ބ. ހިތާދޫ ބަނދަރުގެ ބޭރުތޮށްޓާއި އެއްގަމުތޮށި ހެދުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

ހިތާދޫ ބަނދަރު މަޝްރޫއުގެ މަސައްކަތް ކުރިއަށްދާގޮތުގެ އަޕްޑޭޓެއް ދެމުން އެމްޓީސީސީން މިއަދު ބުނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ 32 ޕަސެންޓް ނިމިފައިވާ ކަމަށާއި އަދި ބަނދަރު ފުންކުރުމުގެ 57 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

ޖުމުލަ 17.07 މިލިއަން ރުފިޔާގެ މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގައެވެ. މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށި އެ މަޝްރޫއުގެ ދަށުން 14،929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުމާއި 495 މީޓަރުގެ ބޭރު ތޮއްޓަކާއި 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 350 މީޓަރުގެ އެއްގަމުތޮއްޓަކާއި ރޭމްޕެއް ހެދުމާއި 1،750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުން ވެސް ހިމެނެއެވެ.