މ. ކޮޅުފުށީގައި އިމާރާތްކުރަން ފަށާފައިވާ 100 ހައުސިން ޔުނިޓް މަސައްކަތް ނިންމުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުގެ އާއިލާ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްފިއެވެ.
ކޮޅުފުށީގެ ހައުސިން މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ ޕްރިސިޝަން އިންޖީނިއަރިން ސާވިސަސްއާއި ޕީއީއެސް މެރިން ސާވިސަސް ކުންފުންޏާއެވެ. އެ ދެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ދެ ކުންފުންޏާ ހަވާލުކުރި އެ މަޝްރޫއުގެ މަސައްކަތް ހުއްޓުނީ މިދިޔަ އަހަރުގެ އެޕްރީލް މަހުއެވެ. މަސައްކަތް ހުއްޓުނު އިރު، 100 ހައުސިން ޔުނިޓުގެ ތެރެއިން ނިންމިފައިވަނީ 34 ހައުސިން ޔުނިޓެއްގެ މަސައްކަތެވެ. އަދި ހަތް ހައުސިން ޔުނިޓެއް ހެދުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އެ މަސައްކަތް ނިންމުމަށް އާރުސީސީއާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމެންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އާރުސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑިރެކްޓަރު އާދަމް ރަހީމެވެ.
މިނިސްޓްރީން ބުނީ އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 117،784،123.50 (117 މިލިއަން) ރުފިޔާއަށް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން އިމާރަތްކުރާ ހައުސިން ޔުނިޓުތަކުގައި ތިން ކޮޓަރި އާއި ތިން ފަހާނާ ހުންނާނެއެވެ. އަދި ސިޓިން ރޫމްގައި ބަދިގެ އަކާއި ކާގެ އެއްގެ އިތުރުން ލޯންޑްރީ އަދި ސްޓޯ ރޫމެއް ހުންނާނެއެވެ.
ކޮޅުފުށީގައި އިމާރަތް ކުރާ ހައުސިން ޔުނިޓުގެ މަޝްރޫއަށް ހަރަދުކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއައިޕީ ބަޖެޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު