ވޯލްޑްކަޕް ބޭއްވުމަށްޓަކައި ގަތަރުން ތައްޔާރުކުރި ޒަމާނީ ސްޓޭޑިއަމެއްކަމަށްވާ ސްޓޭޑިއަމް 974 އަސްލަކަށް ބަލައިގެން ޒިމްބާބުވޭގައި ޝިޕިން ކޮންޓޭނަރު ބޭނުންކޮށްގެން ބިޔަ ޝޮޕިން ސެންޓަރެއް ބިނާކުރަން ފަށައިފިއެވެ.
ޒިމްމާބުވޭގެ މެދުތެރޭގެ ސަހަރެެއްކަމުގައިވާ ގުވޭރޫގައި މި ޝޮޕިން ސެންޓަރު ބިނާކުރަނީ ގާތްގަޑަކަށް 60 ކޮންޓޭނަރު ބޭނުންކޮށްގެންނެވެ. މި މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން ބުނެފައިވަނީ އައު ޝޮޕިން ސެންޓަރުގެ މަސައްކަތް ގާތްގަޑަކަަށް މުޅިން ނިމިފައިވާ ކަމަށާއި ލަސްތަކެއްނުވެ ބޭނުންކުރަންވެސް ފެށޭނެ ކަމުގައެވެ.
ކޮންޓޭނަރު ބޭނުންކޮށްގެން އެކި ތަންތަން ހެދުމަކީ ކުރީގައިވެސް ކުރާ ކަމެކެވެ. މިކަން އައު އުސްމިނަކަށް ގެންދިޔައީ ގަތަރުންނެވެ. ވޯލްޑްކަޕް ބޭއްވުމަށްޓަކައި ގަތަރުން ތައްޔާރުކުރި އައު ސްޓޭޑިއަމްތަކުގެ ތެރެއިން އެއް ސްޓޭޑިއަމް ތައްޔާރުކުރީ މުޅިންވެސް ޝިޕިން ކޮންޓޭނަރު ބޭނުންކޮށްގެންނެވެ. ޖުމްލަ 974 ކޮންޓޭނަރު ބޭނުންކުރިއެވެ. ސްޓޭޑިއަމްގެ ނަމުގައި އެ ނަމްބަރު ބޭނުންކޮށްފައިވަނީ އެހެންވެގެންނެވެ.
ބެންޓަކް ރިސޯސަސްއޭ ކިޔުނު ކުންފުންޏަކުން ގުވޭރޯގައި މި ޝޮޕިން ސެންޓަރު ހަދަނީ ކުދިކުދި ވިޔަފާރި ހިންގާ ފަރާތްތަކަށް ޝޮޕިން މޯލަކުން ވީހާވެސް ކުޑަ އަގެއްގައި ވީހާވެސް ގިނަ ޖާގަ ހޯދައިދިނުމުގެ ވިސްނުމެއްގައެވެ. ކޮންމެ ކޮންޓޭނަރަކީ މި ސެންޓަރު ފަރުމާކުރެވިފައިވާގޮތުން ފިހާރައެކެވެ. ބެންޓަކްގެ ފަރާތުން ބުނެފައިވަނީ ކުދިކުދި ވިޔަފާރިތަކުން މިތަނަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށްފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި މިފަދަ އިތުރު ތަންތަން ހެދުމަށްވެސް ވިސްނަމުންދާ ކަމުގައެވެ.