މަގާމަށް ކުފޫ ހަމަނުވާތީ، ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން މާރިޔާ އަހުމަދު ދީދީ ވަކި ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްގެ މެންބަރު، ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިންޑިއާއިން ޑީޕޯޓު ކޮށްލި، އިދިކޮޅު ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބުދުއްސަމަދު (ސަމަދުބެ) އަށް ނިސްބަން ކުރައްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން މައާފަށް އެދުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމު ވިދާޅުވީ، މާރިޔާ އަކީ ޑިފެންސް މިނިސްޓަރުކަމަށް ކުފޫ ހަމަވާ ބޭފުޅެއްނުން ކަމަށެވެ.
"ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ނުރައްކާތެރި ކަންތައްތައް ރާއްޖޭގައި ހިނގަމުންދާއިރު އެ ކަންކަމަށް ޖޯކު ޖަހައި، ހަޖޫ ޖައްސަވައި މިއަދުގެ ޑިފެންސް މިނިސްޓަރު އެ އުޅުއްވަނީ އެހެންނަމަވެސް، އަޅުގަނޑުމެން މި ތިބެނީ ކުރާނެ ކަމެއް ނޭނގިފައި، މި ތަނުގައި މި ގައުމު ސަލާމަތްކުރަން ބޭނުން ކަމަށް ވަންޏާ، ސަރުކާރުގެ ވަޒީރުން ޒިންމާދާރު ކުރުވަން ބޭނުން ކަމަށް ވަންޏާ، އަޅުގަނޑުމެން އެބަޖެހޭ ޒިންމާދާރު ކުރުމުގެ ހަގީގީ މަސައްކަތްތަކެއް މަޖިލީހުގައި ކުރަން،" ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ ސަމަދުބެ އަކީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވައި، ޝަރަފްވެރިކަމާ އެކު ރިޓަޔާ ރައްވާފައިވާ ބޭފުޅެއް ކަމަށާއި، އެފަދަ ބޭފުޅުންނަށް ބޭނުންފުޅު ބަސްމަގެއް ބޭނުން ކުރައްވައިގެން، ދަށުދަރަޖައިގެ ބަސްމަގުން އެ އާއިލާތަކަށް ނިސްބަތްކޮށް ހަޑި ހުތުރު ވާހަކަތައް ދެއްކުމުން މިނިސްޓަރު މާރިޔާއަށް، އެ މަގާމުގައި ހުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން ޑިފެންސް މިނިސްޓަރުކަމުގެ މަގާމުން މާރިޔާ ދުރު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު