އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުނުކޮށް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ދެން ބަދަލުނުކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރައްވައި ރިޔާސީ ޓިކެޓު ކަށަވަރުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް ސޯލިހުގެ ފަހަތްޕުޅަށް އަރައިވަޑައިގަތުމަށް ދެކޮޅު ހައްދަވައި، އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން"ގެ ނަމުގައި ގޮފިތަކެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފައެވެ.
ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި، ރިޔާސީ ޕްރައިމަރީގަައި އެމަނިކުފާނުގެ ފިކުރެއްގެ ދިރުމުގެ ފަރާތުން ތާއީދުކުރާ ކެންޑިޑޭޓެއް އިއުލާނުކުރާނީ ފަހުންނެވެ. ނަމަވެސް އިންތިހާބުގެ ކުރިއަށް ބަރުލަމާނީ ނިޒާމު ގެންނަން އެއްބަސްވާ ކެންޑިޑޭޓަކަށް ތާއީދުކުރަން ފަސޭހަވާނެ ކަމަށް ވިދާޅުވިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު މަސައްކަތް ކުރައްވަމުންގެންދަވަނީ ގިނަ ގޮފިތައް އުފައްދަވައި، އެމްޑީޕީގެ އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައި، އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރެއްވުމަށެވެ. ޕްރައިމަރީން ބަލިވެވަޑައިގެންނެވި ފަހުން ކެމްޕެއިން ޓީމުތަކާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވުމަށް ދޮންމަނިކު ސްކައިވިއުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި މެންދުރުގެ ފަރީއްކޮޅަށްފަހު އެކަމުގެ އިޝާރާތެއް ނަޝީދު ވެސް ދެއްވިއެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޕާޓީގެ ތެރޭގައި (އެމްޑީޕީގެ ތެރޭގައި) އަޅުގަނޑުމެންނަށް އިންތިޒާމުވެވޭނެ. ޕާޓީގެ ހިންގާ ގަވާއިދުވެސް ޖާގަދޭނެ. އަދި ޕާޓީގެ އުސޫލުތަކާއި ރޫހުވެސް މިކަމަށް ޖާގަދޭނެ،" ނަޝީދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް، އިންތިހާބު އިންތިޒާމުކުރި ކޮމިޓީން އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި އެ ކޮމިޓީގެ މުގައްރިރު އަދި ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ޕާޓީގެ ތިން ބައިކުޅަ އެއްބައި ގޮފިތަކުން އާދަޔާހިލާފު ކޮންގްރެސްއެއް ބޭއްވުމަށް ގޮވާލައިފި ނަމަ، ކޮންގްރެސްއެއް ބޭއްވިދާނެ ކަމަށެވެ.
"އާދަޔާހިލާފު ކޮންގްރެސްއެއް ބާއްވައިގެން އަސާސީ ގަވާއިދު ބަދަލުކުރެވިދާނެ. އަސާސީ ގަވާއިދު ބަދަލުކޮށް ރިޔާސީ ޓިކެޓު ދޭނެ މީހަކު ނިންމިދާނެ. އެކަން ކުރެވޭނީ ކޮންގްރެސްގެ މެޖޯރިޓީ ނަގައިގެން. ނަމަވެސް މިހާރު މިއޮތް ގޮތުން އަސާސީ ގަވާއިދު ބަދަލުނުކޮށް ކެންޑިޑޭޓު ބަދަލެއް ނުކުރެވޭނެ. އެ ޖާގައެއް ނުވެސް ނެތް،" ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އިބުރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ، ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ ޕްރައިމަރީއަކުން އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓެވެ. އަދި ޓިކެޓު ލިބޭ މީހަކަށް ވާދަނުކުރެވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ނުވަތަ ވާދަނުކުރަން ނިންމައިފި ނަމަ، ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ކޮންގްރެސް އިން ނުވަތަ ގައުމީ މަޖިލީހުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ރައީސް ސޯލިހަށް ތާއީދުނުކުރެއްވުމަށް ނަޝީދު ނިންމެވުމާ ގުޅިގެން އިބުރޭ ވިދާޅުވީ، ޕާޓީގެ އަސާސީ ގަވާއިދާ ރައީސް ނަޝީދު ހިލާފުވެވަޑައިގެންފައިވާކަން ފާހަގަކުރެވިފައިނުވާ ކަމަށާއި އެފަދަ ކަމެއް ކުރައްވައިފިނަމަ އެ އޮންނަ އުސޫލެއްގެ ތެރެއިން އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު