ވާހަކަ

ދީވާނާ ހިތް - 31

5

"ދޮންބެގެ މަންކޮ ބޮޑުވީތަ؟ ހީވެސްނުވޭ" ޒަވީ ބުންޏެވެ.

ހިނިތުންވެލާފައި މަންޝާ އިސްޖަހާލިއެވެ.

"މަންމަ ކޯޗެއް ތައްޔާރުކޮށްދޭންވީ. މިވީގޮތުން އަސުރުން ފައިބައިގެން ބަދިގެއަށް ވަންނަން ޖެހުނީތާ" ދިލްޝާދު ބުންޏެވެ.

******

ޑިއުޓީ ގަޑި ނިމުމުގެ ބައިގަޑި އިރު ކުރިން ނަޒާން އޮފީހުން ނުކުމެއްޖެއެވެ. އޭނާ މިސްރާބުޖެހީ މަންޝާގެ އޮފީހާ ދިމާލަށެވެ. މަންޝާގެ މޫނު ނުފެންނަތާ ސައުވީސް ގަޑިއިރު ފާއިތުވެގެން ދިޔުމުން އޭނާ ހުރީ މަންޝާގެ ސޫރަ ދެކިލާހިތުން ކެތްމަދުވެފައެވެ. ގުޅައިގެންވެސް މަންޝާ ވާހަކަނުދެއްކިއެވެ. ނަޒާން މަޑުކޮށްގެން އިނީ މަންޝާގެ އޮފީހުގެ މުވައްޒަފުން ވަދެނުކުމެ ހަދާ ދޮރު ފެންނާނެހެން ތަންކޮޅެއް ދުރުގައެވެ. އިރުކޮޅަކާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ހަތަރެއްޖަހައި ބޮޑުވެއްޖެއެވެ. މަންޝާގެ ހިލަމެއް ނުވެއެވެ. އޮފީހުގައި މަންޝާ އުޅޭތޯ ބަލާނެ ގޮތެއް ނަޒާނަށް ނުވިސްނުނެވެ. ނަވާލަށް ގުޅަން ހިތަށް އެރިއެވެ. އެ ހިޔާލު ދޫކޮށްލާފައި ގުޅީ މަންޝާގެ ނަންބަރަށެވެ. ފޯނު ނުނަގާނެކަން އެނގޭއިރުވެސް އޭނާ މަންޝާގެ ނަންބަރަށް ދެފަހަރު ގުޅިއެވެ. އެންމެފަހުން ފަހެއް ޖަހަން ގާތްވުމުން އޭނާ މާޔޫސްވިއެވެ. އެއްގޮތަކީ މަންޝާ އޮފީހުގައި އިނދެ އޭނާ ބޭރުގައި އިންކަން އެނގޭތީ ނުނިކުންނަން އިނުމެވެ. އަނެއްގޮތަކީ މަންޝާ އޮފީހުގައި ނެތުމެވެ. ޔަގީނެއް ނުވިއެވެ. ގެއަށް ދިޔުމަށް ސައިކަލު އަނބުރާލަން އުޅެނިކޮށް ފަހަތުން ނަވާލްގެ އަޑު އިވުނެވެ. ނަޒާން ބަލައިލި އިރު ސައިކަލުގައި ނަވާލް އައިސް އިނީ ފަހަތު ޖައްސައިފައެވެ. އެހެންކަމަކަށް ސިކުނޑި ބިޒީވެފައި ހުރުމުން ނަވާލް އައިތަން އޭނާއަށް ނުފެނުނީއެވެ.

"މިއަދު މިތަނުގަ ފޯރި މަރާ ދުވަހެއްތަ؟" ނަވާލް އެހިއެވެ.

"އާނ... ދޮންބެ އެބަޖެހެއޭ ނަވާ އުޅޭނޫޅޭ ގޮތް ބަލަން" ހިނިގަނޑެއް ޖަހައިލަމުން ނަޒާން ބުންޏެވެ.

މަގުގެ ތާށިކަމާ ހުރެ ދެބެންނަށް އެއްހަމައެއްގައި ތިބެގެން ސައިކަލް ދުއްވޭގޮތެއް ނުވިއެވެ. އެހެންކަމުން ނަވާލް ދިޔައީ ނަޒާންގެ ފަހަތުންނެވެ. އެއްޗެއް ބުނަން ބޭނުންވުމުން ކުޑަކޮށް ސްޕީޑުގައި ހިފާލާފައި ނަޒާނާ އެއްހަމަޔަކަށް ނަވާލް އަރައެވެ.

"ދެން ބުނެބަލަ. ކީއްކުރަން އެތަނުގަ އިނީ" ނަވާލް ސުވާލުކުރީ ގެއަށް ވަންނަމުންނެވެ.

"ރައްޓެއްސަކު އެހިސާބަށް ވައްޓައިލަން ދިޔައީ" ނަޒާން ބުންޏެވެ. ހަގީގަތް ހާމަކުރަން އޭނާ ބޭނުން ނުވިއެވެ.

*******

މަންޝާއަށްޓަކައި މޭޒުމަތި އެންމެ ފުރިހަމައަށް ދިލްޝާދު ތައްޔާރު ކުރިއެވެ. އިޝާ ނަމާދުކޮށް ނިމިގެން ތައްޔާރުވެގެން އާއިލާ ހުރިހާ މެންބަރުން ތިބީ ބޮޑުކޮޓަރީގައެވެ. މިހާދާއި ޒަވީ އިޝާ ނަމާދުކޮށް އެހެން ދުވަސްދުވަހަށް ވުރެ އަވަހަށް ދެބަފައިން ގެއަށް އައެވެ. މުޅިގޭތެރެ މަންޝާގެ އާއިލާއަށްޓަކައި ތައްޔާރުވެފައި އޮތެވެ. އެއްފަރާތުގައި އިން މަންޝާގެ މޫނަށް ދިލްޝާދު ބަލައިލިއެވެ. މަންޝާގެ މޫނުމަތިން ހިނިތުންވުމެއް ނެތްހެން ދިލްޝާދަށް ހީވިއެވެ. އެހެންނަމަވެސް އޭނާ ހިތްހަމަޖައްސާލިއެވެ. މަންޝާގެ ހާއްސަ މެހްމާނަކީ ނަޒާނޭ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަދި ހަމައެކަނި ދެފަރާތުން ތައާރަފުވާން ބޭނުންވާހެން ދިލްޝާދަށް ހީވިއެވެ. އެމީހަކީ ހަމަ ނަޒާނެވެ. މަންޝާ އޭނީ ހިތްއަވަސްވެފައެވެ. އެއީ ބައެއް އަންހެން ކުދިންނަށް ވާގޮތެވެ. ލަދުގަންނަނީ މާބޮޑަށެވެ. ނަޒާނަކީ މަންޝާއަށް ހާއްސަ މީހެކެވެ. ދެކުދިންގެ މެދުގައި ގުޅުމެއް އެބައޮތެވެ. ނޫންނަމަ އާއިލާ އާ ބައްދަލުކޮށް ރޭގަނޑުގެ ކެއުމަކަށް ނަޒާނާއި އޭނަގެ އާއިލާ ގެއަށް ނުގެންނާނެއެވެ. އެހައި ވަރަށް ހެދިލައިގެން މަންޝާ ނީންނާނެއެވެ.

"މަންޝާ..." ދިލްޝާދު މަންޝާއަށް ގޮވާލިއެވެ. އެވަގުތު ދިލްޝާދަށް ބަލައިލީ ހަމައެކަނި މަންޝާއެއް ނޫނެވެ. ހުރިހާ މީހުން ބަލައިލިއެވެ.

"ދަރިފުޅު ތިއިނީ ހިތްހަމަޖެހިފަތަ؟" ދިލްޝާދު އެހިއެވެ. އެހިނދު މަންޝާ ހިނިތުންވެލިއެވެ. ދެން ބޯޖަހާލިއެވެ.

ކައިރީގައި އިން މިހާދުގެ މޫނަށް ދިލްޝާދު ބަލައިލިއެވެ. ދެމަފިރިންގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. ހިތަށް ލިބިފައިވަނީ ތަފާތު ހިތްހަމަޖެހުމެކެވެ. މަންޝާގެ ހަޔާތުގެ ބައިވެރިޔަކަށް އޭނާ ހަދަން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަން އެދޭ ހުރިހާ ސިފައެއް ނަޒާންގެ ފުށުން އޭނާއަށް ފާހަގަވިއެވެ. އަހުލާގު ރަނގަޅު ޒުވާނެކެވެ. ޒިންމާދާރުވެފައި ތައުލީމީ ޒުވާނެކެވެ. ފިރިހެންވަންތަވެފައި ހިތްހެޔޮ ޒުވާނެކެވެ. މީހުންނާ ގުޅޭ ޒުވާނެކެވެ. މަންޝާ އާއި ނަޒާންގެ ކައިވެނިވުމަށްފަހު ދެ އާއިލާ އިތުރަށް ގުޅިގެންދާނެއެވެ.

"އެ އައީތަ؟" ބެލްގެ އަޑު އިވުމާއެކު ދިލްޝާދު އެހިއެވެ. މަންޝާއަށް ވުރެ ބޮޑުވަރު ދިލްޝާދަށް ވެފައި އިންކަހަލައެވެ. ޝައިހާން އަތުވެއްޖެކަން މަންޝާއަށް އެނގުނީ އޭނާގެ ފޯނަށް ޝައިހާންގެ މެސެޖެއް ލިބުމުންނެވެ. މަންޝާ ދޮރާ ދިމާލަށް ހިނގައިގަތެވެ.

**********

"ގްރޫޕް ސްޓަޑީއޭ. ކުރިން ގޭގެއަކަށް ނުދޭ" ނަވާލް ވާހަކަދެއްކީ އޭނާގެ ސައިކަލު ފަހަތުގައި އިން ނާޔާއާއެވެ.

"މިފަހަރު ދާން ޖެހުނީ. މިއީ ފަހު ފަހަރު. ދެން ދުވަހަކުވެސް ނުދާނަން" ނާޔާ ވާހަކަދެއްކީ ފާޑަކަށެވެ. ނަވާލަށް ހީވީ އޭނާ އެހެން ބުނުމުން ނާޔާއަށް އަސަރުކުރީ ހެންނެވެ. ސައިކަލުގެ ލޯގަނޑުން ނާޔާއަށް ބަލައިލިއިރު އިނީ ފާޑަކަށެވެ.

"ގެއަށް ދަމުން ސަބެއް ކާލައިގެން ދޯ ދާނީ. ދޮންބެއަށްވެސް ހިފައިން ދާނީ" ނަވާލް ބުންޏެވެ.

ގަލޮޅުގައި ހުރި ގެއެއް ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ނާޔާ ބަލައިލިއެވެ. އެއީ ޒަރޫކް ބުނި އެޑްރެސްކަން އޭނާއަށް އެނގުނީ އަލި ނޫކުލައިގެ ދޮރެއްގެ އެއްފަރާތުގައި ހަރުކޮށްފައިވާ ނަންބޯޑު ފެނިފައެވެ. ސައިކަލުން ފައިބާފައި ނާޔާ ނަވާލަށް ބަލައިލިއެވެ.

"މި ސަރަހައްދުގައި ވަރުގަދަ ގުރޫޕެއް އޮންނާނެ. ތިއްތިއަށް ގުޅާފަ ބަލާ އަންނަންދެން އެތެރޭގަ މަޑުކުރާތި އިނގޭ. ދަނީ. ދެން އަވަހަށް ވަދޭ އެތެރެއަށް" ނަވާލް ބުންޏެވެ. ނަވާލް ސައިކަލް ކުރިއަށް ދުއްވާލީ ނާޔާ އެތެރެއަށް ވަނުމުންނެވެ.

ގޭދޮރާށިން އެތެރެއަށް ވަނުމާއެކު އެތެރޭގައި މަޑުކޮށްލައިގެން ހުރި ޒަރޫކް ނާޔާއަށް ފެނިއްޖެއެވެ. އެހެންފަހަރު ފަހަރާ ހިލާފަށް ނާޔާ ޖެހިލުންވިއެވެ. އޭނާ ބޭނުންވާގޮތަށް ކަންތައްތައް ވާނެބާއެވެ. ނާޔާ ހުރީ އެހެންގޮތެއް ރާވައިގެންނެވެ. ޒަރޫކް ހުރީ ނާޔާގެ ހަށިގަނޑަށް ފެންބޮވައިގެންފައެވެ. ޒަރޫކް ބޭރަށް ނުކުތީ ނާޔާ ބަލަހައްޓައިގެން ހުއްޓައެވެ. ފުރަތަމަވެސް ޒަރޫކް އަޅައިގަތީ ނާޔާ ލައިގެން ހުރި ހެދުމެވެ. ކަށިމައްޗާ ހަމައަށް އަރާވަރުގެ ވިލު ނޫކުލައިގެ ދިގު މިޑީއެއްގައި މަތީބަނޑާއި މެއާ ގުޅުނު ހިސާބުގައި ހިމަ ބެލްޓެއް އަޅާފައެވެ. ނާޔާ އެގޮތަށް ހުރުމުން ޒަރޫކަށް ކަމުނުދިޔައެވެ. އެހެންނަމަވެސް އެވަގުތަށް އޭނާ އެކަން ބޮޑު ކަމަކަށް ނަހަދައެވެ.

"ހިނގާ ކޮޓަރިއަށް" ޒަރޫކް ހިފީ ނާޔާގެ އަތްތިލައިގައެވެ.

ކޮޓަރިއާ ހަމައަށް ދިޔަތަނާ އެހެން ކޮޓަރިއަކުން ނުކުތް އުމުރުން ދުވަސްވީ އަންހެނެއް ފެނި ނާޔާ ހުއްޓުނެވެ. އޭނާ ހީކުރީ އެގޭތެރެއިން އިތުރު މީހަކު ނުފެންނާނެ ކަމަށެވެ. މީހުން އުޅޭ ގެޔަކަށް ޒަރޫކް އޭނާ ގޮވައިގެން އައުމުން ހިތްހަމަނުޖެހުނެވެ.

"އަޅާނުލާ އެއީ އަހަރެންގެ ފްރެންޑްގެ މާމަ. އެދިޔައީނު. އާދޭ"

ޒަރޫކް ނާޔާ ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. ކޮޓަރި ތަޅުލުމަށްފަހު ނާޔާގެ ގައިގައި ބައްދާލިއެވެ. ނާޔާވެސް ހަމަ އެފަދައިން ޒަރޫކްގެ ގައިގައި ދެއަތުން ވަށާލިއެވެ.

"ދެން ކެތެއްނުވާނެ..." ނާޔާގެ އަތުގައި ހިފައިގެން ޒަރޫކް އެނދާ ދިމާލަށް ހިނގައިގަތެވެ.

"ކަމޯން ނާޔާ... ޔޫ ކޭން ޑޫ އިޓް..." ނާޔާއަށް އޭނާގެ ޒަމީރުގެ އަޑު އިވުނު ކަހަލައެވެ. އެނދުގައި އެނާ އޮށޯންނަން ބޭނުން ނުވިއެވެ. ތިރިއަށް ދެފައި ބާލައިގެން އިށީނދެފައި ހެދުން ރީތިކޮށްލިއެވެ.

"މިއީ ގޯހެއް. ހިނގާ އަހަރެމެން މެރީކުރަމާ" ނާޔާ ބުންޏެވެ. ޒަރޫކަށް ހީވީ އޭނާގެ ބޮލުގައި ދަނޑިބުރިއަކުން ޖެހި ހެންނެވެ. އޭނާއަށް އެހާވަރުވެފައި ހުއްޓައި ނާޔާ އެގޮތަށް ކަންތައް ކުރުމުން ހިތްހަމަނުޖެހުނެވެ.

"ނާޔާ... އަހަރެން ބުނީމެއްނު މެރީކުރާނަމޭ. އެކަމަކު އަދިނުވޭ" ހިތްހަމަނުޖެހިފައި ހުރިވަރުން ޒަރޫކަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ނާޔާ ދެރަވާގޮތް ވިއެވެ. އެހެންނަމަވެސް އޭނާ ޒަރޫކަށް ދޫކުރަން ބޭނުމެއް ނުވިއެވެ.

"މެރީނުކޮށް ގޮތްގޮތަށް އުޅޭކަށް ދެން ބޭނުމެއް ނޫން. ސޮރީ. ޒަރޫކް އަހަރެންދެކެ ލޯތްބެއް ނުވޭ ދޯ. ލޯބިވާނަމަ ތިގޮތަށް އަހަރެންގެ ހަށިގަނޑުން އުފާތަކެއް ހޯދަން ނޫޅުނީސް. މިރޭވެސް އެންމެ ފުރަތަމަވެސް ޒަރޫކް ތިއުޅުނީ ކަރުހިއްކުން ފިލުވާލަން. ތިއީ ތަ ލޯބިވާ މީހުން އުޅޭގޮތަކީ.. އަހަރެންދެކެ ޒަރޫކް ލޯބިވަންޏާ މެރީކުރެވެންދެން މަޑުކުރޭ. މިހާތަނަށް އަހަރެމެން ދެމީހުން މެދުގައި ހިނގާފަ ހުރި ކަންތައްތައް އަހަރެންނަށް ބަދަލެއް ނުކުރެވޭނެ. އެކަމަކު އެކަންކަން ރިޕީޓް ނުކުރަން އަހަރެން ނިންމައިފިން" ނާޔާ ވާހަކަދެއްކިއެވެ.

