އިޓަލީގެ މާފިއާ ޖަމާއަތުގެ އެންމެ އިސްވެރިޔާ ކަމަށް ބެލެވޭ މަތެއޮ ޑެނާރޯ ތިރީސް އަހަރު ވަންދެން ފިލައިގެން އުޅެނިކޮށް ހައްޔަރު ކުރެވުނުތާ ދެ ހަފުތާ ފަހުން އަނެއްކާވެސް މާފިއާގެ އެހެން ސަރުދާރަކު އިޓަލީގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
އެންމެފަހުން ހައްޔަރު ކުރެވުނީ އުމުރުން 63 އަހަރުވީ އެޑްގާޑޯ ގްރޭކޯއެވެ. އޭނާ ހައްޔަރުކުރެވުނީ ފިލައިގެންއުޅޭތާ 32 އަހަރު ފަހުން ފްރާންސްގައެވެ. އޭނާ ފްރާންސްގައި ދިރިއުޅުނީ ޕައުލޯ ޑިމިޓްރިއޯގެ ނަމުގައި ޕީއްޒާ ޝެފަކަށް ވެގެންނެވެ. މީނާއަކީ އެތައް ބަޔަކު މެރުމުގެ ކުށް ސާބިތުވެ މީނާގެ ޣައިރުހާޒިރުގައި އުމުރަށް ޖަލަށްލާން ހުކުމް ކުރެވިފައިވާ މުޖުރިމެކެވެ. މީނާ ބޮޑަށް މަޝްހޫރުވެފައިވަނީ ޖަލު މުވައްޒަފުން މަރާ ގާތިލެއްގެ ގޮތުގައެވެ.
އިޓަލީގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މާފިއާ ސަރުދާރުންގެ ތެރެއިން އަދިވެސް ސީނިއަރ އިތުރު ހަތަރު މީހަކު ފިލައިގެން އެބައުޅެއެވެ. އެމީހުންގެ ތެރޭގައި އުމުރުން 75 އަހަރުވީ މީހަކާއި 73 އަހަރުވީ މީހަކުވެސް ހިމެނެއެވެ. އެމީހުން ހޯދުމަށްޓަކައި އިޓަލީގެ ފުލުހުންގެ ތެރެއިން ޚާއްސަ ޓީމަކުން މުޅި އިޓަލީ އާއި ޔޫރަޕުގައި ދަނީ އަތްފުނާ އަޅަމުންނެވެ.
މާފިއާއަށް ނިސްބަތްވާ މެންބަރުން އަމިއްލައަށް މާފިއާއެކޭ ނުކިޔައެވެ. އެމީހުން ކިޔަނީ ކޯސާ ނޮސްޓްރާ، މިހެންނެވެ. އިޓަލީ ބަހުން ކޯސާ ނޮސްޓްރާގެ މާނަޔަކީ އަހަރެމެންނެވެ. އަހަރެމެންގެ އޮޅިއެވެ. އަހަރެމެންގެ ދުނިޔެއެވެ. އަހަރެމެންގެ ވެއްޓެވެ. ކޯސާ ނޮސްޓްރާގެ ތެރޭގައި ތަފާތު ފެކްޝަންތައް ހުރެއެވެ. އެއީ ވާދަވެރި، ހަތުރުވެރި، ނިރުބަވެރި ފެކްޝަންތަކެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