ރިޔާސީ އިންތިހާބުގައި ވާދަކޮށް، ސަރުކާރަށް އަންނަންވީމާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ވަރެއް ނޯންނަ ކަމަށާއި ނަމަވެސް ވައުދުތައް ފުއްދުމުން ކޯލިޝަން ޕާޓްނަރުގެ ގޮތުގައި ޖޭޕީގެ ނަން ފާހަގަނުވާ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖޭޕީން ވަނީ 2008 ވަނަ އަހަރުން ފެށިގެން ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަނަކާއެކު މަސައްކަތްކޮށް، އިންތިހާބު ކާމިޔާބުކުރުމުގައި އިސްދައުރެއް އަދާކޮށްފައެވެ. ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރު ނިމުމަކަށް އައުމުގެ ކުރިން ޖޭޕީން ޖެހެނީ ވަކި ހިސާބަކުން ވަކިވާށެވެ. ކޯލިޝަން ވަކިނުވެ، ހިފެހެއްޓިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ.
ދަރުބާރުގޭގައި ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ޖަލްސާގައި ގާސިމް ވަނީ އެކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އެ ޖަލްސާގައި ރައީސް ނަޝީދާއި ޕާޓީތަކުގެ އިސްވެރިން އަދި ބައެއް މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގާސިމް ވިދާޅުވީ ހިތާމައަކީ ގިނަ ފަހަރު ސަރުކާރު އެކުލަވާލުމަށްފަހު، ސަރުކާރުން ހާސިލުކުރާ ރަނގަޅު ކަންކަން ޖޭޕީއަށް ނިސްބަތްކުރުމަށް ބައެއް ފަރާތްތަކުން ޖެހިލުންވުން ކަމަށާއި ސަރުކާރުން ނެރެވޭ ހެޔޮ ނަތީޖާގައި ޖޭޕީގެ ނަން ފާހަގަ ނުވާ ކަމަށެވެ.
"ސަރުކާރުން ވައުދު ފުއްދަމުންދާ އިރަކު، ކޯލިޝަން ޕާޓްނަރުގެ ރޯލެއް އޮންނަ ކަމަކަށް އެބޭފުޅުން ނުދެކޭ. އެކަމަކު ސަރުކާރު އެކުލަވާލަންވީމާ، ޖޭޕީ ވަރެއް ނޯންނަ ކަމަށް ބައެއް ބޭފުޅުން ދެކޭ. އަޅުގަނޑުމެންގެ ފަރާތުން ވަޒީރުން ވެސް ކެބިނެޓުގައި ތިއްބަވާ، ކުންފުނިތަކުގައި ވެސް ނުހަނު ބުރަކޮށް މަސައްކަތްކުރާ ބޭފުޅުން ވެސް ތިއްބަވާ. ނަމަވެސް ނެރެވޭ ހެޔޮ ނަތީޖާގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮންނަ ކަމަކަށް ނުވޭ، ދޭ އެހީތެރިކަމެއް ވެސް އޮންނަ ކަމަކަށް ނުވޭ،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އެފަދަ ހަގީގަތްތަކަކީ ޖޭޕީއަށް އާ ތަޖުރިބާތަކެއް ނޫން ކަމަށާއި 2008 އިން ފެށިގެން އެ ތަޖުރިބާތައް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ އުންމީދުތައް ކަށަވަރުކޮށްދިނުމަށްޓަކައި އަބަދުވެސް ޖޭޕީން ހަދާ ކޯލިޝަނެއްގެ ބައިވެރިންނާއެކު އެއްބަސްވެވެނީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައްޔާއި، ތަންފީޒުކުރުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އެ ޕާޓީގެ ބައިވެރިވުން ބޭއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީން ވާ ވައުދުތައް ފުއްދުމަށް އަޅުގަނޑުމެން ބައިވެރިކުރުމަށް. މަޖިލީހުގެ ގޮނޑިތަކާއި ސަރުކާރުގެ މަގާމުތައް ބެހި، އަދި ލޯކަލް ކައުންސިލުގެ ގޮނޑިތަކަށް ކުރިމަތިލާ އިރު، ގުޅިގެން ވާދަކޮށް ޖުމްހޫރީ ޕާޓީގެ ބައިވެރިވުން ދިނުމަށް އެދެވެނީ ހަގީގަތުގައި ވެސް މި ދެންނެވި ބޭނުމުގައި. ނަމަވެސް ކަން ވެގެންދަނީ މިހެން ނޫންކަން ތިޔަ އިއްޒަތްތެރި މެންބަރުންނަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ،" އޭނާ ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެކަންކަމާ ގުޅިގެން ޕާޓީގެ މެންބަރުންގެ ގިނަ ޝަކުވާތައް އަންނަ ކަމަށާއި އެހެންނަމަވެސް ކެތްތެރިކަމާއި މަޑުމައިތިރިކަމާއެކު ތިބެނީ ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންތައްތަކުގެ ތެރެއިން ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް، ފުރިހަމަވަމުން ދިއުމަކީ ޖުމުލަކޮށް ރާއްޖޭގެ ގިނަ ބަޔަކަށް އޭގެ މަންފާކުރާނެ ކަންކަމަށް ވާތީ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު