ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތައް ގާއިމުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ދިވެހި ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގުވަޒަންކުރުމުން އެއީ އެކަން ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެ ބޭފުޅުންނަކީ ރާއްޖޭގެ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ހިއްސާދާރުން ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ދައުލަތް މިއަދު މިއޮތް ހިސާބަށް އައުމުގައި އެ ބޭފުޅުންގެ މިންނެތް މަސައްކަތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށާއި މިއަދު އެ ބޭފުޅުން އެ ތިއްބެވީ ދޮށީ އުމުރުގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް ރާއްޖެ ހޯދާފައިވާ ކުރިއެރުމާއި ތަރައްގީގެ އަސްލަކީ އެ ބޭފުޅުންގެ ޒުވާންކަމުގެ ހަކަތައާއި ބުންވަރު ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ގައުމީ ހިދުމަތްތަކުގެ އަގު އަބަދުވެސް ވަޒަންކުރަން ޖެހޭނެ ކަމަށާއި އެ ބޭފުޅުންގެ ރަނގަޅު ގޮތްތައް ހަމަޖަސައިދޭން ޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެހެންކަމުން އެފަދަ ބޭފުޅުން އެއްތަނަކުން ބައްދަލުވެ، އުފާވެރިކަމާއެކު ވަގުތު ހޭދަކޮށްލައި އުޅެވޭ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެން ގަސްދުކުރަނީ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްދެއްވުމަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒެއް ނާދީ ހުރި ބިމުގައި ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެތަނުގެ ހިދުމަތްތައް ފެށިގެންދާނެ ކަމަށެވެ. އަދި އެފަދަ މަރުކަޒުތަކުގެ ސަބަބުން އިސްރަށްވެހިންނަށް ދޭންޖެހޭ ހައްގާއި ގަދަރު ހޯއްދަވައިދެއްވުމަށް ބާރު އެޅިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން އެ މަރުކަޒުތަކުގެ ސަބަބުން އެ ބޭފުޅުންނަށް ބޭނުންވާ އިޖުތިމާއީ އެހީތެރިކަން ފުޅާ ދާއިރާއެއްފައި ލިބިގެން ދިއުމަށް މަގުފަހިވެގެންދާނެ ކަމަށާއި އަދި މުޖުތަމައުގައި އިސްރަށްވެހިންގެ ހިއްސާ މިހާރަށްވުރެ ބޮޑުވެ، އެ ބޭފުޅުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ ވަޒީފާއިން ވަކިވެވަޑައިގެން ތިއްބެވިޔަސް، މިރޭ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތް ހިންގުމުގެ ތަޖުރިބާއިން ފުރިފައިވާ ބޭފުޅުން ކަމަށެވެ. އަދި އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒާއެކު އެ ބޭފުޅުންގެ ތަޖުރިބާ ދައުލަތް ހިންގުމުގައި ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 86 ބޭފުޅަކަށް މިރޭގެ ޖަލްސާގައި ރައީސް ވަނީ އިނާމު ހަވާލުކޮށްދެއްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު