ދޭން ޖެހޭ ބަދަލެއް ދީފައި ނަމަވެސް، ޓްރެއިނިން ރިސޯޓް ހެދުމަށް މީގެ 13 އަހަރު ކުރިން، 2008 ވަނަ އަހަރު ދީފައިވާ، ލ. ބޮޑު ފިނޮޅާއި ތުނޑީ އަވަށުގެ ބޮޑު ސަރަހައްދު މިހާރު އޮތީ އެތަން ދިން މީހުންގެ އަތުން ވަކިކުރާ ހިސާބުގައި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.

އެއީ މާލޭގެ ކުރީގެ މޭޔަރު އާދަމް މަނިކު (ސަރަނގު އާދަމް މަނިކު) ހިއްސާވާ ޕްރިމިއާ އިކުއިޓީއާ ކުންފުންޏެކެވެ. އެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް އެތަނުގައި އިމާރާތްތައް ހެދުމަށް އަޅާފައި ހުރި ބައެއް ބިންގާތަކާއި ބައެއް ތަނބުތައް ފެންނަން އެބަހުއްޓެވެ.

ޓްރެއިނިން ރިސޯޓެއް ހެދުމަށް އެރަށް ދީފައިވާ ކުންފުނިން އެ މަސައްކަތް ކުރިއަށް ގެންދާނެތޯ އާއި މަސައްކަތް ކުރިއަށް ނުގެންދާނަމަ، އެތަން ކުންފުނިން ވަކިކޮށް، އެތަން އަލުން ތަރައްގީކުރަން ބަޔަކާ ހަވާލު ކުރަން މިނިސްޓްރީން ކުރާ މަސައްކަތާބެހޭ ގޮތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރާ ކުރެއްވި ސުވާލާ ގުޅުގެން މިނިސްޓަރު ވިދާޅުވީ، މިހާރު އެއީ ވަކިކުރަން ޖެހޭ ތަނެއް ކަމަށެވެ.

ނަމަވެސް އެތަން ކުންފުންޏަށް ދިނުމުގެ ބަދަލުގައި އެފަރާތުން ސަރުކާރަށް 2.7 މިލިޔަން ޑޮލަރު ދީފައިވާ ކަމަށާއި، އެތަން ވަކި ކުރާއިރު "2.7 މިލިޔަން ޑޮލަރުގެ ބަދަލެއް ދޭނެގޮތެއް ވިސްނަން ޖެހޭ،" ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެތަން ވަކިކޮށްލެވިދާނެ ކުރީގަވެސް ސިޔާސީ ބޭނުމަށް މީގެ ކުރިންވެސް އެކި ގޮތްގޮތަށް ތަންތަން ވަކިކޮށްފަ އެބަހުރި،"

މިނިސްޓަރު ވިދާޅުވީ، ގައްދޫ އެއާޕޯޓު ފުރިހަމަ މާނައިގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާއިރު، އެތަނަށް އަންނަ އެނދުތައް ތަރައްގީ ކުރުމަށް ވެސް ބޮޑު ފިނޮޅާއި ތުނޑީ އަވަށުގެ ސަރަހައްދު ވަަރަށް މުހިއްމު ކަމަށެވެ.