އެއްވެސް ތަނަކުން ގަހެއް ނެގުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް، މިނިސްޓާ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، އަމީނީ މަގު ހެދުމަށް ޓަކައި އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވިސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފު މިނިސްޓަރާ ސުވާލު ކުރެއްވީ، އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ހިސާބުގައި ހުރި ބޮޑެތި ގިނަ ގަސްތައް ކަނޑާލާފައިވާއިރު، ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ކެނޑުންތޯ އާއި ހިޔާދޭ ބިޔަ ގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯ އާއި، މާލޭ މަގުތައް ހަދައި ނިންމާއިރު ކިހާ އަދަދެއްގެ ގަހެއް ކަނޑަން ޕްލޭން ކޮށްފައިވޭތޯއެވެ.

ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެގަސްތައް ކެނޑީ ސަރުކާރުގެ ސިޔާސަތުގެ ދަށުންނޫން ކަމަށެވެ.

އެގަސްތައް ކެނޑީ އޭގެ މޫތަކުގެ ސަބަބުން ލިބޭ ގެއްލުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

"މި މަސައްކަތް ކުރުމުގައިހުރި ޗެލެންޖަކީ އޮފިއެލޭއަކީ އެގަސް ހެދި ބޮޑުވެގެންދާއިރު އޭގެ މޫތައް ފުދޭވަރަކަށް ޝެލޯ ސާފެސްއެއްގައި ހޮރިޒޯންޓަލްކޮށް ހެދެމުންދާ ގަސްތަކެއް، ގަސްތަކުގެ ފަލަމިން 30 ސެންޓި މީޓަކަށްވުރެން ފަަވާންފެށީމަ ދުނިޔޭގެ އެހެން ތަންތާގައިވެސް، ލިޓްރެޗާއިން ފެންނަންހުރީ، އަދި ރާއްޖޭގައިވެސް އެބަ ތަޖުރިބާކުރޭ މަގުތަކުގައި ހުންނަ ކާނުތަކާއި ޕޭވްމަންޓް ތަކާއި އަދި ރޯޑް ސާފަސް އޭގެ ސަބަބުން ޑެމޭޖު ކުރާކަން،"

މިނިސްޓަރު ވިދާޅުވީ މިފަހަރު މަގު ހަދަމުންދާއިރު ރައްޔިތުންނަށް ހިުދމަތް ދޭން ބޭނުންވާ އެތައް ހޮޅީތަކެއް މަގުގައި ވަޅުލަމުން އަންނަ ކަމަށެވެ.

"މަގު ހަދަމުންދާއިރު މަގުގެ ތެރެއަށް ގެނޭ އިތުރު ޕްރޮވިޝަންތަކެއް، މަގުގެ އަޑިއަށް، އޭގެ ތެރޭގައި ޑީ ވޯޓަރިން ހޮޅި އާއި، އެމްޑަބްލިއު އެސްސީގެ ފާހާނާގެ ނިޒާމު އަޕްގްރޭޓް ކުރުމުގެ އިތުރު ހޮޅިތަކާއި ހައިވޯލްޓޭޖް ކޭބަލްތަކަށް ޕްރޮވިޝަނެއްލައިފަހުރި ހޮޅިތަކާއި އަދިވެސް އެހެން ސާވިސްތަކަށް ލައިފަހުރި ހޮޅިތައް،"

އެ ގަސްތަކަކީ ޒަމާންވެފައިހުރި ބޮޑެތި ބިޔަ ގަސްތަކެއް، ކަމަށާއި 30 މީޓަކަށް ފަލަވާން ފެށީމަ ދުނިޔޭގެ އެހެން ގައުމު ތަކުގައިވެސް އެ ގަސްތަކަކީ ނަގާ ގަސްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

އަމީނީމަގުން މިހާތަނަށް ކެނޑި ގަސްތައް ހުޅުމާލެ އާއި ކުޑަގިރީގައި އިންދާފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިހާރު އެ ހަދާގޮތަށް މަގުތައް ހެދިގެންދާއިރު ގަސް އިންދަން ވަކި ތަނެއް އިންނާނެ ކަމަށާއި، ސަރުކާރުގެ ސިޔާސަތަކީ ކޮންމެސް 25 މީޓަރަކުން ގަސް އިންދުން ކަމަށެވެ.