މިދިޔަ މަހު ވ. އަތޮޅު ކަނޑުން ފެނުނު ހަށިގަނޑުން ސާމްޕަލް ނެގުމަށްފަހު ވަޅުލައިފިއެވެ.
ވ. އަތޮޅު ވެމްޕަރު ފަޅު ހުޅަނގު އުތުރު ކަނޑުން މީހަކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ މަހުގެ ދެވަނަ ދުވަހުގައެވެ. ހަށިގަނޑު ފެނުނު އިރު އޮތީ ވަރަށް ބޮޑަށް ކުނިވެ ކާކުކަން ނޭނގޭވަރުވެފައިކަމުން އެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ޑީއެންއޭ އެނަލިސިސް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން މިއަދު ބުނީ ވ. އަތޮޅުން ފެނުނު ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އެ ހަށިގަނޑު ވަޅުލާފައިވާ ކަމަށެވެ.
އިތުރަށް މައުލޫމާތު ސާފުކުރުމަށް “ވަން” އިން ފުލުހުންނަށް ގުޅުމުން ވެސް އެ ހަށިގަނޑު ވަޅުލީ ކޮންތާކު ކަމެއް އަދި ކޮން ދުވަހެއްގައި ކަމެއް ފުލުހުން ނުބުނެއެވެ. އޭގެ އިތުރުން އެ ހަށިގަނޑާ ގުޅޭ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު