ޖުމްހޫރި ޕާޓީ (ޖޭޕީ)ގެ ކުރިއަށް އޮތް ހަތަރު ވަނަ ގައުމީ ކޮންފަރެންސްގައި ބާއްވާ އިންތިހާބުގައި، އެޕާޓީގެ ލީޑަރުގެ މަގާމަށް މާމިގިލީ ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމް އަދި ނައިބު ލީޑަރުކަމުގެ މަގާމަށް ގާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޑް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ.

ޖުމްހޫރީ ޕާޓީ އުފެއްދީއްސުރެ އެޕާޓީގެ ލީޑަރުގެ މަގާމުގައި ހުންނަވަނީ ގާސިމް އިބްރާހިމެވެ.

ޖޭޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހު މިއަދު ވިދާޅުވީ، އެޕާޓީގެ ނައިބު ލީޑަރުގެ މަގާމަށް ފަސް ބޭފުޅުން ގައުމީ ކޮންފަރެސްއިން އިންތިހާބު ކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެ މަގާމުތަކަށް ނަހުލާގެ އިތުރުންވެސް ގިނަ ބަޔަކު ކުރިމަތިލައްވާފައިވާ ކަމަށްވެސް އަލީ ސޯލިހު ވިދާޅުވިއެވެ.

މިމަހު 13 ގައި ބޭއްވި އެ ޕާޓީގެ 149 ވަނަ ކައުންސިލް ބައްދަލުވުމުގައި، ޕާޓީގެ ލީޑަރުގެ މަގާމު އުވައިލުމަަށް މަޝްވަރާކުރިއެވެ. ނަމަވެސް ލީޑަރުގެ މަގާމު އުވައިލުމަށް ފާހެއް ނުވިއެވެ. ކައުންސިލުން ނިންމަން މަސައްކަތް ކުރީ، ޕާޓީގެ އަސާސީ ގަވާއިދު ބަދަލު ކުރުމަށް ގައުމީ ކޮންގްރެސްއަށް ހުށަހަޅާ އިސްލާހުގެ ގޮތުގައި ޖޭޕީގެ ލީޑަރުގެ މަގާމުގެ ބަދަލުގައި ރައީސް އެއް ހުންނަގޮތަށް އިސްލާހެއް ހުށަހެޅުމަށެވެ.

ޖޭޕީގެ ގައުމީ ކޮންގަރެސް ބާއްވަން ހަމަޖެހިފައިވަނީ މިމަހު 24 ގައެވެ.