މާލޭގެ މަގުތައް ހަދާއިރު، ގަސްތައް ކަނޑާ މައްސަލައިގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފު، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމާ، ރައްޔިތުންގެ މަޖިލީހުގައި މާދަމާ ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.

ގަސް ކެނޑުމާބެހޭގޮތުން ހަސަލް ލަތީފު ތިން ސުވާލެއް މިނިސްޓަރު އަސްލަމާ ކުރަން ވަނީ ހަމަޖެހިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މާލޭގެ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ހިސާބުގައި ހުރި ބޮޑެތި ގިނަ ގަސްތައް ކަނޑާލާފައިވާއިރު، ސަރުކާރުގެ ސިޔާސަތަކީ މާލޭގެ މަގުތައް ހަދާއިރު އެ މަގުތަކުގައި ހުރި ގަސްތައް ކެނޑުންތޯ އޮޅުންފިލުވުމާއި، ހިޔާދޭ ބިޔަ ގަސްތައް ނުކަނޑައި މަގުތައް ނުހެދެނީތޯ އާއި، މާލޭ މަގުތައް ހަދައި ނިންމާއިރު ކިހާ އަދަދެއްގެ ގަހެއް ކަނޑަން ޕްލޭން ކޮށްފައިވޭތޯއެވެ.

އަމީނީ މަގު ހެދުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކެނޑި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި މަގު ހެދުމުގައި ގަސްތައް ކެނޑުން ނޫން އެހެން ގޮތަކަށް ނުވިސްނައިފިނަމަ، ޝަރީއަތަށް ވަޑައިގެންފާނެކަމުގެ އިންޒާރު ވެސް މީގެކުރިން އެމަނިކުފާނު ދެއްވިއެވެ.

އެފަހަރު އެ މަނިކުފާނު ވިދާޅުވީ، ގަހެއް ހެދުމަށް 15 ނުވަތަ 20 އަހަރު ނަގާއިރު، މަގެއް ހެދުމަށް ނަގަނީ ތިން މަސް ދުވަސް ކަމަށެވެ. އެހެންކަމުން ގަސްތައް ބަހައްޓައިގެން މަގުތައް ހެދޭނެ ގޮތެެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދާ އާރްޑީސީން މީގެކުރިން ބުނެފައި ވަނީ ތާރު އަޅައިގެން އަމީނީ މަގު ހަދާއިރު، އެ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެ ގަސްތައް ބުޑުން ނެގުމަށްފަހު ބަދަލު ކުރުމަށް ހަމަޖެހިފައި ވަނީ، ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރިއަށް ކަމަށެވެ. އަމީނީ މަގުގެ މަސައްކަތް ނިމުމުން އެ މަގުން ނެގި ގަސްތަކުގެ ބަދަލުގައި ގަސް އިންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އަމީނީ މަގު މުޅިން ހަދައި އަދި ނުނިމެއެވެ.