ސަރުކާރުގެ ހުރިހާ ކުންފުނިތަކެއްގެ ބޯޑު މެންބަރުންނާއި މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތަކުގެ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހާމަކުރަންޖެހޭނެ ކަމަށް ހައިކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ހައިކޯޓުން އެގޮތަށް ކަނޑައެޅީ ބޭންކް އޮފް މޯލްޑިވެސް (ބީއެމްއެލް) ބޯޑުގެ ވަކިވަކި ޑިރެކްޓަރުންނާއި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ މައުލޫމާތު ހާމަކުރުމުގެ މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ހުކުމާއެކުގައެވެ.
މިއީ ބީއެމްއެލްގެ މުވައްޒަފުންނަށް ދޭ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލު (ބޯޑު އޮފް ޑިރެކްޓާސް ސީނިއާ މެނޭޖްމަންޓް ސްޓާފުން، އަދި އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް) ވަކިވަކިން އެނގޭނެހެން ހޯދުމަށާއި ބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަގާމުތަކުގެ ތަފުސީލު ހޯދުމަށް އެދި ގ. ކެތުލިން/ އަހްމަދު އައިމަން ލަތީން ބޭންކަށް ހުށަހެޅުމާ ގުޅިގެން އުފެދުނު މައްސަލައެކެވެ.
އެ މައުލޫމާތުތައް ބޭންކުން ނުދިނުމުން، އައިމަންގެ ފަރާތުން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިއެވެ. އެ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ނިންމީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެއީ ދޭންޖެހޭނެ މައުލޫމާތެއް ކަމަށެވެ. އެހެންކަމުން ހަތް ދުވަހުގެ ތެރޭގައި އެ މައުލޫމާތުތައް އޭނާއަށް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ ފަރާތުން ބީއެމްއެލްއަށް އެންގިއެވެ.
ނަމަވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުން ބީއެމްއެލުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދެ ނުކުތާއެއްގެ މައްޗަށް ހުށަހެޅި މި މައްސަލައިގެ ފުރަތަމަ ނުކުތާގައި ބީއެމްއެލުން ބުނީ، އެއީ "ދައުލަތުގެ އިދާރާ" އެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅާފައި ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނާ ހިލާފަށް ކަމަށެވެ. ދެވަނަ ނުކުތާގައި ބުނެފައި ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.
އެ ކަންތައްތަކަށް ރިއާޔަތްކޮށް ކޯޓުގައި ބޭންކުން ވަކާލާތުކުރީ ގާނޫނުގައި މައުލޫމާތު ދިނުމަށް ލާޒިމުކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ބޭންކު ނުހިމެނޭ ކަމަށެވެ.
މި މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ގާނޫނުގައި ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އެ ތަނެއް ހިންގުމުގައި ދައުލަތެއް މަސްއޫލިއްޔަތެއް އަދާކުރާ ތަންތަން ހިމެނޭ ކަމަށް ބަޔާންކޮށްފައިވާއިރު އޭގެ ތެރޭގައި ބީއެމްއެލް ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ވަންނާނެ ކަމަށެވެ.
އަދި އެ މައުލޫމާތަކީ ބޭންކުގެ ވިޔަފާރީގެ މަސްލަހަތަށްޓަކައި ދޫނުކުރެވޭނެ މައުލޫމާތު ކަމަށް ބޭންކުން ބުނެފައިވާ ނުކުތާއަށް ރިއާޔަތް ކުރާއިރު، އައިމަން ހޯދަން އެދުނު މައުލޫމާތަކީ ވިޔަފާރީގެ ސިއްރެއް ނުވަތަ ޓްރޭޑް ސީކްރެޓެއްގެ ގޮތުގައި ބެލެވިދާނެ މައުލޫމާތެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށްވެސް ހުކުމުގައިވެއެވެ.
އެ މައުލޫމާތު ހާމަކުރުމަކީ ބީއެމްއެލްގެ ވިޔަފާރީގެ ނުވަތަ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ކަމެއް ކަމަށް ބެލެވިދާނެ ސަބަބެއް ކަމަށް ބޭންކަށް ބުނެދެވިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން އައިމަން އެދުނު މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫ ނުކުރެވޭނެ މައުލޫމާތެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ މައްސަލައިގައި، އައިމަން އެދިފައިވާ މައުލޫމާތުތައް ދިނުމަށް އިންފޮމޭޝަން ކޮމިޝަނަރު ބޭންކަށް އަންގާފައިވާ އެންގުން ބާތިލުކުރަންޖެހޭ ފަދަ ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ބެއްލެވި ތިން ފަނޑީޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސެއިން މަޒީދު އާއި ފަނޑިޔާރު މުހައްމަދު ނިޔާޒު އާއި ފަނޑީޔާރު ޖަސަން ޝަަފީއުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު