ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދޫކޮށްފައިވާ ކޮވިޑު19 ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ. އެކަމަށް އެދި ބީއެމްއެލްއަށް ހުށަހަޅާ ފަރާތްތަކަށް ޖުމުލަ 19 މަސްދުވަހުގެ މުއްދަތަކަށް، ގްރޭސް ޕީރިއަޑް އިތުރުކޮށްދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް ގްރޭސް ޕީރިއަޑް އިތުރުކުރެވޭނީ ކުރިން އެ މުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް 19 މަހަށް އިތުރުކޮށްދެވިފައި ނުވާ ފަރާތްތަކަށެވެ. އޭގެ އިތުރުން ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭގޮތަށް ޖުމުލަ 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށްވެސް ހުޅުވާލެވިފައިވާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.
ފިނޭންސުން އިތުރަށް ބުނީ އެ ސްކީމަކީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެ ދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލެވުނު ސްކީމަކަށް ވެފައި، ލޯނު އަނބުރާ ދެއްކުމުގައިވެސް ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ މިނިސްޓްރީގެ މަގުސަދެއް ކަމަށެވެ. އެއީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއަށް ވުމާއެކު، މި ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއް ކަމަށްވެސް ބުންޏެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 ރިކަވަރީ ސްކީމުން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ބޭނުންވާ ފަރާތްތަކާއި، ލޯނު ރީޝެޑިއުލްކުރަން ބޭނުންވާ ފަރާތަކުން މިއަދުން ފެށިގެން 60 ދުވަސް ތެރޭގައި ބީއެމްއެލްގެ ([email protected]) އަށް އީމެއިލްއަކުން އެކަން އަންގަން ޖެހެ އެވެ. އަދި އެ މުއްދަތު ހަމަވާ ތާރީހުގައި ބީއެމްއެލް އަށް ފާހަގަވެފައިވާ ނަން ޕާފޯމިން ލޯނު (90 ދުވަހަށްވުރެ ގިނަ ދުވަހަށް ޕޭމަންޓް އޯވާޑިއު ވެފައިވާ ފަރާތްތައް)ތަކާއި މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރުވެސް ފިނޭންސް މިނިސްޓްރީއަށް ލިބިގެންވާކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު