ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ބިލްޑިންގުގެ ކައިރީގައި ހަދާފައިވާ ޕާކިން ޒޯނުގައި ސައިކަލްތައް ޕާކް ނުކުރެވޭ ގޮތް ހެދުމުން މުވައްޒަފުން އިހުތިޖާޖުކޮށްފިއެވެ.
ވެލާނާ ބިލްޑިންގް ހުންނަ އަމީރު އަހުމަދު މަގުން، އެ ބިލްޑިންގްގެ ކުރިމަތީގައި ވެހިކަލް ޕާކުކުރުން ވަނީ މަނާކޮށްފައެވެ.
ވެލާނާ ބިލްޑިންގައި ހުންނަ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން މިއަދު ހެނދުނު އިހުތިޖާޖަށް ނުކުތީ ވެލާނާ ބިލްޑިންގާއި ދަރުމަވަންތަ ހޮސްޕިޓަލާ ދޭތެރޭގައި އޮންނަ ޒަމާންވީ ޕާކިން ޒޯނުގައި ސައިކަލު ޕާކު ކުރުން މަނާ ކުރުމުންނެވެ.
އިހުތިޖާޖުގެ ބައެއް ބައިވެރިން ބުނި ގޮތުގައި އެ ޕާކިން ޒޯނުގެ ވަށައިގެން ސަތަރި ދަމައި ޕާކިން ޒޯން ވަނީ ބަންދުކޮށްފައެވެ. އިހުތިޖާޖުގެ ބައިވެރިން އިޖުތިޖާޖުކުރަމުންދިޔައީ ޕާކު ކުރާނެ ޖާގަ ނެތުމުން ކަންބޮޑުވުން ފާޅުކޮށް ލިޔެފައިވާ ލިޔުންތައްވެސް ހިފައިގެންނެވެ.
އެކަމާ ގުޅިގެން "ވަން" އިން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ގުޅުމުންވެސް އަދި މެސެޖު ކުރުމުންވެސް ޖަވާބު ދެއްވައިފައިނުވާތީ އެކަމުގައި މޭޔަރުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އިޖުތިޖާޖު މިހާރު ނިންމާލައިފައިވާއިރު، އިޖުތިޖާޖުގެ ބައިވެރިން ރައްޔިތުންގެ މަޖިލިހުގެ އިދާރާ ކައިރިއަށްވެސް ޖަމާވެ އަޑު އުފުލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު