ގިނަ އަދަދެއްގެ ފަނޑިޔާރުން ހިމެނޭ، ފަނޑިޔާރުންގެ މެދުގައި ހިންގާ ވައިބަރ ގްރޫޕަކަށް ފޮނުވި މެސެޖަކާ ގުޅިގެން ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ނައީމަށް ނަސޭހަތް ދޭން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖުޑީޝަލްސާވިސް ކޮމިޝަން (ޖޭއެސްސީ) މިއަދު ބުނީ، އެ ގްރޫޕަށް އެ މެސެޖުތައް ފޮނުއްވީ، ގާޒީ ނައީމް ކަމަށް އޭނާ އެއްބަސް ވެފައިވާ ކަމަށާއި، އެ މެސެޖުތަކުގެ ބަސްމަގު ހުރިގޮތުން، ވެރީންނަށް ކުރަން ޖެހޭ އަދަބު އިހުތިރާމު ކަނޑުވައިލެވި ގަދަރު ކުޑަކުރެވިފައިވާ ކަމަށެވެ.

ގާޒީ ނައީމުގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށްވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ޑްރަގް ކޯޓުގެ ގާޒީ ނައީމަށް ނަސޭހަތްދިނުމަށް ފެންނަކަމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ބުނެފައިވެއެވެ.