ބެލްޖިއަމް އާއި ސްވިޑެން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ސަފީރުކަމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް ފަހު، ރައީސް ސޯލިހު ވަނީ ބެލްޖިއަމްގެ އާސަފީރު ޑިޑިއާ ވެންޑާހެސްލްޓާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، ޑިޑިއާގެ ސަފީރުކަމުގެ ދައުރުގައި ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި އިއާދަކުރަނިވި ހަކަތަ އާއި ފަތުރުވެރިކަމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ސްވިޑެން ސަފީރު ޖޭން ތެސްލެފްއާ ބައްދަލުކުރައްވައިި ރައީސް ސޯލިހު ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. މި ބައްދަލުވުކުރެއްވުމުގައި ސްވިޑެންގެ ސަފީރު ވަނީ އެ ގައުމުގައި ރާއްޖޭގެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރަމުންދާކަން ފާހަގަކުރައްވައިފައެވެ.
ރައީސް އާއި ސްވިޑެންގެ ސަފީރުގެ މި ބައްދަލުކުރެއްވުން ނިންމަވައިލެއްވީ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުން ކުރިޔަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އަރުއްވަމުންނެވެ.
މި އަހަރު ރާއްޖެއިން ސްވިޑެންއާ ސިޔާސީ ގުޅުން ގާއިމްކުރިތާ 45 އަހަރު ފުރޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު