ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކަސްޓަމަރުންގެ ކާޑުގެ ނުވަތަ ކަސްޓަމަރެއްގެ އެއްވެސް އެހެން މައުލޫމާތެއް އާންމުވެފައި ނުވާ ކަމަށާއި ކަސްޓަމަރުން ނުކުރާ މުއާމަލާތްތައް ހިންގާފައިވާ ކާޑުތައް ބްލޮކްކޮށްފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ބީއެމްއެލްގެ ކާޑުތަކުގެ މައުލޫމާތު ލީކުވެފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުން ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ބައެއް ފަހަރު ސްކޭމް ހިންގާ ފަރާތްތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާޗަންޓުންނާއި އީކޮމާސް މާޗަންޓުންގެ ޕޭމަންޓް ސިސްޓަމަށް ވަދެ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތުތައް ވަގަށް ނަގާ ކަމަށާއި މިފަދަ ގޮތަށް ކާޑުގެ މައުލޫމާތު އާންމުވާ ހާލަތްތަކުގައި މުޅި ދުނިޔެއަށް ބަލާއިރު އެތައް މިލިއަން ކަސްޓަމަރުންނަށް އެކަމުގެ އަސަރުކުރާ ކަމަށެވެ.
ބީއެމްއެލުން ބުނީ، ކާޑުގެ ރައްކާތެރިކަން ކަށަވަރުކޮށް ކާޑުގެ މައުލޫމާތު ހާމަވެދާނެ ފަދަ އަމަލެއް ހިނގަމުންދޭތޯ އަބަދުވެސް އެ ބޭންކުން ބަލައި މޮނިޓާކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން ކާޑުތަކުގެ މައުލޫމާތު ހާމަވެ، ކާޑުތަކުން މުއާމަލާތްތަކެއް ހިނގާފައިވާ ގޮތަށް ބަލާއިރު ބައެއް ކަސްޓަމަރުންގެ ކާޑުތަކުން ވަނީ މުއާމަލާތްތަކެއް ހިންގައިފައެވެ. ބޭންކުން މިވަނީ މި ކާޑުތައް ބްލޮކްކޮށްފައެވެ..،" ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލުން ބުނީ ކާޑު ހެއްދުމަށް އެއްވެސް ފީއަކާ ނުލައި، އައު ކާޑު ހެދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ބީއެމްއެލުން އިތުރަށް ބުނީ، މާޗަންޓެއްގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބި، އަދި މާލީގޮތުން އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށެވެ. އަދި ޑިސްޕިއުޓް މަރުހަލާ ނިމުމާއެކު ކަސްޓަމަރުންނަށް ރީފަންޑް ލިބޭނެ ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު