ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގެ ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެ ކަމަށާއި އެ ދާއިރާގެ މުވައްޒިފުންނަށް ވަރަށް ރަނގަޅު މުސާރައެއް ލިބޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޑރ. ފައިޒަލް މިއަދު ވިދާޅުވީ، ސިއްހީ ދާއިރާގެ ހުރިހާ މުވައްޒަފުންނަށްވެސް ލިބޭނެގޮތަށް މުސާރަ ބޮޑުކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނިންމަވައިފައެވެ.
ޑރ. ފައިޒަލް ވިދާޅުވީ، ސިއްހީ ދާއިރާގައި 55 ޕްރޮފެޝަން ހިމެނޭ ކަމަށެވެ. ނަމަވެސް އެ ހުރިހާ ޕްރޮފެޝަނެއްގައި ދިވެހި މުވައްޒަފުން ނެތް ނަމަވެސް އެ ހުރިހާ ފްރޮފެޝަނަކަށްވެސް ރަނގަޅު މުސާރައެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ސިއްހީ ދާއިރާއަށް ދިވެހިން ލިބުމުގައި އޮތް ދަތިކަމަށް ހައްލެއް ލިބި އެދާއިރާއަށް ދިވެހިންގެ ޝައުގުވެރިކަން އުފެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި މުޅި ސިއްހީ ދާއިރާއަށް ފަސް ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. އޭގެ ތެރެއިން 2.4 ބިލިއަން ރުފިޔާ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ކަނޑައަޅާފައިވާ އިރު، 500 މިލިއަން ރުފިޔާ ކަނޑައަޅާފައި ވަނީ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށެވެ. އަދި ސިއްހީ ދާއިރާއަށް މުވައްޒަފުން އިތުރުކުރުމަށް 40.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު