މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ހުޅުވި، ކުޑަގިރި ޕިކްނިކް އައިލެންޑަށް ހަފުތާ ބަންދުގައި ދާން ކުރިއާލައި ބުކިން ހައްދަން ޖެހޭ ގޮތަށް އޮތް އޮތުން އުވާލައި، ފެރީ ފުރާ ވަގުތު ކޮންމެ މީހަކަށްވެސް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ކުޑަގިރި ޕިކްނިކް އިލެންޑްގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ކުޑަގިރިއަށް ދިއުމަށް ފުރުސަތު ދޭނީ ފުރަތަމަ އަންނަ ބަޔަކަށް އިސްކަންދީގެން ކަމަށެވެ. މިގޮތަށް ހަމަޖެއްސިޔަސް އެ ރަށުން އަށި ފަދަ ތަންތަން ނަގަން، ކުޑަގިރިއަށް ހާއްސަކޮށް ހަދާފައިވާ "ކުޑަގިރި މޯބައިލް އެޕްލިކޭޝަނުން" ބުކިން ހައްދަން ޖެހޭނެއެވެ.
ކުޑަގިރި ހުޅުވީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ރަށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކުޑަގިރި ތަރައްގީކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކުރީ 41 މިލިއަން ރުފިޔާއެވެ. ކުޑަގިރި ބަލަހައްޓަން ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެވެ.
ކުޑަގިރީގައި ގާއިމުކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓު، ބާސްކެޓް ބޯޅަ ކޯޓު، އައުޓްޑޯ މިނީ ފުޓްބޯޅަ ކޯޓު، ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑް، ޑައިވް ސެންޓާ އަދި ވޯޓާ ސްޕޯޓްސް ސެންޓަރެއްވެސް ހިމެނެއެވެ. މީގެ އިތުރުން ވޯޓާ ސްލައިޑްސްތަކާއި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
އެޗްޑީސީން ބުނެފައިވާގޮތުގައި ކުޑަގިރިއަށް ޕިކްނިކް ދާ މީހުން ބޭނުންވާނެ އަސާސީ ކަންކަން އެ ކުންފުނިން ފޯރުކޮށްދޭނެއެވެ. އެގޮތުން ކުޑަގިރީގައި ފާހަނާ ބަރި، ޗޭންޖިން ރޫމް އަދި ނާސިން ރޫމް ގާއިމުކޮށްފައިވާ ކަމަށެވެ. ނާސިން ރޫމް ގާއިމުކޮށްފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތުކުދިންނަށް ގާތުން ދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައެވެ. ކުޑަގިރީގައި ކްލިނިކަކާއި ކޮންވީނިއެންސް ސްޓޯ އަދި ރީޓެއިލް ސްޓޯރުގެ އިތުރުން ކެފޭއަކާއި މިސްކިތެއް ވެސް ހުންނާނެއެވެ.
ކުޑަގިރި، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ކަނޑައަޅާފައިވިޔަސް އެރަށުގައި ކައިވެނީގެ ހަފުލާތަކާއި އުފަންދުވަސް ފާހަގަކުރުމަށް ބާއްވާ ޕާޓީތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓުތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. އަދި ޓޫރިސްޓުންނަށްވެސް އެ ރަށަށް ޒިޔާރަތް ކުރެވޭނެ ގޮތަށް އިންތިޒާމުތައް ވަނީ ހަމަޖައްސައިފައެވެ.
ކުޑަގިރީގައި އާންމުން ބޭނުންކުރުމަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި 12 ރޫމް ކަނޑައަޅާފައިވާ އިރު، އާންމުން ބޭނުންކުރުމަށް 13 ކުޑައަށި އަދި ހަތަރު ބޮޑުއަށި ވަނީ ގާއިމުކޮށްފައެވެ. މީގެ އިތުރުން އެޑްމިން ބިލްޑިން އަކާއި ފްރަންޓް އޮފީހެއްގެ އިތުރުން ސެކިއުރިޓީ ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހަކާއި ސީސީޓީވީ ކެމެރާތައް އެ ރަށުގެ އެކި ސަރަހައްދުތަކުގައި ވަނީ ގާއިމުކޮށްފައެވެ.
- ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ދުވާލަކަށް 500-600 އާ ދެމެދުގެ އަދަދަކަށް ޖާގަ ދޭނެ
- ހަފުތާ ބަންދު ދުވަސްތަކުގައި 1،500 އެއް މީހުންނަށް ޖާގަ ދޭނެ
- އެއްފަހަރާ 1200 އެއްހާ މީހުންނަށް ހިދުމަތް ދެވޭނެ
- ކުޑަގިރިއަށް ދާން ފެރީ ފުރާނީ ހުޅުމާލެއާއި މާލޭގެ ފެރީ ޓާމިނަލުން
- ސަރުކާރު ބަންދު ދުވަސްތަކުގައި ދިވެހިންނަށް ހިލޭ ދެވޭނެ
- އެހެން ދުވަސްތަކުގައި ދަތުރުދާ ނަމަ ފެރީ ދެކޮޅު ޓިކެޓަށް 50ރ އަދި ރަށަށް އަރަން، އެންޓްރެންސް ފީގެ ގޮތުގައި ބޮލަކަށް 50ރ ދައްކަންޖެހޭނެ
- 11 އަހަރުން ދަށުގެ ކުދިންނަށް ދައްކަންޖެހޭނީ އޭގެ ދެބައިކުޅަ އެއްބައި
- ދެ އަހަރުން ދަށުގެ ކުދިންނަށް އެއްވެސް އަގެއް ނުނަގާނެ
ޚަބަރު
ޚަބަރު
ޚަބަރު