ކުރާ ތަރައްގީ ގެނެވި، އެތަންތަނުން ސަރުކާރަށް ފައިސާ ވަނުން އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު