ތ. ކިނބިދޫ އާއި ލ. މުންޑޫން ގެސްޓްހައުސް ވިޔަފާރިއަށް ބިން ދޫކުރުމަށް އިއުލާނުކޮށްފިއެވެ.

ކިނބިދޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެރަށުގެ ހުޅަނގު ފަރާތު ބީޗު ފްރަންޓުން 10،000 އަކަފޫޓުގެ ހަތް ބިން ގެސްޓްހައުސްގެ ވިޔަފާރި ހިންގުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

އެ ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެއެވެ.

މުންޑޫ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެރަށުން ގެސްޓްހައުސް ހެދުމަށް ދޫކުރަނީ އެރަށުގެ އުތުރު ފަރާތުން 10،000 އަކަފޫޓުގެ ދެ ބިން ކަމަށެވެ. އެ ބިންތައް ދޫކުރާނީ 35 އަހަރު ދުވަހުގެ މުއްދަތަށް ކަމަށްވެސް ބުންޏެވެ.

އެ ދެ ބިމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް ހުޅުވާލައިފައިވާ އިރު، ބިޑް ޑިޕޮސިޓްގެ ގޮތުގައި 5،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބިޑް ފޮތުގެ އަގަކީ 3،000 ރުފިޔާއެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހެވެ.

ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިން ކުއްޔަށް ލިބިގަތުމުގެ ފީ އެއްގެ ގޮތުން އެންމެ މަދުވެގެން 500،000 ރުފިޔާ ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށްވެސް މުންޑޫ ކައުންސިލުން ބުންޏެވެ.