ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ އެފޯޑަބަލް ހައުސިން ލޯނު ނުލިބިގެން، މީހަކު ބޭންކާ ދެކޮޅަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ޔޫސުފް ނައީމް ނަމަކަށް ކިޔާ އެމީހާ ބޭންކާ ދެކޮޅަށް ދައުވާކުރީ ދަމާސް ރިއަލްއެސްޓޭޓުގެ ފަރާތުން ހުޅުމާލޭގައި އިމާރާތްކުރަމުންދިޔަ "ވަން އެވެނިއު" އެޕާޓްމަންޓުތަކުން އެޕާޓްމަންޓެއް ގަތުމަށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ލޯނު ސްކީމުގެ ދަށުން ލޯނަކަށް އެދުމުން، އެ ލޯނު ނުދީގެންނެވެ.

އެގޮތުން ބޭންކުން ލޯނު ދޫނުކުރަން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށާއި، ލޯނު ނުލިބުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުން 31،952ރ. ނަގައިދިނުމަށް އޭނާ ސިވިލް ކޯޓުގައި އެދުނެވެ.

ދައުވާގައި ބުނެފައިވަނީ، ބީއެމްއެލްގެ ވެބްސައިޓުގައި ހުރި މައުލޫމާތުގެ އިތުރަށް ބޭންކުގެ އިރުޝާދުގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ލޯނު ލިބޭނެ ކަމުގެ ޔަގީންކަމުގައި ޔޫސުފް ނައީމްގެ ފަރާތުން އެޕާޓްމަންޓުގެ ޑައުންޕޭމަންޓަށް 224،129ރ ދަމާސް އަށް ދެއްކި ކަމަށާއި ނަމަވެސް ލޯނު ހަމަނުޖެހުމުގެ ސަބަބުން އެޕާޓްމަންޓް ނުގަނެވުނު ކަމަށެވެ. އަދި ޑައުންޕޭމަންޓްގެ ރީފަންޑު ލިބުނީ 31،952ރ އުނިކުރުމަށް ފަހު ކަމަށްވެސް ބުންޏެވެ.

ބީއެމްއެލުން ދިފާއުގައި ބުނެފައިވަނީ، ޔޫސުފް ނައީމް ހުށަހެޅީ އެފޯޑަބަލް ހައުސިންނަށް ލޯނު ހޯދަން ނޫން ކަމަށާއި އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ލަކްޒަރީ އެޕާޓްމަންޓް ގަންނަން ލޯނު ދޫނުކުރާނެ ވާހަކަ އެމްއެމްއޭގެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ލޯނު ދޫކުރުމުގެ ގައިޑްލައިންގައި ބުނެފައިވާނެ ކަމަށެވެ. އަދިި އެޗްޑީސީ އާއި ދަމާސް ރިއަލް އެސްޓޭޓާ ދެމެދު ވެފައިވާ އެއްބަސްވުމަށް ބެލުމުން، ޔޫސުފް ނައީމްގެ ފަރާތުން ގަންނަން އެޕްލިކޭޝަން ހުށަހަޅާފައިވާ 'ވަން އެވެނިއު' ގެ އެޕާޓްމަންޓަކީ ލަކްޒަރީ އެޕާޓްމަންޓެއްކަން އެނގޭ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ހައުސިން ލޯނެއްގެ އެއްބަސްވުމުގައި ސޮއިކޮށްފައި ނުވާ ކަމަށާއި، ޔޫސުފް ނައީމްގެ އެޕްލިކޭޝަން ފޯމަކީ ހަމައެކަނި ހުށަހެޅުމެއް ކަމަށް ވެސް ބީއެމްއެލުން ފާހަގަކޮށްފައިވެއެވެ.

އެހެންވެ، ސިވިލް ކޯޓުން އިއްޔެ ވަނީ، ޔޫސުފް ނައީމަށް ލޯނު ނުދޭން ބޭންކުން ނިންމީ ރަނގަޅަށް ކަމަށާއި ބަދަލުގެ ގޮތުގައި ނަގައިދޭން އެދުނު ފައިސާވެސް ނަގައިދެވެން ނެތް ކަމަށް ހުކުމްކޮށްފައެވެ.