ފިލިޕީންސް އެލްޑާސްގޭޓް ކޮލެޖުގެ ޕީއެޗްޑީ ގަބޫލުކުރަން އަމުރު ނުކުރިޔަސް، އެ ކޮލެޖުގެ ޕީއެޗްޑީ ބަލައިގަންނަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ދެކޮޅު ހެދުމުގެ ސަބަބުން، ޕީއެޗްޑީ ހާސިލުކުރި ފަރާތްތަކަށް ލިބުނު ގެއްލުމަށް އެމްކިޔުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

އެލްޑާސް ކޮލެޖުން ސަނަދު ލިބޭގޮތަށް، ސްރީލަންކާގެ އެއިމްސް ކޮލެޖުގައި ހިންގަމުންދާ ޕީއެޗްޑީ ޕްރޮގްރާމަކީ އެމްކިޔުއޭގެ ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލުގެ ދަށުން ސަނަދު ދޫކުރާ މަރުކަޒު ހުންނަ ގައުމުގެ ސަރުކާރު ގަބޫލުކުރާ ސަނަދެއްތޯ އާއި އެމްކިޔުއޭގެ ސްޓޭންޑާޑުތަކާއި ކްރައިޓީރިއާތަކަށް ފެތޭ ކޯހެއްތޯ ބެލުމަށް 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ގދ. ތިނަދޫ، ޓުވައިލައިޓް، ޝަމްއޫން އާދަމް އާއި މާލެ، މ. ސިނައެކަތަ ފާތިމަތު މުމްތާޒް އަދި ނ. ވެލިދޫ، މަނާމް، ނިއުމާ މުހައްމަދު ވަނީ އެމްކިޔުއޭއަށް ހުށަހަޅައިފައެވެ.

އެމްކިޔޫއޭއިން ވަނީ އެ ޕްރޮގްރާމަށް "ރެކޮގްނިޝަން އޮފް ހަޔާ އެޑިއުކޭޝަން ޕްރޮވައިޑާ އެންޑް ޕްރޮގްރާމް" ގެ ލިޔުން ދޫކޮށްފައި ކަމަށް އެ ތިން ފަރާތުން ބުންޏެވެ. އެމްކިޔުއޭއިން ހުއްދަ ދިނުމުން އެ ޕްރޮގްރާމްގައި ބައިވެރިވެ ކިޔަވަމުން ދަނިކޮށް އެމްކިޔުއޭގެ ފަރާތުން ފޮނުވި ސާކިއުލާއެއްގައި، އެ ޕްރޮގްރާމާ ގުޅޭ ބައެއް ކަންކަން ބަލުމުންދާތީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ ޕްރޮގްރާމަށް "އިންސްޓިޓިއުޓް ޕްރޮގްރާމް ރިކޮގްނިޝަން" ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި އަދި އެ ޕްރޮގްރާމްގައި ކިޔަވަމުންދާ ދަރިވަރުން 2018 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަން އަންގައި ދިނުމަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ކަމަށް ދައުވާކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. އެ ސާކިއުލާ އެއްގޮތަށް ޕްރޮގްރާމްގައި ކިޔަވަމުންދާކަމުގެ ލިޔުން ހުށަހެޅުމުން އެމްކިޔުއޭއިން ވަނީ ޕީއެޗްޑީ ގަބޫލުކުރާނެކަން އަންގާފައިކަމަށް އެ ތިން ފަރާތުން ބުންޏެވެ.

ނަމަވެސް ޕްރޮގްރާމްގެ ކިޔެވުން ނިމި ޕީއެޗްޑީ ސެޓްފިކެޓް އެމްކިޔުއޭއަށް ހުށަހެޅުމުން ޕީއެޗްޑީ ގަބޫލުކުރަން ދެކޮޅު ހަދާފައިވާތީ ޝަމްއޫން އާއި ފާތިމަތު އަދި ނިއުމާ ވަނީ ޕީއެޗްޑީ ގަބޫލުކުރަން އެމްކިޔުއޭގެ މައްޗަށް އަމުރެއް ނެރެދިނުމަށާއި އަދި ގެއްލުމުގެ ބަދަލު ހޯދަން 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ދައުވާކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން މިއަދު އަމުރުކުރީ ސަނަދުތަކުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލުކުރުމުގެ އުސޫލު އޮންނަގޮތުގެ ސަބަބުން އެލްޑާސް ކޮލެޖުގެ ޕީއެޗްޑީ ގަބޫލުކުރަން އެމްކިޔުއޭގެ މައްޗަށް އަމަރު ނުކުރެވޭނެ ކަމަށެވެ.

ސަނަދުގެ ފެންވަރު ބެލުމުގެ އުސޫލާއި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ޕްރޮގްރާމްތައް ގަބޫލު ކުރުމުގެ އުސޫލު އޮންނަ ގޮތުން އެ ކޯހުގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނީ ދައުލަތުގެ އިދާރާއަކުން ބަލަންވާ ވަރަށް ނުބަލައި 2016 ވަނަ އަހަރު އެލްޑާސް ކޮލެޖުގެ ޕީއެޗްޑީ ސަނަދަށް ހުއްދަދޭނެކަން އަންގާފައިވާތީ ދަރިވަރުން ވަނީ 2018 ވަނަ އަހަރާ ހަމައަށް އެ ކޯހުގައި ކިޔެވުމަށް ހަރަދު ކޮށްފައި ކަމަށާއި އެހެންކަމުން ދަރިވަރުން ކުރި އެ ހަރަދުތަކަށް އެމްކިޔުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ އަމުރުގައިވެއެވެ.

އެމްކިޔުއޭއާ ދެކޮޅަށް ދައުވާކުރި އެކަކު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 23 މިލިއަން ރުފިޔާ ހޯދަން ދައުވާކޮށްފައެވެ. ދެން ތިބި ދެ މީހުން ވަނީ ކޮންމެ މީހެއްގެ ފަރާތުން 16 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގައި ނަގައިދިނުމަށް އެދިފައެވެ. ނަމަވެސް ސިވިލް ކޯޓުން އަމުރުކުރީ އެ އަދަދުތަކާ އެއްވަރަށް ދައުވާކުރި ފަރާތްތަކަށް ގެއްލުން ލިބުނުކަން ސާބިތުކުރަން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ އެ އަދަދުތަކުން ގެއްލުމުގެ ބަދަލު ނަގައި ނުދެވޭނެ ކަމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ އާދަމް އިބްރާހީމް އިސްމާއީލްއެވެ.