ޒަރޫކް ދަތްކުނޑި ވިކައިގަތެވެ. އޭނާގެ އަތްދަށުން ނާޔާއަށް ސަލާމަތް ނުވެވޭވަރު ކުރަން އަމިއްލަ ޒަމީރު ގޮވާލިއެވެ. ނާޔާ އެކަނި ބާއްވައިގެން ތިން ހަތަރު ފިރިހެނުން ވަދެގެން ބާބަކިޔު ހަދަން ހިތަށް އެރިއެވެ. އެވަރު ނުވިސްނޭ ޅަ ގަމާރެކެވެ. ނާޔާގެ މޫނަށް ޒަރޫކް ބަލައިލީ މަލާމާތުގެ ބެލުމަކުންނެވެ. އިރުއަރަންދެން ނާޔާ ބައިދަން ޖެހުނަސް އޭނާގެ ކަރުހިއްކުން ނުފިލަނީސް ނާޔާ ދޫކޮށް ނުލާނެއެވެ. ދަލުތެރެއަށް ކުޑަކުޑަ މީދާ ވަނީ އަމިއްލައަށެވެ.

"މެރީނުކޮށް މިހެން އުޅެއުޅެފަ އަހަރެމެން ދެ މީހުން މެރީކުރާ ފުރަތަމަ ރޭގަ ކިހާ ފޫހިވާނެ" ނާޔާ ބުންޏެވެ. ޒަރޫކް ކެތްކޮށްގެން ތެދުވެ ނާޔާގެ ކައިރީގައި އެނދުގައި އިށީނެވެ. އެއްޗެއް ނުބުނެ ޒަރޫކް އިންގޮތުން ނާޔާއަށް ހީވީ ޒަރޫކް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި އިންހެންނެވެ.

"ސޮރީ. އަހަރެން ޒަރޫކްދެކެ ވަރަށް ލޯބިވޭ" ނާޔާ ބުންޏެވެ. ޒަރޫކްގެ އަތުގައި ނާޔާ ހިފާލިއެވެ.

"އަހަރެމެންގެ ވާހަކަ ނާޔާ މީހަކު ކައިރީގައި ކިއީ ދޯ. މިހާރު އަހަރެންނަށް ވިސްނިއްޖެ. ކީއްކުރަން އެކަހަލަ ވާހަކަދައްކަނީ. އެއީ އަހަރެމެން ދެ މީހުންގެ މެދުގައި އޮތް ސިއްރެއްނު. އެހެންނޫންނަމަ އަހަރެންގެ ނާޔާ ތިކަހަލަ ވާހަކައެއް ނުދައްކާނެ. އަހަރެންގެ ނާޔާ އަހަރެންނަށް ވަރަށް އިތުބާރުކުރާނެ. އަހަރެންގެ ނާޔާ އަހަރެންނަށް އެއްވެސް އެއްޗެއް ދޭން ފަސްނުޖެހޭނެ. އަދި އަހަރެންވެސް މިހުރީ އަހަރެންގެ ނާޔާއަށް ކޮންމެ އެއްޗެއް ދޭންވެސް ތައްޔާރަށް"

ޒަރޫކްގެ ވާހަކައިން ނާޔާ ދެރަވިއެވެ. ޒަރޫކްގެ ކޮޅަށް އޭނާގެ ވިސްނުން ދަތުރުކުރިއެވެ.

"ޒަރޫކް ތިވިސްނަނީ މުޅިން ނުބައިކޮށް. މިއީ އަހަރެންގެ މުޅި އަބުރާއި އިއްޒަތާ ގުޅިފައިވާ ކަމެއް"

********

މަންޝާ އާ އެކުގައި ވަދެގެން އައި ޒުވާނާ ފެނިފައި ދިލްޝާދުގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. އެ ހައިރާންކަމުގައި އޭނާއަށް ނަޒަރެއް ދެވުނީ މިހާދަށެވެ. މިހާދުވެސް ހުރީ ހައިރާންވެފައެވެ. ޝައިހާނަށް ދިލްޝާދު ބަލައިލީ ފުން ނަޒަރަކުންނެވެ. ޝައިހާން ކޮންމެސް ތަނަކުން ފެނުނު ހަނދާނެއްވިއެވެ. އޭނާ ހަނދާންވެއްޖެއެވެ. އެއީ އެއްރެއަކު މަންޝާ ހޯދަން ގެއަށް އައި ޒުވާނާއެވެ. މަންޝާގެ ލޯބިވެރިޔާއަކީ މިއީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ނަޒާން.... އަހަރެމެންނަށް ކުރެވުނީ ކުށްހީއެއް ހެއްޔެވެ؟ ދިލްޝާދަށް ނުވިސްނުނެވެ. ހިތުގައި ސުވާލު މައްޗަށް އުފެދުނީ ސުވާލެވެ.

"މިއީ މަންމަ......" ވަކި ވަކީން ކޮންމެ މީހަކު ޝައިހާނަށް މަންޝާ ކިޔައިދިނެވެ.

"މިއީ ޝައިހާން މަންމާ. މިއީ އަޅުގަނޑު މިރޭގެ ކެއުމަށް ދައުވަތު ދިން މީހަކީ" މަންޝާ ބުންޏެވެ.

މިހާދު ކުރިއަށްޖެހުނެވެ. ޝައިހާނާ އިސްވެ ސަލާން ކުރިއެވެ. ހާލުއަހުވާލު އޮޅުންފިލުވިއެވެ. ޒަވީވެސް ޝައިހާނާ އެކުވެރިކަމާއެކު ވާހަކަދެއްކިއެވެ.

"ހިނގާ ކާން ދާން" ދިލްޝާދު ބުންޏެވެ.

މަންޝާގެ އާއިލާ އާ ފުރަތަމަ ފަހަރަށް ބައްދަލުވުމުން ޝައިހާން ހުރީ ފާޑަކަށް ރަކިވެފައެވެ. މީހަކު ދެއްކި ވާހަކައަކަށް ނޫން ގޮތަކަށް އޭނާއަށް ވާހަކަދައްކަން ނުކެރުނެވެ.

"ކީއްވެ މަންމަ ނުލާ ތިއައީ. އަހަރެން ބުނީމެއްނު މަންމަ ގޮވައިގެން އަންނައްޗޭ" ކައި ނިމިގެން ބޮޑުކޮޓަރި އާ ދިމާލަށް ދަމުން މަންޝާ ބުންޏެވެ. އެއަށް ޝައިހާން ޖަވާބެއް ނުދެއެވެ.

"މަންމާ" މަންޝާ ދިލްޝާދަށް ގޮވާލީ އަނެއްކާވެސް ހުރިހާ މީހުން އެއްތަނަކަށް ޖަމާވިފަހުންނެވެ.

"އަޅުގަނޑު މެރީކުރަން ބޭނުން. އަޅުގަނޑު މެރީކުރަން ބޭނުންވަނީ ޝައިހާނާ. ޝައިހާނަކީ އަޅުގަނޑާއެކު އެއް އޮފީހެއްގައި މަސައްކަތް ކުރާ ކުއްޖެއް" މަންޝާ ވާހަކަދެއްކިއެވެ.

މަންޝާގެ އެ ޖުމްލައިން ދިލްޝާދު މިފަހަރު ހައިރާނެއް ނުވިއެވެ. މަގުސަދެއް ނެތި މަންޝާއަކީ އެއްވެސް އިރެއްގައި ފިރިހެންކުދިންނާ ގުޅުން އުފައްދާ ކުއްޖެއް ނޫނެވެ. މަންޝާގެ ނިންމުމަށް ދިލްޝާދާއި މިހާދު އިހުތިރާމް ކުރިއެވެ. އެފަދަ މާތް ގުޅުމަކަށް އަންހެން ދަރިފުޅު އެދުމުން ދެކޮޅު ހަދަން ދެމަފިރިން ބޭނުމެއް ނުވިއެވެ. ބަލާބެލުމަށް ޝައިހާނަކީ ރަނގަޅު މީހެއްހެން ހީވެއެވެ. އިސްކޮޅުން ދިގުވެފައި ހިމަތޮޅިއެވެ. ދިލްޝާދަށް ކަމުނުދިޔައީ ޝައިހާންގެ އިސްތަށިގަނޑު ދިގުކޮށްފައި ހުރުމުންނެވެ.

"ކޮބާ ޝައިހާންގެ އާއިލާ. ދެފަރާތުގެ އާއިލާ ބައްދަލުކޮށް ވާހަކަދައްކައިގެނެއްނު ކައިވެންޏާ ގުޅޭ ކަންކަން ނިންމޭނީ" މިހާދު ބުންޏެވެ.

"އަހަރެންގެ ހުރީ މަންމަ އެކަނި. ބައްޕަ މަރުވެއްޖެ. ރަށުގަ ހުރޭ ދައްތައެއް. މަންމަވެއްޖެ ދައްތަ ކައިރިއަށް ރަށަށް ގޮސް. އަންނާނެ ދުވަހެއް އެހެން ބުނާކަށް ނޭނގެ. މަންޝާ މަންމަ އާ ބައްދަލުކޮށްފި. އެކަމަކު ބަލާނަން މެރީކުރާ ދުވަހަށް މަންމަ ގެނެވޭތޯ" ޝައިހާން ވާހަކަދެއްކިއެވެ.

*******

މާގަނޑު ދޮށުގައި ފެންވަރަން ހުރި ނާޔާއަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެހެންވާނެކަން ޒަރޫކް ނާޔާއަށް ބުނެދިނެވެ. ނާޔާގެ މޫނުމައްޗަށް ވެރިވީ ލަދުވެތިކަމުގެ އަސަރުތަކެކެވެ. ގެއަށް އަނބުރާ އައި އިރު އޭނާގެ މުޅި ދިރިއުޅުން ވަނީ ބަދަލުވެފައެވެ. ތިއާ ދެއްކި އެއްވެސް ވާހަކައެއް އޭނާގެ ސިކުނޑީގައި ނެތެވެ. އޭނާގެ ހަފަރާތުން ވަށާލާފައިވަނީ ޒަރޫކްގެ ހަނދާންތަކެވެ. އަދިވެސް އިހުސާސްވަނީ ޒަރޫކްގެ ބީހުންތަކެވެ. ޒަރޫކް ނާޔާގެ ހިތް މޮޔަކޮށްފިއެވެ. ޒަރޫކް ބުނީ ތެދެކެވެ. އެ ގުޅުމަކީ ދެލޯބިވެރިން އިތުރަށް ގާތްކޮށްދޭ ގުޅުމެކެވެ. މޫނަށް ފައިބަމުންދިޔަ ފެންތަކާއެކު ޒަރޫކްގެ ކުރިމަތީގައި އޭނާގެ ވިސްނުން ބަދަލުވެގެން ދިޔަގޮތް ސިފަވަމުން ދިޔައެވެ.

"އަބުރާއި އިއްޒަތަކީ ހަމައެކަނި އަންހެންކުދިންގެ އޮންނަ އެއްޗެއް ނޫން. އެހެންނޫނަސް ނާޔާ އަހަރެންދެކެ ހަގީގީ ލޯތްބެއްނުވޭ" ޒަރޫކް ބުންޏެވެ.

"ތިހެން ނުބުނޭ ޒަރޫކް. އަހަރެން ވަރަށް ލޯބިވޭ"

"ލޯބީގެ މާނައަކީ ކޮބައިމެއް އަދި ނާޔާއަކަށް ނޭނގޭ. ލޯތްބަކީ ދެމީހަކު އެއްތަނެއްގަ ތިބެގެން ދައްކާ ވާހަކައެއް ނޫން. ލޯބީގައި ހަގީގީ ކުލަޖެހޭނީ ދެމީހުންގެ މެދުގައި ގުޅުންތަކެއްވެސް ހިނގައިގެން. އޭރުން އެ ލޯބި މޫލައި ވަރުގަދަވާނީ. ދެމީހެއްގެ މެދުގައި ދެކެވޭ ވާހަތަކަކީ އެއްވެސް އެއްޗެއް ނޫން. އެކަމަކު ގުޅުމެއް ހިނގައިފިނަމަ އެކަން ތާއަބަދަށް ހަނދާން ހުންނާނެ. ނާޔާ އަހަރެންދެކެ ލޯބިވާނަމަ މިރޭ ތިގޮތަށް އަހަރެން ދުރުކޮށްނުލީސް. ލޯބީގެ އުފަލާއި އަރާމު އިހުސާސް ކުރަން ޖެހޭނީ ހަމައެކަނި މެރީކޮށްގެނެއް ނޫން. ނާޔާ އަހާބަލަ ނިކަން އެކުވެރިން ކައިރީގަވެސް. އަހަރެން ބޭނުމެއް ނޫން އަހަރެންނަށް ވުރެ ކުރީން ނާޔާގެ..." ޒަރޫކް ހުއްޓާލިއެވެ.

"އައި ޕްރޮމިސް ނާޔާ. އަހަރެން ލަވް ދޫކޮށްފައެއް ނުދާނަން. ޓްރަސްޓް މީ ބޭބީ ގާލް"

އުނގުތެރޭގައި އޮތް ނާޔާގެ އިނގިލިތަކާއި ޒަރޫކްގެ އިނގިލިތައް މަހާލިއެވެ. އޭނާގެ ދެލޮލަށް ބަލަހައްޓައިގެން ނާޔާ އިނެވެ. އެކަން ވީ ޒަރޫކަށް ލިބުނު ހިތްވަރަކަށެވެ. އޭނާގެ ވާހަތަކުން ނާޔާގެ ސިކުނޑި އާ ކުޅެވުނުކަން ޔަގީންވީ ބާލީސް މަތީގައި ނާޔާ ބޯއެޅުމުންނެވެ. ޒަރޫކްގެ ބީހުންތައް ހުއްޓުވަން ނާޔާ މަސައްކަތެއް ނުކުރެއެވެ. ވަކި ހިސާބަކުން ހުދު ނާޔާއަށް ވެސް އޭނާއަށް އޮވެވުނީ ކޮން ދުނިޔެއެއްގައި ކަމެއް ނޭނގެއެވެ.

******

"ހަމަ ތެދެއް. ރަންކިއީތަ؟" މާޝިތާ ބުންޏެވެ. އުނދުން ކައިރީގައި ހުރި ތިއާ ހުރީ ދިލްޝާދަށް ވީޑިޔޯ ކޯލް ކޮށްގެންނެވެ.

"ދަރިފުޅުމެންނަށް އަނެއްކާ ޕާޓީއެއް ލިބެން އުޅެނީ. މަންޝާ މިރޭ ރަންކިޔައިފިއެއްނު" ފެންފުޅި އަރިކޮށްގެން ފެންބޯން ހުރި ނަޒާނަށް އެވީގޮތެއް ނޭނގުނެވެ. ފެންތައް މޫނުމައްޗަށް ފައިބައިގެން ދިޔަކަން އެނގުނެވެ. މާޝިތާ އެއް އަތުގައި ހިފެހެއްޓިކަންވެސް އޭނާގެ ހަނދާނުގައި ހުއްޓެވެ. ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަން ފެށިއިރު އޭނާ އިނީ ކާމޭޒު ކައިރިން ގޮނޑިއެއްގައެވެ. ނަޒަރު ސީދާކޮށްލެވުނީ ކުރިމަތީގައި ހުރި ތިއާއަށެވެ. ނަޒާން ތިއާ އަށް ދިން ނަޒަރު ތިއާ މާނަ ކުރިއެވެ. މާޝިތާ ބުނި ޖުމްލައަކީ ތެދެއްތޯ އަހަން ނަޒާން ބޭނުންވީ ތިއާގެ ކައިރިންނެވެ. ތަފާތު ބެލުމަކުން ތިއާއަށް ބަލަމުން ދިޔައީ އެހެންވެއެވެ. އެއީ ތެދެކޭ ބުނާ ކަހަލަ ގޮތަކަށް ތިއާ ބޯޖަހާލިއެވެ. އެހިނދު ނަޒާނަށް ހީވީ އޭނާގެ ހިތުގައި ކޮށި ވަޅިއަކުން ޅިޔަ އަޅުވާލިހެންނެވެ. މޭޒުގައި ނަޒާން ބޯއެޅިއެވެ. ވާނުވާ ނޭނގި ނަޒާނަށް އެއްފަހަރު އަނެއްފަހަރު ތިއާއަށް މާޝިތާ ބަލައިލިއެވެ.

(ނުނިމޭ)