ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލ ސަރުކާރުގެ ފަރާތުން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ހުށައަޅައިފިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެންޓިލޭޓަރުތައް ގެންނަން ފެބްރުއަރީ 2، 2020 ގައި ހެލްތު މިނިސްޓްރީއާއި ދުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިތީ އެ މައްސަލަ މި މަހުގެ 16ވަނަ ދުވަހު އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައިގައި ދިވެހި ދައުލަތުން އެދިފައިވާނީ އެގްޒެކިއުޓާސް އިން ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށްވާ ފައިސާއާއި ވެންޓިލޭޓަރުތައް ގެނެސް ދީފައިނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32.5 މިލިއަން ރުފިޔާ (2.1 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށެވެ. އޭގެ އިތުރުން އިންޓްރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށްވެސް އެދިފައެވެ.

އޭޖީ އޮފީހުން ބުނީ، އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުކަމަށެވެ.